English Edition
Dhivehi Edition
އިސްލާމީ މަރުކަޒާއި އިސްލާމިކް މިނިސްޓްރީ - ފޮޓޯ: މޯލްޑިވްސް އައުޓްލުކް

ރާއްޖެ އިސްލާމްވީ ދުވަހާ ގުޅިގެން ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ކުޑަކުދިންގެ މެދުގައި އިސްލާމީ އަޚްލާޤު އަށަގަންނުވައި، އިސްލާމީ އަޤީދާގެ މަތީގައި އުފެއްދުންތެރި ޖީލެއް ބިނާކުރުމަށްޓަކައި އެ މިނިސްޓްރީން އިންތިޒާމްކޮށްގެން، ޢުމުރުން 05 އަހަރާ 13 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން އިސްލާމީ ހަމަތަކަށް ފެތޭގޮތަށް ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން އިސްލާމިކް މިނިސްޓްރީން އެ މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 16 ނޮވެންބަރު 2020 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން އީ-މެއިލް [email protected] މެދުވެރިކޮށް، އީ-މެއިލުގެ ސަބްޖެކްޓުގައި “ރާއްޖެ އިސްލާމްވީ ދުވަހުގެ ކުރެހުމުގެ މުބާރާތް” މިހެން ޖެއްސެވުމަށްފަހު، ކުއްޖާގެ ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރު، އެޑްރެސް، އުމުރު އަދި ގުޅޭނެ ފޯނު ނަންބަރު އީ-މެއިލުގައި ޖައްސަވާފައި އެ މިނިސްޓްރީއަށް ކުރެހުން ހުށަހެޅުމަށް ވަނީ އެދިފައެވެ.

އެ މުބާރާތުގެ ތީމްތަކުގެ ތެރޭގައި ނަމާދު، މަންމަ އާއި ބައްޕަ އަދި ގެފުޅު ހިމެނެއެވެ.

އެ މުބާރާތަށް ހުށަހެޅޭ ކުރެހުންތައް ފަންނީ ބޭފުޅުންގެ ޓީމެއް މެދުވެރިކޮށް އިންސާފު ކޮށް ވަނަ ހޮވޭނެ ކަމަށާއި، އެންމެ މޮޅު 5 ކުރެހުން ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ލައިވް ކަވަރޭޖްގައި އެގްޒިބިޓް ކުރެވޭނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މުބާރާތުގެ ވަނަވަނައަށް ދާ ފަރާތްތައް ލިބޭ އިނާމު:

  • 1 ވަނަ އަށް 1500 ރުފިޔާ އާއި ހަނދާނީ ލިޔުން
  • 2 ވަނަ އަށް 1000 ރުފިޔާ އާއި ހަނދާނީ ލިޔުން
  • 3 ވަނަ އަށް 700 ރުފިޔާ އާއި ހަނދާނީ ލިޔުން
  • 4 ވަނަ އަށް 500 ރުފިޔާ އާއި ހަނދާނީ ލިޔުން
  • 5 ވަނަ އަށް 300 ރުފިޔާ އާއި ހަނދާނީ ލިޔުން