English Edition
Dhivehi Edition
ފޮޓޯ: ގެމަނަދުށި ސްކޫލް އެފްބީ
ގެމަނަފުށި ސްކޫލުގައި އިމާރާތްކުރި 10 ކްލާސްރޫމްގެ މަސައްކަތް ނިންމާ ބޭނުންކުރަން ފަށައިފިއެވެ.
އެ ކްލާސްރޫމުގައި ކިޔަވައިދޭން ފަށާފައިވަނީ މި ޖަނަވަރީ މަހުގެ 16 ވަނަ ދުވަހުއެވެ.
ގެމަނަފުށި ސްކޫލުގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ ގެމަނަފުށީ ސުކޫލް އެއްދަންފަޅިއަށް ބަދަލުވެއްޖެ ކަމަށާއި މިއީ ގެމަނަފުށީ ސުކޫލަށް ތާރީޚީ ދުވަހެއް ކަމަށެވެ.
“ގެމަނަފުށީ ސުކޫލް އެއްދަންފަޅިއަށް ބަދަލުވުން! މިއަދަކީ ގެމަނަފުށީ ސުކޫލަށް ތާރީޚީ ދުވަހެކެވެ. ސުކޫލް އެއްދަންފަޅިއަށް ބަދަލުވެ ދަރިވަރުންނާއި މުވައްޒަފުން އަދި ބެލެނިވެރިން އެތައް ދުވަސްތަކެއް ވަންދެން ތަޙައްމަލް ކުރަމުން އައި ދަތިއުދަގޫތައް ނިމުމަކަށް އައި ދުވަހެވެ.” ޖަނަވަރީ 16 ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެއްދަންފަޅިއަށް ބަދަލުވުމުން ލިބޭފައިދާތައް ގިނަގުނަ ކަމަށާއި ޚާއްސަކޮށް ދަރިވަރުންގެ ކިޔެވުމަށާއި ސުކޫލުގައި އިތުރު ހަރަކާތްތައް ހިންގުމުގައި ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާ ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން ތައުލީމީ ދާއިރާއާއި ހަވާލުވެ ހުންނެވި ހީވާގި ވަޒީރަށާއި މިއަދުގެ ސަރުކާރަށް މެނޭޖްމަންޓްގެ ނަމުގައި ހިތުގެ އިޙްލާސްތެރި ޝުކުރު ފަށްފަށްކޮށް ދަންނަވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ފޮޓޯ: ގެމަނަދުށި ސްކޫލް އެފްބީ
2019 ވަނަ އަހަރުގެ PSIP ގެ ދަށުން ކުރިއަށް ގެންދިޔަ މި މަސައްކަތް 9,901,908.07 (ނުވަ މިލިއަން ނުވަލައްކަ ނުވަސަތޭކަ އަށް ރުފިޔާ ހަތް ލާރި) އަށް ހަވާލުކުރީ ސުވިފްޓް އިންޖީނިއަރިންގ ޕްރައިވެޓް ލިމިޓެޑްއާއެވެ.
2 ޑިސެމްބަރ 2019 ގައި އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ އަހުމަދު ރިޔާޒެވެ. ސުވިފްޓް އިންޖީނިއަރިންގ ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރައްވާފައިވަނީ މެނޭޖިންގ ޑިރެކްޓަރ ސައުދުﷲ ހިލްމީ އެވެ.