English Edition
Dhivehi Edition

މިޔަންމާގެ އަސްކަރިއްޔާ އިން ރޮހިންޖާ މުސްލިމުންނާއި މެދު ހިންގަމުންދާ ލާއިންސާނީ އަނިޔާތަކުން ސަލާމަތްވުމަށް އިންޑިއާއަށް އެތެރެވާން މަސައްކަތްކުރާ މުސްލިމުންނާއި މެދު އިންޑިއާގެ އަސްކަރިއްޔާއިން ހަރުކަށި ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.

އިންޑިއާގެ ބޯޑަރު ހުރަސްކޮށް އެގައުމަށް އެތެރެވުމަށް މަސައްކަތްކުރަމުންދާ ރޮހިންޖާ މުސްލިމުން ގަޔަށް ޕެޕާ ސްޕްރޭ ޖަހާ، ބާރުގެ ބޭނުންކޮށް އެމީހުން ހުއްޓުވުމަށް އިންޑިއާގެ ސިފައިން ދަނީ މަސައްކަތްކުރަމުންނެވެ. އިންޑިއާ އަސްކަރިއްޔާގެ އިސް އޮފިޝަލް ބުނެފައިވަނީ ރޮހިންޖާ މުސްލިމުން އެގައުމަށް އެތެރެވިޔަ ނުދިނުމަށް ކުރެވެންއޮށް ހުރިހާ މަސައްކަތެއް ކުރާނެކަމަށެވެ. ” އަހަރެމެން މި ބަލަނީ އެމީހުންނަށް އަނިޔާއެއް ނުދީ އެމީހުން އިންޑިއާއިން ބޭރުކުރެވޭތޯ. އަހަރެމެންގެ ފަސްގަނޑުގައި ރޮހިންޖާ މީހުން ބައިތިއްބާކަށް އަހަރެމެން ބޭނުމެއް ނޫން.މި ފަސްގަނޑުން އެމީހުންނަށް ޖާގައެއް ނެތް” އޮފިޝަލް ބުނެފައިވެއެވެ.މީގެ އިތުރުން އޮފިޝަލް ބުނެފައިވަނީ މިހާރުވެސް ރޮހިންޖާގެ 40،000 މުސްލިމުން އިންޑިއާއަށް އެތެރެވެފައިވާ ކަމަށާއި އެމީހުން ގައުމުން ބޭރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރޮހިންޖާ މުސްލިމުންގެ ސަބަބުން އިންޑިއާއަށް ނުރައްކާވެދާނެކަމަށް އެ ގައުމުންދަނީ ބުނަމުންނެވެ. މިހާރުވެސް އިންޑިއާގެ ޖަލުތަކުގައި ރޮހިންޖާގެ 270 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު އިންޑިއާއިން ބުނަމުންދަނީ ރޮހިންޖާ މީހުންނާއި ޓެރެރިސްޓުންނާއި ގުޅުމެއް ވާކަމުގައެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ބަންގަލަދޭޝްއަށް ހިޖުރަކުރަމުންދާ ރޮހިންޖާ މުސްލިމުންގެ އަދަދު 420،000 އަށް އަރާފައިވާއިރު ހިޖުރަކުރުމުގެ ތެރޭގައި ގިނަބަޔަކުވަނީ މަރުވެފައެވެ.