English Edition
Dhivehi Edition
ފޮޓޯ: މިފްޒާލް (ސޯޝަލް މީޑިއާ)

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އައްޑޫ ސިޓީ ފޭދޫ މީހެއްގެ ގައިގައި ތަޅާ އަނިޔާކުރި މައްސަލައެއް ފެންމަތިވެ އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސަމާލުކަމަށް، އާއިލާއިން ފަރަތުން ގެނެސްފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެނެސް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ އޮން ހިއުމަން ރައިޓްސް އެންޑް ޖެންޑަރ އިން ބަލައިދިނުމަށް އާއިލާއިން އެދިފައިވާއިރު އާއިލާގެ ފަރާތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ލިޔެފައިވާ ސިޓީގައި ބުނީ، މި މަހުގެ 09 ވަނަ ދުވަހުގެ ރޭގަނޑު 11:00 ޖަހާ ކަންހާއިރު، އޭނާ މަގުމަތީގައި ހުއްޓާ ފުލުހުންގެ އޮފިސަރުންތަކަކަށް އޭނާ ފެނިގެން ގަން ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސް އޭނާ ބިޑި އެޅުމަށްފަހު އޭނާގެ ގައިގައި ތަޅައި، ޖިސްމާނީ އަނިޔާދީ، އޭނާގެ ކަންފަތް މަތީގައި ތަކުރާރުކޮށް ޖަހާފައިވާކަމަށެވެ، އަދި އެތަނުގައި ތިބި ފުލުހުން ބެޑް ޝީޓެއް ހިފައިގެން އައިސް، އެ ބެޑް ޝީޓު އައްސައި އެކޮޅުކޮޅުންބާއްވާނެ ކަމަށް ބުނެ ބިރުދެއްކި ކަމަށާއި، އޭނާގެ ގައިގައި ޖެހިކަން އެއްވެސް މީހެއްގެ ކައިރީގައި ބުނެފިނަމަ އޭނާއަށް “ހޭއަރުވާލާނޭ” ކަމަށް ބުނެ އިންޒާރުދިން ކަމަށެވެ. އަދި އޭނާގެ ގައިގައި ތަޅަން ޖެހުނީ، އެތަނުން އެއް އޮފިސަރެއްގެ “އެނަރޖީ ވޭސްޓްވާތީ” ކަމަށް އޮފިސަރުން ބުނިކަމަށްވެސް އެ ސިޓީގައިވަނީ ބުނެފައެވެ.

މީގެ އިތުރުން އޭނާ ގައިގައި ބެޑް ޝީޓެއް އައްސައި، އެކޮޅުކޮޅުން ބާއްވާނެ ކަމަށް ބުނެ ފުލުހުން އިންޒާރުދިނުމަށްފަހު، ހިތަދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސް، އޭނާ ގޮޅިއަށްލާފައިވާކަމަށް އާއިލާއިންވަނީ ބުނެފައެވެ. ” އެވަގުތު އެގޮޅީގައި ބަހައްޓާފައި ހުރި އެހެން މީހަކު ވަނީ، އޭނާވެސް ބެޑް ޝީޓުން އެއްސުމަށްފަހު އެކޮޅުކޮޅުން ބާއްވައި، އޭނާގެ ގައިގައި ތެޅިކަމަށް އަޅުގަނޑުގެ ކޮއްކޮގެ ގާތުގައި ބުނިކަން ނުހަނު ކަންބޮޑުވުމާއެކު ފާހަގަކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނާމެދު ފުލުހުން މިފަދައިން ޓޯޗަރއަށްވާ ގޮތަށް އަނިޔާކުރާ މައްސަލަ ބައްލަވައިދެއްވުމަށްވެސް އެދެން” އާއިލާއިންވަނީ ބުނެފައެވެ.

އިތުރަށް އާއިލާއިން ބުނީ އެރޭ 11:08 ހާއިރު ހިތަދޫ ޕޮލިސް ސްޓޭޝަނުގެ އޮފިސަރަކު އާއިލާ މީހަކަށް ގުޅައި، އޭނާ ކަސްޓޯޑިއަލްއިން ދޫކޮށްލަނީ ކަމަށް ބުނުމުން އޭނާއާއި ޙަވާލުވުމަށް ދިޔައިރު، ކޮއްކޮއަށް ޖިސްމާނީ އަނިޔާ ލިބިފައިވާތީ ފޭދޫ ޞިއްޙީ މަރުކަޒަށް ދެއްކުމުން، ގަން ޕޮލިސް ސްޓޭޝަންގެ އޮފިސަރުންގެ ފަރާތުން ލިބުނު އަނިޔާގެ ސަބަބުން އޭނާގެ ވާތު ކަންފަތުގެ ތޫރި އިރައިގެން ގޮސްފައިވާ ކަމަށާއި އަދި “assault by bodily force” ވެފައިވާކަން ޑޮކްޓަރު ދީފައިވާ ލިޔުމުން ހާމަވާން އޮތްކަމަށެވެ.

ހާލަތާއި ނުބައްދަލު ޓޯޗަރ އަމަލަކަށްވާ، ލާއިންސާނީ އަނިޔާ ދީފައިވާ މައްސަލަ އާއި، ފުލުހުންނަށް ލިބިފައިވާ ބާރު ނަހަމަގޮތުގައި ބޭނުންކޮށް، އެކޮޅުކޮޅުން ބާއްވައިގެން ޓޯޗަރ ކުރާނެ ކަމަށް ބިރުދެއްކި މައްސަލަ ބަލައިދިނުމަށް ގޮވާލަމުން އާއިލާއިން ބުނީ އޭނާއަށް އަނިޔާދިން އޮފިސަރުންގެ މައްސަލައާއި ވަކިން ހާއްސަކޮށް މުހައްމަދު އަލިދީދީ ނަމަކަށް ކިޔާ އޮފިސަރަކު އޭނާއަށް އަނިޔާ ކުރި ކަަމަށް ބުނާތީ އޭނާގެ މައްްސަލަ އާއި އެ ސްޓޭޝަން އެންމެ އިސްކޮށް ހިންގުމާއި ހަވާލުވެ ހުރި އޮފިސަރުންގެ ބެލުމުގެ ދަށުގައި މިފަދަ ކަމެއް ހިނގާފައިވާތީ އެފަރާތްތަކުގެ އިހުމާލުގެ މައްސަލަ ބެލުމަށް އެދޭކަމަށެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އެފަދަ މައްސަލައެއް ފުލުހުންގެ ސަމާލުކަަމަށް އައިސްފައިވާ ކަމަށް ވިދާޅުވެފައެވެ.