English Edition
Dhivehi Edition
ދިވެހިރާއްޖޭގެ ހައިކޯޓު - ފޮޓޯ: ސީޓީއެލް ސްޓްރެޓެޖީސް

ދިވެހިރާއްޖޭގެ ހައި ކޯޓަށް ޗީފް އެޑްމިނިސްޓްރޭޓަރަކު ހޯދަން އިޢުލާންކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ އެ މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ނޮވެންބަރު 23 ވާ ހޯމަ ދުވަހުގެ 13:30ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަންވާނެ ކަމަށެވެ.

އެ މަޤާމުގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.

މީގެ އިތުރުން އެ މަޤާމަށް ކުރިމަތިލާ ފަރާތަކީ ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ވެގެން ނުވާނެއެވެ. އަދި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުންވެސް މަޤާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އެ މަޤާމަށް ހޮވޭ ފަރާތަކަށް އަސާސީ މުސާރައިގެ ގޮތުގައި 11،065ރ. ލިބޭނެއިރު، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި 4،979.25ރ. އަދި ސަރވިސް އެލަވަންސްގެ ގޮތުގައި 2،000ރ. އާއި ލިވިންގ އެލަވަންސްގެ ގޮތުގައި 2،850ރ. ލިބޭނެއެވެ.