ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ބަލިކޮށް ދުނިޔޭގެ ޗެމްޕިއަން ފްރާންސުން މި މުބާރާތުގެ ފައިނަލް ބުރުން ޖާގަ ކަށަވަރުކޮށްފިއެވެ. ޕޯޗުގަލް އަތުން ފްރާންސް މޮޅުވީ 1-0 އިންނެވެ.
މިއީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ޕޯޗުގަލްގެ ދަނޑުގައި އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ. އަދި 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފަހުން އެ ޓީމު ބަލިވި ފުރަތަމަ މެޗުވެސް މެއެވެ.
ފްރާންސާއި ޕޯޗުގަލްގެ އިތުރުން ކްރޮއޭޝިއާ އަދި ސްވިޑަން ހިމެނޭ ލީގު އޭ ތިނެއްގައި މިހާތަނަށް ކޮންމެ ޓީމެއް ފަސް މެޗު ކުޅެ ތާވަލްގެ ކުރީގައި ތިން ޕޮއިންޓްގެ ލީޑެއްް ފްރާންސަށް ލިބިފައިވާއިރު، ދެވަނައިގައި އޮތް ޕޯޗުގަލަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. މި ގްރޫޕުގެ އެންމެ ފުލުގައި އުޅޭ ކްރޮއޭޝިއާ އަދި ސްވިޑަން އަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ފަހު މެޗުން ފްރާންސް ބަލިވެ ޕޯޗުގަލް މޮޅުވެގެން ދެ ޓީމުގެ ޕޮއިންޓް އެއްވަރުވި ނަމަވެސް ފްރާންސަށް ލީގުގެ އެއްވަނަ ނުގެއްލޭނެ އެވެ. އެއީ ހެޑް-ޓު-ހެޑް ގަވާއިދުން އެ ޓީމަށް ކުރި ލިބޭނެތީއެވެ.
ރޭގެ މެޗަށް ދެ ޓީމުން ވެސް ނިކުތީ މެޗު ކާމިޔާބުކޮށް އަނެއް ބުރުން ޖާގަ ހޯދުން އަމާޒަކަށް ހަދައިގެންނެވެ. އެހެންނަމަވެސް، ރޭގެ މެޗަށް ނިކުތްއިރު ފްރާންސްގެ ފޯވާޑް ލައިންގައި ހިމެނޭ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާޕޭ އަށް އަނިޔާގެ ސަބަބުން ނުކުޅެވުމުން އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަށް ވަނީ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެންނަން މަޖުބޫރުވެފައެވެ. އެހެންކަމުން ރޭގެ މެޗުގައި އެ ޓީމުގެ ފުރަތަމަ އެގާރައިގައި އެންތަނީ މާޝިއަލް އާއި ކިންގްސްލީ ކޯމަން ހިމަނާފައިވާއިރު، އާއްމުކޮށް ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދަމުން އަންނަ އޮލިވިއޭ ޖިރޫ ފެށީ ބެންޗުންނެވެ.
ޕޯޗުގަލްގެ ބެންފީކާގައި ހުންނަ އެސްޓާޑިއޯ ޑަ ލުޒް ގައި ރޭ ކުޅުނު މި މެޗު ފެށިގެން ފްރާންސުން ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފައްދާފައިވާއިރު، އެ ޓީމުގެ ފޯވާޑް މާޝިއަލް ވަނީ ލަނޑުޖަހަން ލިބުނު ތިން ފުރުޞަތެއް ނަގާލާފައެވެ. އެގޮތުން، މާޝިއަލް ފޮނުވާލި ދެ ބޯޅައެއް ޕޯޗުގަލްގެ ކީޕަރު ރުއީ ޕެޓްރީޝިއޯ މަތަކުރިއިރު އަނެއް ހަމަލާ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. ފުރަތަމަ ހާފުގައި ޕޯޗުގަލް ޓީމަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިންނެވެ.
މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިގެން 8 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޗެލްސީގެ މިޑްފީލްޑަރު އެންގޯލޯ ކާންޓޭ އެވެ. މިއީ އެ ޓީމުގެ އެޑްރިއެން ރަބިއޯ ފޮނުވާލި ބޯޅައެއް ޕޯޗުގަލްގެ ކީޕަރު ޕެޓްރީޝިއޯ އަތުގައި ޖެހިފައި ނިކުތްވަގުތު ދެވަނަ ފަހަރަށް ކާންޓޭ އަށް ލިބުމުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. މިއީ ފްރާންސްގެ ޖާޒީގައި ކާންޓޭ މިހާތަނަށް ކުޅުނު 44 މެޗުގައި ޖެހި ދެވަނަ ލަނޑެވެ.
އޭގެފަހުން، ޕޯޗުގަލް އަށް ނަތީޖާ ހަމަހަމަކުރަން ހޯސޭ ފޮންޓޭ އާއި ޔާއޯ މޮޓީނިއޯ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މެޗުގެ 60 ވަނަ މިނެޓުގައި ބެނާޑޯ ސިލްވާ ނަގައިދިން ހިލޭޖެހުމަކުން ފޮންޓޭ ބޮލުން ފޮނުވާލި ބޯޅަ ގޯލްގެ އަރިމަތީދަނޑިއަށް އަމާޒުވެފައިވާއިރު، މެޗުނިމެން 15 މިނެޓަށްވެފައިވަނިކޮށް ޕެނަލްޓީއޭރިޔާބޭރުން މޮޓީނިއޯ ފޮނުވާލި ބޯޅަ ފްރާންސްގެ ކީޕަރު ހޫގޯ ލޮރިސް މަތަކުރިއެވެ.
މެޗަށްފަހު ވާހަކަދައްކަމުން ފްރާންސްގެ ކޯޗު ޑެޝޯމްޕްސް ބުނީ އިދިކޮޅަށް ކުޅުނު ޓީމުގެ ފެންވަރަށް ބަލާއިރު މިއީ ފަހަކަށްއައިސް އޭނާގެ ޓީމުގެ ފަރާތުން ފެނިގެންދިޔަ އެންމެ މޮޅު މެޗު ކަމަށެވެ. އަދި މި މެޗުން މޮޅުވުން ހައްގުކަމަށާއި ގްރޫޕުގެ އެއްވަނަ ކަށަވަރުކުރެވުމުން އަމާޒަށް ވާސިލްވެވިއްޖެކަމަށެވެ. މީގެއިތުރުން، މި މެޗުގައި ފެނިގެންދިޔަ ކުޅުމަށް ޓީމުގެ ހުރިހާ ކުޅުންތެރިންނާ މެދު ފަޚުރުވެރިވާކަމަށާއި، ފްރާންސް އަކީ އަދިވެސް ވަރުގަދަ ޓީމެއްކަން އެ ކުޅުންތެރިން މިރޭ ސާބިތުކޮށްދީފިކަމަށެވެ.
މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ސްވިޑަންގެ ދަނޑުގައި އެ ޓީމު ވަނީ 2-1 އިން ކްރޮއޭޝިއާ ބަލިކޮށްފައެވެ. ސްވިޑަންގެ ލަނޑުތައް ޖަހައިދިނީ ޑޭޔާން ކުލުސެވްސްކީ އާއި މާކަސް ޑެނިއެލްސަން އެވެ. ކްރޮއޭޝިއާގެ ގޯލަކީ ސްވިޑަންގެ ޑެނިއެލްސަން އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި، ނެދަލެންޑްސްއާ ބޮސްނިއާ އެންޑް ހާޒެގޮވީނާ ބައްދަލުކުރާ މެޗާއި އިޓަލީއާ ޕޮލެންޑް ކުޅޭ މެޗުގެ އިތުރުން ބެލްޖިއަމް އާ ދެކޮޅަށް އިންގްލެންޑް ނިކުންނަ މެޗު ފާހަގަކޮށްލެވެއެވެ.