އާރލީ ޓަޗް ފުޓްބޯޅަ އެކެޑަމީއިން އައްޑޫސިޓީ ހުޅުދޫ-މީދޫގައި ކިޑްސް ފުޓްބޯޅަ ޓޯރނަމެންޓެއް މިއަދު ފަށައިފި އެވެ.
2 އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި 7 އަހަރުންދަށުގެ 3 ޓީމާއި 11 އަހަރުންދަށުގެ 3 ޓީމު ވަނީ ބައިވެރިވެފައެވެ.
އެޓްފާގެ ފަރާތުން ކުރިއަށް ގެންދާ މި މުބާރާތަކީ އެޓްފާގެ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ބާއްވަން ރާވާފައި އޮންނަ މުބާރާތެކެވެ. ކޮންމެޔަކަސް، މިއަހަރު ކޮވިޑް-19ގެ ސަބަބުން އަހަރީ ދުވަސް ނުބޭއްވި ދިއުމުން، ކިޑްސް ޓޯރނަމެންޓް ވަކިން ކުރިއަށް ގެންދިއުމަށް އެޓްފާއިން ވަނީ ނިންމާފައެވެ.
މިއަދު ހަވީރު ކުޅެފައިވަނީ 7 އަހަރާއި 11 އަހަރުންދަށުގެ ޓީމް އޭ އަދި ބީ އެވެ. 7 އަހަރުންދަށުގެ މެޗް 7-2 ގެ ނަތީޖާއަކުން ޓީމް އޭ ކާމިޔާބުކޮށްފައިވާއިރު، މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޓީމް އޭގެ ޔުއާން އެވެ. 11 އަހަރުން ދަށުގެ މެޗް ދާދި ހަމަހަމަ ކުޅުމަކާއެކު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ޓީމް އޭ އިންނެވެ. މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޓީމް އޭގެ ގޯލުކީޕަރު އަކްމަލް އެވެ.
ނޮވެމްބަރު މަހުގެ 7ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މާދަމާ ހަވީރުވެސް މެޗްތައް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން 7 އަހަރާއި 11 އަހަރުންދަށުގެ ހުރިހައި ޓީމެއްވެސް މާދަމާ ކުޅުމަށްވަނީ ހަމަޖެހިފައެވެ. މެޗްތައް ފެށޭނެ ގަޑިއަކީ ހަވީރު 16:00 އެވެ. މި މެޗްތައް ބައްލަވައި ކުޅުންތެރިންނަށް ހިތްވަރު ދެއްވުމަށް ވީހައިވެސް ގިނަ ސަޕޯރޓަރުން ވަޑައިގަތުމަކީ އިންތިޒާމުކުރާ ފަރާތުގެ ވަރަށް ބޮޑު އެދުމެވެ.
އެޓްފާއަކީ ފާއިތުވި 8 އަހަރުގެ ތެރޭގައި ގިނަ ހުނަރުވެރި ކުޅުންތެރިން އުފައްދާފައިވާ އެކަޑަމީއެކެވެ. އެޓްފާއިން ވަނީ އައްޑޫސިޓީ ހުޅުދޫ-މީދޫގައިވެސް މޮޅު ކުޅުންތެރިން އުފައްދާފައެވެ.
ލިޔުނީ: މުޙައްމަދު ހިޒްޔަމް
ފޮޓޯ: މުޙައްމަދު ހިޒްޔަމް