English Edition
Dhivehi Edition

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ރަށުން ބޭރުގައި ސްވިޒަލެންޑާ ދެކޮޅަށް ސްޕެއިން 1-1 އިން އެއްވަރުވުމުގެ ފައިދާނަގައި ޔޫކްރޭން އަތުން 3-1 އިން މޮޅުވެ ޖަރުމަނު ވަނީ ގްރޫޕުގެ އެއްވަނަ އަށް ޖެހިލާފައެވެ.

ރޭގެ ނަތީޖާއާއެކު ޖަރުމަނު ވަނީ ލީގު އޭ ހަތަރެއްގެ އެއްވަނައިގައި ކުޅުނު ފަސް މެޗުން ނުވަ ޕޮއިންޓް ހަމަކޮށްފައެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި ސްޕެއިން އޮތްއިރު، ތިންވަނައިގައި ހަ ޕޮއިންޓާއެކު އޮތީ ޔޫކްރޭން އެވެ. އެންމެ ފުލުގައި އުޅޭ ސްވިޒަލެންޑަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މި ގްރޫޕުގެ ނަތީޖާތައް ނިކުތްގޮތުން ފަހު މެޗުގައި ޖަރުމަނާ ދެކޮޅަށް ސްޕެއިން ކުޅޭ މެޗު ވެފައިވަނީ ފައިނަލަކަށެވެ. އެ މެޗު ކާމިޔާބުކުރާ ޓީމަކަށް މި ގްރޫޕުގެ އެއްވަނަ ލިބި، މި މުބާރާތުގެ ފައިނަލް ބުރުން ޖާގައެއް ކަށަވަރުވެގެންދާނެއެވެ.

ބަސެލްގެ ސެއިންޓް ޖެކޯބް ޕާކްގައި ރޭ ކުޅުނު މެޗާއެކު ރެއާލް މެޑްރިޑް އަދި ސްޕެއިން ކެޕްޓަން ސާޖިއޯ ރާމޯސް ވަނީ ގައުމީ ޓީމަށް 177 މެޗު ހަމަކޮށް، ޔޫރަޕްގެ ގައުމަކަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ރާމޯސްގެ ފަރާތުން ރެކޯޑެއް ފެނިގެންދިޔަނަމަވެސް، ރޭގެ މެޗުގައި ސްޕެއިނަށް ލިބުނު ދެ ޕެނަލްޓީ އޭނާ ފޮނުވާލުމުން ސްވިޒަލެންޑްގެ ކީޕަރު ޔަން ސޮމާ ވަނީ މަތަކޮށްފައެވެ. އޭގެކުރީން އޭނާ ފޮނުވާލި 25 ޕެނަލްޓީ ވަނީ ކާމިޔާބުކޮށްފައެވެ.

ރޭގެ މެޗު ފަށައިގެން ހީކުރިގޮތާ ހިލާފަށް 26 ވަނަ މިނެޓުގައި ލީޑްނެގީ ސްވިޒަލެންޑުންނެވެ. މިލަނޑު އެ ޓީމަށް ޖަހައިދިނީ ރެމޯ ފްރެއުލާ އެވެ. މި މެޗުގެ ފުރަތަމަ ހާފު 1-0 އިން ސްވިޒަލެންޑް ކުރީގައިއޮވެގެން ނިމުނުއިރު، ސްޕެއިނުން ނަތީޖާ ހަމަހަމަކުރީ މެޗުގެ ނިމެން މިނެޓަކަށްވެފައިވަނިކޮށް ސާޖިއޯ ރެގީލޯން ތަނަވަސްކުރި ފުރުޞަތަކުން ޖެރަޑް މޮރޭނޯ އެވެ. އޭގެކުރީން، މެޗުގެ 79 ވަނަ މިނެޓުގައި ސްވިޒަލެންޑްގެ ނިކޯ އެލްވެދީ އަށް ދެއްކި ރަތް ކާޑާއެކު އެ ޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ޖަރުމަނުން ފަހަތުން އަރައި 3-1 އިން ޔޫކްރޭން ބަލިކުރިއިރު، އެ ޓީމުގެ ތިން ލަނޑުގެ ތެރެއިން ދެލަނޑުޖަހައިދިނީ ޓިމޯ ވާނާ އެވެ. އަނެއް ލަނޑުޖަހައިދިނީ ލެރޯއީ ސާނޭ އެވެ. ޔޫކްރޭންގެ ހަމައެކަނި ލަނޑުޖަހައިދިނީ ރޯމަން ޔަރެމްޗުކް އެވެ.

މި މުބާރާތުގައި ރޭ ކުޅުނު ބައެއް އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ފެރޯ އައިލެންޑްސްއާ ދެކޮޅަށް ލެޓްވިއާ ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، ސައިޕްރަސް ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ލަގްޒެމްބޯގް ބަލިކޮށްފައެވެ. އަޒަރުބައިޖާންއާ މޮންޓެނީގްރޯ ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވެގެންނެވެ. އެންޑޯރާ އަތުން މޯލްޓާ މޮޅުވީ 3-1 އިންނެވެ.