English Edition
Dhivehi Edition
ފޮޓޯ: އެމްޑީޕީ

ދައުލަތުގެ ބަޖެޓު މިވަގުތު ފެންނަން އޮތް ގޮތް ހުތުރު ކަމަށާއި އެހެން ނަމަވެސް އެ ހުތުރުކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެނައި ހަޑިހުތުރު ކަމެއް ނޫން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން މިއަދު އެމްޑީޕީގެ ހަރުގޭގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ބަޖެޓަށް ބުރަވެފައިވަނި މިހާރުގެ ސަރުކާރުގެ ދަރަނީގެ އެންމެ ލާރިއެއްވެސް ދައްކަން ޖެހިގެން ނޫން ކަމަށާއި، އެއީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ނެގި ދަރަނީގެ ސަބަބުން ވެފައިވާ ކަމެއް ކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރުން ނެގި ދަރަނީގެ ތެރެއިން ފަސް ބިލިއަން ރުފިޔާ އަނބުރާ ދައްކަން ބަޖެޓުގައި ހިމަނާފައިވާއިރު މިއަހަރުގެ ބާކީ އޮތް މުއްދަތުގައި 83 މިލިއަން ޑޮލަރު ޗައިނާއަށް ދައްކަން ޖެހޭ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަދި ދުނިޔެ ބަންދުވެފައިވާ މިފަދަ ދަނޑިވަޅެއްގައިވެސް، ޗައިނާ ފަދަ ގައުމަކުން އެއްވެސް ލުޔެއް ދިނުމެއް ނެތި ރާއްޖެއިން ދައްކަން ޖެހޭ ފައިސާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެއީ ދުނިޔެ ދަންނަ އިންސާފެއް ނޫން ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ކުރީގެ ސަރުކާރުގެ ދަރަނިތައް ދެއްކުމަށްޓަކައި މިސަރުކާރުގެ ފައްޓަރުބައި ވިއްކާލަން ޖެހިފައިވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުން ބެއްލެވުމެއް ނެތް، އޮޅުމެއް ނެތް ވިޔަފާރީގެ ދެކޮޅުޖެހުމެއް ބަލާލުމެއް ނެތި ރުފިޔާ ނަންގަވަމުން ގެންދެވިކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ކުރީގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން މިހާރު ދިމާވެފައިވާ ދަތި އިގްތިސާދީ ހާލުގެ ސަބަބުން ކުރީގެ ސަރުކާރުން ނަގާފައިވާ ދަރަނި ދެއްކުމަށްޓަކައި މިހާރުގެ ސަރުކާރަށް ދަރަނި ނަގައިގެން ކުރީ ސަރުކާރުގެ ދަރަނި ދައްކަން ޖެހިފައިވާ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ސަރުކާރަށް ދަރަނި ދެއްކުމަށްޓަކައި މަޖުބޫރުވެފައިވީ ނަމަވެސް މިހާރުގެ ސަރުކާރުން އެ ދަރަންޏަށް ހައްދަވާނެ ގޮތް ބައްލަވަން ތިއްބެވުމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން ކުރީގެ ދަރަނި ދެއްކުން ފަސްކުރާނެ ކަމަށާއި ނުވަތަ އެ ދަރަނި ކުޑަ ކުރާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ދަރަންޏަކީ މި ސަރުކާރުން ބަޔަަކަށް ދޭން އޮތް އެއްޗެއް ކަމަށާއި އެ ދެވޭނީ ދެވޭވަރުވީމަ ކަމަށާއި ނެތް އެއްޗެއް ނުދެވޭނެ ކަމަށާއި އަދި ނެތް އެއްޗެއް ބަލާ އެއްވެސް މީހަކު އަންނާނެ ކަމެއް ނެތް ކަމަށްވެސް ރައީސް ނަޝީދު ވަނީ މިއަދު ވިދާޅުވެފައެވެ.

އިގުތިސާދު މެނޭޖްކުރުމަށްޓަކައި މިވަގުތު ކުރަންޖެހޭ ކަންކަމުގެ ސަބަބުން އިތުރަށް ދަރަނީގެ އަދަދު މައްޗަށް ދާނެ ކަމަށް ސަރުކާރުން ހާމަކޮށްފައިވާއިރު 2021 ވަނަ އަހަރު ނިމޭ އިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.