English Edition
Dhivehi Edition
ގދ. ތިނަދޫގައި ކުރިއަށް ގެންދިޔަ ޖާނަލިޒަމް ކޯހުގެ ބައިވެރިން

ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން (ސްކީމް) ގެ ގއ.އަތޮޅު ޗެޕްޓަރ އާއި އޭއޯ ނިއުސް ގުޅިގެން ގއ. ގެމަނަފުށި އަދި ވިލިގިނލީގައި ނޫސްވެރިން ތަމްރީނު ކުރުމުގެ ބޭސިކް ކޯހަކަށް ފުރުސަތު ހުޅުވާލައިފިއެވެ.

ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ބޭސިކް ލެވެލް ގެ މި ކޯހުގައި 10 ވަނަ ގްރޭޑާ ހަމައަށް ތައުލީމު ހާސިލްކޮށްފައިވާ ކޮންމެ މީހަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ. މި ކޯހުގެ ފުރަތަމަ ބުރު ގެމަނަފުށީގައި ކުރިއަށް ގެންދާއިރު ދެވަނަ ބުރު ކުރިއަށް ގެންދާނީ އެ އަތޮޅު ވިލިނގިލީގައެވެ.

ނޫސްވެރިން ތަމްރީން ކުރާ މި ކޯހުގެ މަގްސަދަކީ ގއ.އަތޮޅުގެ ޒުވާނުންގެ ތެރެއިން ނޫސްވެރިކަމުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދީ އަމަލީ މައިދާނުގައި މަސައްކަތް ކުރާނެ ޕްލެޓްފޯމެއް ހޯދައިދިނުމެވެ. އަދި އެ ރޮނގުން މަތީ ތައުލީމު ހާސިލް ކުރުމަށް ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތުވެސް ފަހި ކޮށްދިނުމެވެ.

އެގޮތުން މި ކޯހުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅަށް ޕާފޯމް ކުރެވޭ ބައިވެރިއަކަށް ނޫސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން މި ދާއިރާގައި އަމަލީ މަސައްކަތް ކޮށް ތަމްރީނު ވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ފަހިކޮށް ދެވޭނެއެވެ.

މި ޕްރޮގްރާމުގައި މައިގަނޑުގޮތެއްގައި ކިޔަވައިދޭނީ ޚަބަރު ލިޔުމާއި މައުލޫމާތު ހޯދުމާއި އަދި ޓީވީ ޕްރެޒެންޓިން އެވެ. ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އޮންލައިން ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމުން ކޯހުގައި ބައިވެރިވެވޭނެއެވެ. ކޯހުގައި ބައިވެރިވުމަށް ދައްކަން ޖެހޭނީ 250ރުފިޔާގެ ފީއެކެވެ. އަދި ކޯހުގައި ބައިވެރިވުމަށް އޮންލައިން ރަޖިސްޓްރޭޝަން ތިރީގައި މިވާ ލިންކުން ފުރިހަމަ ކުރެވޭނެއެވެ.

http://form.jotform.com/kiyavaakudhin/bjc-gaafalif

އޭއޯ ނިއުސް އިން މީގެ ކުރިންވެސް އައްޑޫ, ފުވައްމުލައް އަދި ގދ ތިނަދޫގައި މިފަދަ ތަފާތު ޕްރޮގްރާމުތައް ހިންގައި ޒުވާނުން ތަމްރީންކޮށް މި ދާއިރާއަށް ނެރެދީފައިވާއިރު މިއީ ސްކީމް އާއި ގުޅިގެން އޭއޯ އިން ކުރިއަށް ގެންދާ 4 ވަނަ ތަމްރީނު ޕްރޮގްރާމެވެ. މި ޕްރޮގްރާމު ތަކުން ކޮންމެ ޕްރޮގްރާމަކުން އެންމެ މޮޅު ދަރިވަރަށް ބޭރުގެ ސްކޮލަޝިޕް ފުރުސަތު ހޯދާދީފައިވާއިރު އޭއޯ ނިއުސްގެ އެހީ އާއެކު ރާއްޖެއިން ބޭރުގައި މިހާރުވެސް 2 ކުއްޖަކު ޖާނަލިޒަމް ޑިޕޮލޮމާ ކޯސް ފުރިހަމަ ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ނޫސްވެރިން ތަމްރީނު ކުރުމުގެ މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ސްކީމްގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރުމުން އިތުރު މައުލޫމާތު ދެވޭނެއެވެ. ނުވަތަ 7782034 މި ނަމްބަރުން ވެސް މައުލޫމާތު ލިބިގެންދާނެއެވެ.

http://web.facebook.com/SCEAM2019/ (ސްކީމްގެ ފޭސް ބުކް ޕޭޖް)

ތިރީގައި މިވަނީ ގދ. ތިނަދޫގައި ކުރިއަށް ގެންދިޔަ ބޭސިކް ޖާނަލިޒަމް ކޯހުގެ ބައިވެރިންގެ މަސައްކަތްތައް ދައްކުވައިދޭ ވީޑިއޯ އެކެވެ.