ގދ. ފިޔޯރީ ޒުވާނުގެ އިސް ނެގުމާއެކު މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފަރެސްމާތޮޑާ ދާއިރާ ހޮލިޑޭކަޕް 2020 ގައި ބައިރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މުބާރާތް އިންތިޒާމް ކުރާ ކޮމެޓީއިން މައުލޫމާތު ދިން ގޮތުގައި މި މުބާރާތަކީ ފިޔޯރީ ޒުވާނުންގެ މެދުގައި ގުޅުން ބަދަހިކޮށް އެކުވެރިކަމާއި އެއްބައިވަންތަ މުޖުތަމައުއެއް ބިނާކޮށް، ރަށުގައި ވޮލީ އަށް ލޯބިކުރާ ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމުގެ މަގްޞަދުގައި ބާއްވަ މުބާރާތެކެވެ. އަދި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، ދާއިރާގައި ހިމެނޭ އަނެއް ދެރަށް ކަމަށްވާ ފަރެސްމާތޮޑާ އަދި ރަތަފަންދޫއަށް ވެސް ވަނީ ހުޅުވާލެވިފައެވެ. މި މުބާރާތުގެ އަންހެން އަދި ފިރހެން ޑިވިޜަންގެ މެޗްތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މާދަމާ 10 ނޮވެމްބަރު 2020 ވާ އަންގާރަ ދުވަހުގެ 20:00 އަށް ހަމަވާއިރު މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކުން މުބާރާތުގައި ބައިވެރިވުމުގެ ފީ އެއްގެ ގޮތުން ޓީމް ލިސްޓާއިއެކު 2000 ރުފިޔާ ދައްކަންޖެހެއެވެ.
ޓީމް ލިސްޓްގައި 2019 ވަނަ އަހަރުން ފެށިގެން ޤައުމި ވޮލީޓީމް ތަމްސީލްކޮށްފައިނުވާ އަދި ރަށުން ބޭރު މިޒޯންގެ (ގދ، ގއ) އަށް ނިސްބަތްވާ 2 ކުޅުންތެރިން ހިމެނިދާނެއެވެ.
ދެ ޑިވިޜަން ވަކިން ކޮންމެ ޑިވިޜަން އަކުންވެސް ޗެމްޕިއަންޓީމް، ރަނަރަޕްޓީމް، ފެއާރޕްލޭޓީމް، އެންމެ މޮޅު ސެޓަރު، އެންމެ މޮޅު ލިބެރޯ، އެންމެ މޮޅު ސްޕައިކާރ، އެންމެ މޮލު ރިސީވާރ، އެންމެ މޮޅު ސާވާރ، އެންމެ މޮޅު ބްލޮކާރ، އެންމެ މޮޅު ޑިގަރ، އެންމެ މޮޅު ޑިފެންސް، ކޮންމެ މެޗްއެއްގެ މޮޅު ކުޅުންތެރިޔާ، އެންމެ އުއްމީދީ ކުޅުންތެރިޔާ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ މޮޅު ކޯޗް ހޮވުމަށްވަނީ ހަމަޖެހިފައެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމް އަށް 3000 ރުފިޔާ، ރަނަރަޕް ޓީމަށް 1500 ރުފިޔާ އަދި ފެއާރޕްލޭ ޓީމަށް 1000 ރުފިޔާގެ އިނާމެއްވަނީ ކަނޑައެޅިފައިއެވެ.
އަންނަމަހު 18 ގައި މުބާރާތް ފެށުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުގައި ބައިވެރިވާ ޓީމްތަކުން ދަނީ އެކުވެރިކަމުގެ މެޗްތައްް ކުޅެމުންނެވެ. އެގޮތުން އަނހެން ޑިވިޜަންގެ ފިޔޯރީ އަންހެން ކަނބަލުންގެ ޓީމް ވަނީ ގދ.ވާދޫ އަންހެން ކަބަލުންގެ ޓީމް އާއި ވާދަކޮށް ފަސޭހަކާއިއެކު 3 ސެޓުން މޮޅުވެ މެޗް ކާމިޔާބުކޮށްފައިއެވެ.
މި މުބާރާތް މެއިން ސްޕޮނަސާރ އަދި ކޯ ސްޕޮންސާރ ކުރުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައިއެވެ. މި މުބާރާތުގެ މީޑީއާ ޕާޓްނަރ އަކީ އޭއޯ ނިއުސް އެވެ.