މީދޫ އެކުވެރިންގެ ޗޭނުން އިންތިޒާމުކޮށްގެން އައްޑޫ ސިޓީ މީދޫގައި މިހާރު ކުރިއަށްދާ “އެމްއީސީ ބަދަހިކަޕް’ ގެ ގުރޫޕް ސްޓޭޖްގެ މެޗްތައް ނިންމާލައިފިއެވެ.
ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ފޯރިގަދަ ކުޅުމެއް ކުޅެ ގުރޫޕް މެޗްތައް ނިމިފައިވާއިރު މާދަމާރޭ ސެމީފައިނަލްގެ މެޗްތައް ކުޅޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ސެމީ ފައިނަލުގައި ފުރަތަމަ ބައްދަލުކުރާނީ ހުޅުމީދޫ ޕޮލިސް ރެކްރިއޭޝަން ކްލަބާއި ހުދުހުދު ޓީމެވެ. ދެވަނަ އަށް ބައްދަލު ކުރާނީ ހުޅުދޫ ޔޫތް އާއި އޭއެފްސީ އެވެ.
ގުރޫޕް މެޗްތަކުގެ އެންމެ ފަހު މެޗްތައް ރޭ ކުޅެފައިވާއިރު އެސްޓީއޯ ފާމަސީ އާއި އެސްޓީއެލް ބައްދަލުކޮށް 34-16 ޝޫޓް އިން މެޗް ކާމިޔާބު ކޮށްފައިވަނީ އެސްޓީއޯ ފާމަސީއެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެސްޓީއޯ ފާމަސީގެ ޖީޑީ އާސިޔަތު އަޙްމަދެވެ.
ރޭގެ ދެވަނަ މެޗްގައި ހުދުހުދު އަދި ހުޅުދޫ ޔޫތް ބައްދަލުކޮށް 15- 8 ޝޫޓުގެނަތީޖާ އަކުން މެޗް ކާމިޔާބު ކުރީ ހުޅުދޫ ޔޫތް އިންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުޅުދޫ ޔޫތްގެ ޖީއޭ ސަވާ އިބްރާހީމެވެ.
ގުރޫޕްގެ ސްޓޭޖްގެ މެޗްތައް ނިމިފައިވާއިރު ގުރޫޕް އޭ އިން އެންމެ ކުރީގައި އޮތީ ހުޅުދޫ ޔޫތެވެ. އަދި ގުރޫޕް ބީ އިން އެންމެ ކުރީގައި އޮތީ ހުޅުމީދޫ ޕޮލިސް ޓީމެވެ.
މީދޫ އެކުވެރިންގެ ޗޭނު ޖަމިއްޔާ އިން އިންތިޒާމު ކޮށްގެން މީދޫ ސްޕޯޓްސް އެރީނާގައި ކުރިއަށް ގެންދާ މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 19 ވަނަ ދުވަހުގައެވެ.
ފޯރި ގަދަކޮށް ކުރިއަށް ދާ މި މުބާރާތުގައި ޖުމްލަ 09 މުއައްސަސާއަކުންވަނީ ބައިވެރިވެފައެވެ. މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކުގެ ތެރެއިން އޭ ގުރޫޕްގައި ހުޅުދޫ ޔޫތް، އެސްޓިއޯ164، އެސްޓިއޯ ފާމަސީ، އެސްޓީއެލް ގެ އިތުރުން ހުދުހުދު ހިމެނިފައިވާއިރު ބީ ގުރޫޕްގައި ހިމެނޭ ޓީމްތަކަކީ އޭއެފްސީ، ފެނަކަ، އެމްޕީއެލް އަދި ހުޅުމީދޫ ޕޮލިސް ޓީމެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާ އާއި ޝިލްޑް އަދި މެޑަލް ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ އޭއޯ އެވެ.