English Edition
Dhivehi Edition

އާ އަހަރާ ދިމާކޮށް ކޮންމެ އަހަރަކުވެސް އައްޑޫސިޓީގެ އީކުއޭޓަރ ވިލެޖުން ބާއްވަމުން އަންނަ ގާލާ ޑިނަރ މި ފަހަރު ތަފާތު ގޮތަކަށް ބޭއްވުމަށް ނިންމައި، އެ އިވެންޓްގައި އާންމުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

“އީކުއޭޓަރ ވިލެޖް ގާލާ ޑިނަރ” އާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަވަމުން ހޮޓަލުގެ މެނޭޖަރ މުޙައްމަދު ވަހީދު ވިދާޅުވީ މި އިވެންޓަކީ ކޮންމެ އަހަރަކުވެސް އީކުއޭޓަރ ގައި އެ ހޮޓަލުގެ ގެސްޓުންނަށް ޚާއްޞަކޮށްގެން ބާއްވާ އިވެންޓެއް ކަމަށެވެ. އެހެންނަމަވެސް މިފަހަރު އައްޑޫގެ ރައްޔިތުންނާއި އައްޑޫގައި ދިރިއުޅޭ މީހުންގެ ތެރެއިން އިވެންޓުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ރާއްޖޭގެ ލީޑިން އެއަރޕޯޓް ހޮޓަލްގެ ގޮތުގައި ދުނިޔޭގެ އެތައްބައެއްގެ މަގްބޫލުކަން ހޯދާފައިވާ އީކުއޭޓަރ ވިލެޖްގައި 2022 ވަނަ އަހަރަށް މަރުހަބާ ކިޔުމަށް ބާއްވާ “އީކުއޭޓަރ ވިލެޖް ގާލާ ޑިނަރ” އިންތިޒާމު ކުރަނީ އީކުއޭޓަރ ވިލެޖް އާއި ޓައިޓޭން މޯލްޑިވްސް ގުޅިގެންނެވެ. ޓައިޓޭން މޯލްޑިވްސް އަކީ ރާއްޖޭގެ ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ފަރާތެކެވެ.

މި އިވެންޓާ ބެހޭ ގޮތުން “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ޓައިޓޭން މޯލްޑިވްސް ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ މިއީ ކޮވިޑް-19 އާއެކު އުޅެންޖެހިފައިވުމުގެ ސަބަބުން ލިބިފައިވާ ހިތްނުތަނަވަސްކަން ފިލުވާލައި، އާއިލާއާއި ރައްޓެހިން އެއްތަނެއްގައި ތިބެ ހިތްއުފާކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ އިވެންޓެއް ކަމަށެވެ.

ޑިސެމްބަރ 31 ވާ ހުކުރުދުވަހުގެ ރޭ 8:00 އިން 12:30 ގާލާ ނައިޓްގައި ބައިވެރިވުމަށް ޚާއްޞަ ޓިކެޓެއް ގަންނަން ޖެހެއެވެ. މި ޓިކެޓް ޓައިޓޭން މޯލްޑިވްސްގެ ވެބްސައިޓުން ބައްލަވައި ގަނެވޭނެއެވެ. އޭގެ އިތުރުން އަބްހަރީ ގްރޭންޑާއި، ޕެބްލްސް އަދި ސައުތު މޯލްޑިވްސްއިން ވެސް ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ގިނަ ފަރާތްތަކުގެ އެހީތެރިކަމާއެކު ބޮޑެތި އިނާމް ތައް ހިމެނޭ ގޮތަށް ބާއްވާ މި ޑިނަރ ނައިޓުގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ސްރީލަންކާ 2 ކޮޅު ޓިކެޓާއި ގެސްޓްހައުސް ސްޓޭތަކާއި ކެންޑްލް ލައިޓް ޑިނަރ ފަދަ އެތައް އިނާމެއް ހުށަހެޅިފައިވެއެވެ.