ލިވަޕޫލް އަދި މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާކަމަށް މިސްރުގެ ފުޓްބޯޅަ އެސޯސިއޭޝަން (އީއެފްއޭ) އިން ހާމަކޮށްފިއެވެ.
އީއެފްއޭ އިން ބުނީ ސަލާހުގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ. އަދި މިކަމާ ގުޅިގެން އެ ޓީމުގެ އެހެން ހުރިހާ ކުޅުންތެރިން ކޮވިޑް-19 އަށް ހެދި ޓެސްޓްތައް ނެގެޓިވްވެފައިވާކަމަށެވެ.
އުމުރުން 28 އަހަރުގެ ސަލާހު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު އެފްރިކާ ކަފް އޮފް ނޭޝަންސްގެ ކޮލިފައިންގައި މާދަމާ އަމިއްލަ ދަނޑުގައި ޓޯގޯއާ މިސްރު ބައްދަލުކުރާ މެޗުގައި ނުކުޅެވޭނެއެވެ. އަދި އޭގެ ތިން ދުވަސް ފަހުން ޓޯގޯގެ ދަނޑުގައި އެ ދެ ޓީމު ބައްދަލުކުރާ މެޗު ވެސް އޭނާ އަށް ގެއްލޭނެއެވެ.
ސަލާހު ޕޮޒިޓިވްވުމުން މިސްރުގެ އިތުރުން ލިވަޕޫލަށް ވެސް ބޮޑު ގެއްލުމެއް ކުރިމަތިވާނެއެވެ. އެގޮތުން، އިނގިރޭސިވިލާތުގައި ކަނޑައަޅާފައިވާ ކޮވިޑް-19ގެ އުސޫލުތަކުގެ ދަށުން އޭނާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެނުނު ނަމަވެސް ލީގުގައި މި މަހުގެ 21 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ބައިވެރިނުވެވޭނެ އެވެ. މީގެއިތުރުން، ޔުއެފާ ޗެމްޕިއަންސް ލީގުގައި އެޓަލާންޓާއާ ދެކޮޅަށް އެންފީލްޑްގައި މި މަހުގެ 25 ވަނަ ދުވަހު ނިކުންނަ މެޗުގެ ކުރީން ލިވަޕޫލްގެ އެހެން ކުޅުންތެރިންނާއެކު ފަރިތަކުރުންތަކުގައި ބައިވެރިވެވޭގޮތްނުވެއްޖެނަމަ އެ މެޗުގައި ވެސް އޭނާ އަށް ނުކުޅެވުމުގެ ފުރުޞަތު އެބައޮތެވެ.
އިނގިރޭސި ސަރުކާރުން ކަނޑައަޅާފައިވާ ކޮވިޑް-19ގެ އުސޫލުތަކުގެ ދަށުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކޮންމެ ފަރާތެއް ވެސް ބަލީގެ އެއްވެސް އަލާމާތެއް ނުފެނުނު ނަމަވެސް 10 ދުވަސް ވަންދެން ސެލްފް އައިސޮލޭޓްވުމަށް ގޭގައި މަޑުކުރަން ޖެހެއެވެ.
ސަލާހު ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމާއެކު އަނިޔާގެ ސަބަބުން އެތައް ގޮންޖެހުންތަކެއް މިވަގުތު ކުރިމަތިވެފައިވާ ލިވަޕޫލަށް ދިމާވެފައިވާ މައްސަލަތައް އިތުރަށް ގޯސްވެއްޖެއެވެ. އަނިޔާގެ ސަބަބުން އެ ޓީމުގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކް އަށް މި ސީޒަނުގައި ދެން ކުޅެވޭނެކަމުގެ ޔަގީންކަން ނެތްއިރު، އިނގިރޭސި ޑިފެންޑަރުން ކަމަށްވާ ޓްރެންޓް އަލެކްސެންޑަ އާނޯލްޑް އަދި ޖޯ ގޯމޭޒްގެ އިތުރުން ބްރެޒިލްގެ މިޑްފީލްޑަރު ފަބީނިއޯ އަދި މި ފަހަރުގެ ސީޒަނަށް އަލަށް ގެނައި ސްޕެއިނުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންތާރާ ވެސް މިވަގުތު ހުރީ އަނިޔާގައެވެ.
ސަލާހު އަކީ ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވްވި ލިވަޕޫލްގެ ސީނިއާ ޓީމުގެ ހަތަރުވަނަ ކުޅުންތެރިޔާއެވެ. މީގެކުރީން، ތިއާގޯ މިދިޔަ ސެޕްޓެންބަރު މަހު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، މިދިޔަ އޮކްޓޯބަރު މަހުގައި ސަޑިއޯ މާނޭ އާއި ޒެރްދާން ޝަކީރީ ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ.