ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރޭ ނެދަލޭންޑްސްއާ ސްޕެއިން 1-1 އިން އެއްވަރުވިއިރު، ފިންލޭންޑުން ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަތުން 2-0 އިން މޮޅުވެއްޖެއެވެ.
ޔުއެފާ ނޭޝަންސް ލީގުގައި ކުރިއަށް ދެ މެޗު އޮތުމުން ސްޕެއިނުން ރޭގެ މެޗަށް ނިކުތީ އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނެމުން އަންނަ ގިނަ ކުޅުންތެރިންތަކެއް ނުލައެވެ. އެގޮތުން، ރޭގެ މެޗުގައި ފުރަތަމަ ފަހަރަށް އުނާއި ސިމޮން އެ ޓީމުގެ ގޯލް ބެލެހެއްޓިއިރު، އަހަރުތަކަކަށްފަހު އާސެނަލްގެ ފުލްބެކް ހެކްޓަ ބެލަރީން އަށް ވަނީ ފުރަތަމަ އެގާރައިން ޖާގަ ދީފައެވެ. މީގެއިތުރުން، ދުވަސްތަކަކަށްފަހު އެތުލެޓިކޯ މެޑްރިޑްގެ މިޑްފީލްޑަރު ކޯކޭ އަށް ގައުމީ ސްކޮޑުން ފުރުޞަތުދީފައިވާއިރު، ރޭގެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީވެސް އޭނާ އެވެ.
ނެދަލޭންޑްސްގެ އެމްސްޓެޑަމް އެރީނާގައި ރޭ ކުޅެވުނު މި މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާތައް އުފެއްދީ ސްޕެއިނުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ 18 ވަނަ މިނެޓުގައި ކުރީން ލީޑްނެގީވެސް އެ ޓީމުންނެވެ. އެ ޓީމަށް މިލަނޑުޖަހައިދިނީ ރެއާލް ބެޓިސްގެ މިޑްފީލްޑަރު ސާޖިއޯ ކެނާލެސް އެވެ. މިއީ ޔުވެންޓަސްގެ ފޯވާޑް އަލްވާރޯ މޮރާޓާ ދިން ޕާހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ރޭގެ މެޗު ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ނެދަލޭންޑްސްގެ ޑިފެންޑަރު ނަތާން އާކޭގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ބަދަލުކޮށްފައިވާއިރު، އޭނާގެ ބަދަލުގައި ކުޅެން ނިކުތީ އަޔެކްސް އެމްސްޓެޑަމްގެ ޑެލީ ބްލިންޑް އެވެ. އާކޭ އަށް ލިބުނު އަނިޔާ އާއެކު އެ ޓީމުގެ ޑިފެންސްލައިންގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން ކެޕްޓަން ވާޖިލް ވެން ޑައިކްގެ އިތުރުން މަތައިސް ޑި ލިޓް ވެސް މިވަގުތު ހުރީ އަނިޔާގައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ނެދަލޭންޑްސް އިން ކުޅުން ރަނގަޅުކޮށް ގިނަ ވަގުތު ބޯޅަ ގެންގުޅެފައިވާއިރު، މި ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ނިމިދިޔަ ޓްރާންސްފާ ބާޒާރުގައި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި މިޑްފީލްޑަރު ޑޮނީ ވެން ޑަ ބީކް އެވެ. އޭގެފަހުން، އެ ޓީމުގެ ފޯވާޑް މެމްފިސް ޑިޕާއީގެ އިތުރުން ލޫކް ޑި ޔޯން އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސްޕެއިނުގެ ކޯޗު ލުއިސް އެންރީކޭ ބުނީ ޖުމްލަކޮށް އޭނާގެ ޓީމުގެ ފަރާތުން ފެނުނު ކުޅުން ރަނގަޅު ނަމަވެސް، ދެވަނަ ހާފުގައި ވަރަށް ބޮޑުތަން ކުޅުން ދަށަށްދިޔަ ކަމަށެވެ. އަދި ހާއްސަކޮށް ނެދަލޭންޑްސްގެ އެޓޭކްތަކުގައި ބައިވެރިވާ ކުޅުންތެރިން ގިނަވުމުން އެކަން ހުއްޓުވަން ގޮންޖެހުންތައް ކުރިމަތިވިކަމަށެވެ. އަދި މި މެޗަށް ނިކުތްއިރު އޭނާގެ އެންމެ ބޮޑު އަމާޒަކަށްވެފައި އޮތީ ނޭޝަންސް ލީގުގެ ދެ މެޗަށް ކުޅުންތެރިންނަށް ރެސްޓްދިނުން ކަމަށާއި އެކަންތައް ހާސިލްވެއްޖެ ކަމަށެވެ.
ފްރާންސްގެ ދަނޑުގައި ފިންލެންޑާ ދެކޮޅަށް އެ ޓީމުން ނިކުތީ ވެސް ގިނަ ބަދަލުތަކަކާ އެކުއެވެ. އެގޮތުން، އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ރޭގެ މެޗުގައި ފުރުޞަތުދީފައިވަނީ ޕައުލް ޕޮގްބާ އާއި އޮލިވިއޭ ޖިރޫ އަދި ލޫކާ ޑީނިއޭ އަށެވެ. މި މެޗުގައި އެ ޓީމުގެ ގޯލް ބެލެހެއްޓީ އޮލިމްޕިކް މާސޭގެ ކީޕަރު ސްޓީވެން މަންޑަންޑާ އެވެ. މީގެއިތުރުން، ރޭގެ މެޗުގައި ފުރަތަމަ ފަހަރަށް ކުރީގެ ކުޅުންތެރިޔާ ލިލިއަން ތުރާމްގެ ދަރިފުޅު މާކަސް ތުރާމަށް ފުރަތަމަ އެގާރައިން ޖާގަ ދީފައިވާއިރު، އެ ޓީމުގެ ކެޕްޓަން ހޫގޯ ލޮރިސް އާއި ފޯވާޑް ކިލިއަން އެމްބާޕޭ ސްކޮޑުގައިވެސް ނުހިމެނެއެވެ.
ދުނިޔޭގެ ރޭންކިންގެ 55 ވަނައިގައި އޮތް ފިންލެންޑުން ރޭގެ މެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑު، 28 ވަނަ މިނެޓުގައި ޖަހައިދިނީ ބްރެންޓްފޯޑްގެ މާކަސް ފޯސް އެވެ. މިއީ ފްރާންސްގެ މިޑްފީލްޑަރު މޫސާ ސިސޯކޯ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ފޯސް ކާމިޔާބުކުރި ގޯލެކެވެ. އޭގެ ތިން މިނެޓުފަހުން، އެ ޓީމުގެ ލީޑް ފުޅާކޮށްދިނީ އޮނީ ވަލަކާރީ އެވެ. ދެވަނަ ހާފުގައި ފްރާންސުން އެންޓޮއިން ގްރީޒްމަން އާއި އެންގޯލޯ ކާންޓޭ އަދި އެންތަނީ މާޝިއަލް ކުޅެން ނެރުނު ނަމަވެސް އެ ޓީމަށް ގޯލެއް ކާމިޔާބުކުރެވޭގޮތެއްނުވިއެވެ.
ފްރާންސަށް ދެން އޮތީ ނޭޝަންސް ލީގުގައި އަންނަ އާދީއްތަ ދުވަހު ރަށުން ބޭރުގައި ޕޯޗުގަލްއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ތިން ދުވަސް ފަހުން އަމިއްލަ ދަނޑުގައި އެ ޓީމު ނިކުންނާނީ ސްވިޑަންއާ ދެކޮޅަށެވެ.