ކުރިއަށް އޮތް 6 މަސް ދުވަހު ބަންގްލަދޭޝްގައި އުޅެމުންދާ ރޮހިންޖާ މުސްލިމުންނަށް އެހީ ވުމަށް 200 މިލިއަން ޑޮލަރުގެ އެހީ ބޭނުންވާނެ ކަމަށް އ.ދ އިން އަންދާޒާ ކޮއްފިއެވެ.
މިދިޔަ މަހުގެ 25 އިން ފެށިގެން ބަންގްލަދޭޝް އަށް އެތެރެވެފައިވާ ރޮހިންޖާ މުސްލިމުންގެ އަދަދު ވަނީ 422000 އަށް އަރާފައެވެ. އ.ދ އިން ވަނީ މި މަހުގެ 9 ވަނަ ދުވަހު 78 މިލިއަން ޑޮލަރުގެ އެހީއަށް އެދިފައެވެ. ނަމަވެސް ބަންގްލަދޭޝަށް އެތެރެ ވަމުން ދިޔަ މީހުންގެ އަދަދު ދިޔައީ އިތުރު ވަމުންނެވެ.
އ.ދ ބަންގްލަދޭޝަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓާރ ރޮބާޓް ޑ. ވޮޓްކިންސް، ވިދާޅުވެފައިވަނީ މިހާރު ހުރިހާ އެންމެނަށް އެހީވުމަށް 200 މިލިއަން ޑޮލަރު ޖެހޭނެ ކަމުގައެވެ. އެނާ ވިދާޅުވި ގޮތުގައި އެއީ ސީދާ އަދަދެއް ނޫން ކަމަށެވެ. އަދި ހަމައެކަނި ލިބިފައިވާ މައުލޫމާތު ތަކަށް ބިނާ ކޮށް ކޮއްފައިވާ އަންދާޒީ ހިސާބެއް ކަމަށް އެނާ ވިދާޅުވިއެވެ. އެނާ ވިދާޅުވި ގޮތުގައި އެމީހުންގެ 6 މަހަށް އެދިފައި ވަނީ މިވަގުތު ކަންތައް ހުރި ގޮތުން ކުރިއަށް އޮތް 6 މަސް ދުވަހު ވެސް އުޅޭނީ ބަންގްލަދޭޝްގައި ކަމަށް ލަފާ ކުރެވިފައި އޮތުމުންނެވެ.
މިޔަންމާ ސަރުކާރުން ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާ ހިންގާ ކަމަށް ދެކޮޅު ހަދައެވެ. އަދި އެމީހުން މިވަގުތު ހަނގުރާމަ ކުރަމުންދަނީ ރޮހިންޖާ ހަންގުރާމަ ވެރިންނާ ކަމަށް ވަނީ ބުނެފައެވެ. މިދިޔަ އަހަރު އޮކްޓޯބަރު މަހު ވެސް މިޔަންމާ ސިފައިން މިފަަދަ ހަރަކާތެއް ހިންގިއެވެ. އޭރު ވެސް ރޮހިންޖާ 87000 މީހުން ވަނީ ބަންގްލަދޭޝް އަށް އެތެރެ ވެފައެވެ.
ވޮޓްކިންސް ވިދާޅުވި ގޮތުގައި މިވަގުތު ކުރަމުންދާ ވިިއްސާރައިގެ ސަބަބުން މަގުތަށް ހަލާކު ވަމުން ދާތީ އެހީގެ ތަކެތި ފޯރު ކޮއްދިނުމުގައި ބޮޑެތި ދަތި ތަކެއް އެބަ ހުއްޓެވެ. އެހެން ކަމުން ބަންގްލަދޭޝްގެ ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން މަގުތަކުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
މިޔަންމާގެ ލީޑަރު އަންގް ސަން ސޫކީ ވަނީ މިހަފްތާގައި ރެފިއުޖީން ކަމަށް ޔަގީން ކޮއްދޭ އެންމެން އަންބުރާ ގެންދާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިކަމާ ގިނަ މީހުން މާ ބޮޑު އިތުބާރެއް ނެތެވެ. ސަބަބަކީ ގިނަ މީހުން އަތުގައި ގާނޫނީ އެއްވެސް ލިއެކިއުމެއް ނެތުމެވެ.