English Edition
Dhivehi Edition
އެމްއީސީ ބަދަހިކަޕް ގައި ހުޅުދޫ ޔޫތާއި އެސްޓީއެލް ބައްދަލުކުރި މެޗްގެ ތެރެއިން: ފޮޓީޯ އޭއޯ ލުބްނާ މަޖީދު މުޚުތާރު، އޭއޯ ނިއުސް

އައްޑޫ ސިޓީ މީދޫގައި މިހާރު ކުރިއަށްދާ “އެމްއީސީ ބަދަހިކަޕް’ ގައި ރޭ ހުޅުދޫ ޔޫތާއި އެސްޓީއެލް ބައްދަލު ކުރި މެޗް ފޯރިގަދަ ކުޅުމަކަށް ފަހު 42- 8 ޝޫޓްގެ ތަފާތަކުން ހުޅުދޫ ޔޫތް މެޗް ކާމިޔާބު ކޮށްފިއެވެ.

މީދޫ އެކުވެރިންގެ ޗޭނު ޖަމިއްޔާ އިން އިންތިޒާމު ކޮށްގެން މީދޫ ސްޕޯޓްސް އެރީނާގައި ކުރިއަށް ގެންދާ މި މުބާރާތުގައި ރޭ ދެ މެޗް ކުޅެފައިވާއިރު އެންމެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ހުޅުދޫ ޔޫތް ޓީމާއި އެސްޓިއެލްގެ ޓީމެވެ. މި މެޗް 42 ޝޫޓް 8 ޝޫޓް އިން ކުރި ހުޅުދޫ ޔޫތް ކާމިޔާބު ކޮށްފައިވާއިރު މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުޅުދޫ ޔޫތް ޓީމުގެ ޖީޑީ އަމީޝާ ސަލާމެވެ.

ރޭގެ ދެވަނަ މެޗްގައި އެސްޓީއޯ 164 އާއި އެސްޓީއޯ ފާމަސީ ބައްދަލުކޮށް 25 ޝޫޓް 7 ޝޫޓް އިން ކުރި ހޯދާފައިވަނީ އެސްޓީއޯ ފާމަސީއެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެސްޓީއޯ ފާމަސީގެ ޖީޑީ އާސިޔަތު އަޙްމަދެވެ.

ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން ކުރިއަށް ދާ މި މުބާރާތުގެ ގުރޫޕް މެޗްތައް ނިމޭނީ ނޮވެމްބަރު 15 ވަނަ ދުވަހުގައެވެ. މި މުބާރާތުގެ ސެމީ ފައިނަލުގެ މެޗް ނޮވެމްބަރ 17 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ މަހުގެ 19 ވަނަ ދުވަހުގައެވެ.

ދެ ގުރޫޕަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 09 މުއައްސަސާއަކުންވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކުގެ ތެރެއިން އޭ ގުރޫޕްގައި ހުޅުދޫ ޔޫތް، އެސްޓިއޯ164، އެސްޓިއޯ ފާމަސީ، އެސްޓީއެލް ގެ އިތުރުން ހުދުހުދު ހިމެނިފައިވާއިރު ބީ ގުރޫޕްގައި ހިމެނޭ ޓީމްތަކަކީ އޭއެފްސީ، ފެނަކަ، އެމްޕީއެލް އަދި ހުޅުމީދޫ ޕޮލިސް ޓީމެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ރުފިޔާ އާއި ޝިލްޑް އަދި މެޑަލް ދިނުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ އޭއޯ އެވެ.