English Edition
Dhivehi Edition
އިންގްލެންޑް ކޮޅަށް ލަނޑުޖެހުމަށްފަހު ބެލްޖިއަމްގެ ޑްރީސް މާޓެންސް (ކ) އާއި ޔޫރީ ޓީލަމެންސް އުފާ ފާޅުކުރަނީ. --ފޮޓޯ: ޓުވިޓާ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ އިޓަލީ އާއި ބެލްޖިއަމް އަންނަ އަހަރުގެ އޮންނަ މި މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފިއެވެ.

އަމިއްލަ ދަނޑުގައި 2-0 ގެ ތަފާތަކުން އިންގްލެންޑް އަތުން ބެލްޖިއަމް މޮޅުވިއިރު، ޕޮލެންޑް އަތުން އިޓަލީ މޮޅުވީ ވެސް ހަމަ މިނަތީޖާއިންނެވެ.

ރޭގެ ނަތީޖާއާއެކު ބެލްޖިއަމް ވަނީ ލީގު އޭ ދޭއްގެ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. މިހާތަނަށް ކުޅުނު ފަސް މެޗުން ބެލްޖިއަމް އަށް 12 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ރޭ އައިސްލެންޑް އަތުން 2-1 އިން މޮޅުވި ޑެންމާކް އެވެ. ބެލްޖިއަމްގެ އިތުރުން ޑެންމާކް އަށް ވެސް ފައިނަލް ބުރުން ޖާގަ ހޯދުމުގެ ފުރުޞަތު އޮތްއިރު ރޭގެ މެޗުން ބަލިވި އިންގްލެންޑް ވަނީ ސެމީ ނުގޮސް ކަޓާފައެވެ. ތިންވަނައިގައި އޮތް އިންގްލެންޑަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި ޕޮއިންޓެއްނުލިބި އޮތް އައިސްލެންޑް ވަނީ ރެލިގޭޓްވެފައެވެ.

ބެލްޖިއަމްގެ ބްރަސަލްސްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ކާމިޔާބުކުރި ދެލަނޑުވެސް ޖަހާފައިވަނީ ފުރަތަމަ ހާފުގައެވެ. އެގޮތުން، މެޗުގެ 10 ވަނަ މިނެޓުގައި އެ ޓީމުން ލީޑްނެގީ އިނގިރޭސި ކްލަބު ލެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ޔޫރީ ޓީލަމެންސް ކާމިޔާބުކުރި ގޯލަކުންނެވެ. ގޯލާއި 20 ޔާޑު ދުރުން ފޮނުވާލި މި ބޯޅަ ގޮސް ގޯލްގެ ތެރެއަށް ވަނީ އިންގްލެންޑްގެ ޑިފެންޑަރު ޓައިރަން މިންގްސްގެ ފައިގައި ޖެހިފައެވެ.

އޭގެފަހުން، މެޗުގެ 23 ވަނަ މިނެޓުގައި ބެލްޖިއަމްގެ ލީޑް ފުޅާކޮށްދިނީ ލިބުނު ހިލޭޖެހުމަކުން ޑްރީސް މާޓެންސް އެވެ. އޭގެކުރީން، އިންގްލެންޑަށް ނަތީޖާ ހަމަހަމަކުރަން ލިބުނު ފުރުޞަތުގައި ޓޮޓެންހަމް ހޮޓްސްޕާގެ ފޯވާޑް ހެރީ ކޭން ފޮނުވާލި ބޯޅަ ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ ވަނީ ގޯލްގެ ރޮނގުމަތީން ސަލާމަތްކޮށްފައެވެ.

ޕޮލެންޑާ ދެކޮޅަށް އިޓަލީ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ޓުވިޓާ

އިޓަލީ ހިމެނޭ ލީގު އޭގެ އެއްވަނަ ގްރޫޕުގެ އިތުރު ދެ ޓީމަކަށް ފައިނަލް ބުރުން ޖާގަ ހޯދުމުގެ ފުރުޞަތު އެބައޮތެވެ. އިޓަލީގެ ދަނޑުގައި ޕޮލެންޑް އަތުން 2-0 އިން މޮޅުވިއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ޖޯޖީނިއޯ އާއި ޑޮމިނިކޯ ބެރާޑީ އެވެ. ޕޮލެންޑުގެ ޔަސެކް ގޮރާލްސްކީ އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތެއް ދެއްކުމުން އެ ޓީމުން މި މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. މި ގްރޫޕުގައި ހިމެނޭ ބޮސްނިއާ އެންޑް ހާޒެގޮވީނާއާ ދެކޮޅަށް ކުޅެ ނެދަލެންޑްސް މޮޅުވީ 3-1 އިންނެވެ. މި މެޗުގައި ނެދަލެންޑްސް އިން ޖެހި ތިން ލަނޑުގެ ތެރެއިން ދެލަނޑުޖަހައިދިނީ ޖޯޖީނިއޯ ވައިނަލްޑަމް އެވެ. އެ ޓީމުގެ އަނެއް ލަނޑުޖަހައިދިނީ މެމްފިސް ޑިޕާއީ އެވެ. ބޮސްނިއާގެ ހަމައެކަނި ލަނޑުޖަހައިދިނީ ސްމައިލް ޕްރެވެލެޔެކް އެވެ.

ރޭގެ މެޗުތަކަށްފަހު މި ގްރޫޕުގައި މިހާތަނަށް ކުޅުނު ފަސް މެޗަށްފަހު އެއްވަނައިގައި އުޅޭ އިޓަލީ އަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ނެދަލެންޑްސް އެވެ. ތިންވަނައިގައި އޮތް ޕޮލެންޑަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފުލުގައި އޮތް ބޮސްނިއާ އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.

ނޭޝަންސް ލީގުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު ވޭލްސްގެ ދަނޑުގައި 1-0 އިން އަޔާލެންޑް އަތުން މޮޅުވިއިރު، އެ ޓީމުގެ ހަމައެކަނި ލަނޑުޖަހައިދިނީ ޑޭވިޑް ބްރޫކްސް އެވެ. ހަންގޭރީއާ ސާބިއާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، ޗެކް ރިޕަބްލިކް ވަނީ އަމިއްލަ ދަނޑުގައި 1-0 އިން އިޒްރޭލް ބަލިކޮށްފައެވެ.

މި މުބާރާތުގެ ލީގު އޭގައި ހިމެނޭ ހަތަރު ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕެއްގެ އެއްވަނަ ހޯދާ ޓީމު އަންނަ އަހަރު އޮންނަ ފައިނަލް ބުރަށް ހޮވޭއިރު، މިހާތަނަށްއައިއިރު މިފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފައިވަނީ އެންމެ ފަހުގެ ވޯލްޑްކަޕްގެ ޗެމްޕިއަން ފްރާންސުން އެކަންޏެވެ.