މިޔަންމާގައި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން 87000 މީހުން ބަންގްލަދޭޝް އަށް އެތެރެވެއްޖެއެވެ.
ފާއިތުވި 10 ދުވަސް ތެރޭގައި ބަންގްލަދޭޝަށް ފިލާފައިވާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން އަދި މުސްކުޅިންނެވެ. އ.ދ. ގެ އިންސާނީ ހައްގުތަކާއި ބެހޭ އިދާރާގެ ރީޖަނަލް ސްޕޯކްސްޕާސަން ވިިވިއަން ޓޭން، ވިދާޅުވެފައިވަނީ އޮގަސްޓް 25 ހިސާބުގައި ހަމަނުޖެހުން އިތުރުވެގެން ދިއުމާއި އެކު 87000 މީހުން ބަންގްލަދޭޝަށް ފިލައިގެން ގޮސްފައިވާ ވާކަމަށެވެ.
އެންމެ ފަހުން ހަމަނުޖެހުން އިތުރުވެގެން ގޮސްފައި މިވަނީ ރޮހިންޖާ ހަނގުރާމަވެރިން ކަމަށް ތުހުމަތު ކުރާ ބަޔަކު ރަޙައިން ސްޓޭޓުގެ ހުޅަނގު ސަރަހައްދެއްގައި ހުރި ޕޮލިސް އަދި ސިފައިންގެ މަރުކަޒަކަށް ހަމަލާ ދިން ކަމަށް ބުނެއެވެ. މިކަމާ ގުޅިގެން މިޔަންމާ ސިފައިން ދަނީ ރޮހިންޖާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތަކެއް ހިންގަމުން ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ކެނޑިނޭޅި ބުނަމުންނެވެ.
ޓޭން ވިދާޅުވެފައިވާ ގޮތުގައި ބަންގްލަދޭޝަށް އެތެރެ ވީކަމަށް ލާފާ ކުރާ 87000 މީހުންގެ ތެރޭގައި ކުރިން ހަންގުރާމައިގެ ސަބަބުން ރެފިއުޖީންނަށް ވެފައިވާ މީހުންނާއި، މިޔަންމާ އަދި ބަންްގްލަދޭޝް ދެމެދުގައި އޮންނަ ‘ނޯމޭންސް ލޭންޑް’ ގައި ތިބި ރެފިއުޖީންވެސް ހިމެނިފައި ނުވާ ކަމަށެވެ. ޓޭން އިތުރަށް ވިދާޅުވި ގޮތުގައި ބަންގްލަދޭޝަށް އެތެރެވެފައިވާ މީހުންނަށް ބަލާއިރު 1970 އިން ފެށިގެން މިހާތަނަށް އ.ދ. ގައި ރެޖިސްޓާރ ވެފައި ވަނީ 34000 މީހުންނެވެ. އަދި އެތައް ލައްކައެއްހާ މީހުން ރެޖިސްްޓާރ ނުވެ އެގައުމުގައި ދިރިއުޅެމުންދާ ކަމަށެވެ.
ބަންގްލަދޭޝް ގައި ރޮހިންޖާ ދަރިކޮޅުގެ މީހުންގެ ރެފިއުޖީ ކޭމްތަކެއް އެބަހުއްޓެވެ. ނަމަވެސް އެމީހުންނަށް ކާބޯތަކެތި އަދި ފެން ލިބުން ވަނީ ދަތި ވެފައެވެ. ބަންގްލަދޭޝް ސަރުކާރުންވެސް މިކަމުގައި އެހީތެރި ވަމުން ނުދާ ކަމަށް ރޮހިންޖާ ދަރިކޮޅުގެ ހައްގުގައި މަސައްކަތް ކުރާ ފަރާތަކުން ވަނީ ބުނެފައެވެ. ބަންގްލަދޭޝް ސަރުކާރުން އަދިވެސް ރަސްމީ ސިފައެއްގައި ބޯޑަރު ހުޅުވާފައެއް ނުވެއެވެ. އެހެންކަމުން މިއީ ގަވާއިދާ ހިލާފައް އެތެރެވެފައި ތިބި މީހުން ކަމުން ރަސްމީ ސިފައެއްގައި އަނބުރާ ގައުމަށް ދިއުމަން ވެސް އުނދަގޫ ވާނެއެވެ.
މިޔަންމާގެ ސިފައިން ދަނީ ރޮހިންޖާ ދަރިކޮޅުގެ މީހުން ގަތުލު ކުރަމުން އެމީހުންގެ ގެދޮރުތައް ރޯ ކުރަމުން އަދި އަންހެނުންގެ އިއްފަތްތެރިކަމަށް އަރައިގަނެ ކުޑަކުދިން ނާއި ބޮޑެތި މީހުން މަރަމުންނެވެ. މިޔަންމާގެ ގިނަ މީހުން ރޮހިންޖާ ދަރިކޮޅު މީހުންނަކީ އެގައުމުގެ މީހުންކަމަށް ގަބޫލު ނުކުރެއެވެ. އެމީހުން ގަބޫލް ކުރާ ގޮތުގައި އެއީ ބަންގްލަދޭޝް އިން އައިސްގެން އުޅޭ ބައެކެވެ. ނަމަވެސް ތާރީހު ދިރާސާ ކުރާ ފަރާތްތަކުން މިކަން ދޮގުކުރެއެވެ.