English Edition
Dhivehi Edition
ސެނެގޯލްގެ ފޯވާޑް ސަޑިއޯ މާނޭ (ވ) އަތުން ބޯޅަ ހޯދަން ގިނީ-ބިސާއުގެ ކުޅުންތެރިއަކު މަސައްކަތްކުރަނީ. ރޭގެ މެޗުން ސެނެގޯލް މޮޅުވީ 1-0އިން. --ފޮޓޯ: އޭއެފްޕީ

އެފްރިކާ ކަޕް އޮފް ނޭޝަންސް ކޮލިފައިންގައި ރޭ ކުޅުނު މެޗުގައި ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ ވައްދާލި ލަނޑާއެކު 1-0 އިން ގިނީ-ބިސާއު ބަލިކޮށް ސެނެގޯލުން އެ މުބާރާތުން ޖާގައެއް ކަށަވަރުކޮށްފިއެވެ.

ރޭގެ މެޗުތަކަށްފަހު ގްރޫޕް އައިގެ އެއްވަނައިގައި ސައްތައިގެ ރެކޯޑަކާއެކު އޮތް ސެނެގޯލަށް 12 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ކޮންގޯ އަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި ގިނީ-ބިސާއު އަށް ތިން ޕޮއިންޓް ލިބިފައިވާއިރު އެންމެ ފުލުގައި އޮތް އެސްވަޓިނީ އަށް ޕޮއިންޓެއް ނުލިބެއެވެ.

ގިނީ-ބިސާއުގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗު ނިމެން 8 މިނެޓަށްވެފައިވަނިކޮށް މާނޭ ކާމިޔާބުކުރިއިރު، ގިނީގެ ޖޯޖް ނޮގުއެއިރާ އަށް ދެއްކި ރަތް ކާޑާއެކު އެ ޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

މީގެކުރީން، މިދިޔަ ބުދަ ދުވަހުގެ ރޭ މި ދެ ޓީމު ސެނެގޯލްގެ ދަނޑުގައި ކުޅުނު މެޗުން 2-0 އިން މޮޅުވިއިރު، މާނޭ ވަނީ ޕެނަލްޓީއެއް ކާމިޔާބުކޮށްފައެވެ.

ރޭގެ މެޗު ކާމިޔާބުކޮށް ފީފާ ރޭންކިންގައި އެފްރިކާ ބައްރުން އެންމެ ކުރީގައި އުޅޭ ސެނެގޯލުން ކުރިއަށް އޮތް އެފްރިކާ ކަޕް އޮފް ނޭޝަންސް އަށް ކޮލިފައިވިއިރު، ދެން މި މުބާރާތުން ޖާގަ ކަށަވަރުކޮށްފައިވަނީ ބާއްވާ ގައުމު ކެމަރޫން އެވެ.

ކުރިން އަންނަ އަހަރުގެ ޖަނަވަރީ އިން ފެބުރުއަރީ މަހުގެ ނިޔަލަށް ބޭއްވުމަށް ރޭވިފައި އޮތް މި މުބާރާތް މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ސަބަބުން ޖެހިގެން އަންނަ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހަށް ވަނީ ފަސްކުރެވިފައެވެ.