English Edition
Dhivehi Edition
ނައިބު ރައީސް ފައިސަލް ނަސީމް ފޮޓޯ: ރައީސް އޮފީސް

މަގުމައްޗަށް ކުނި ނޭޅުމަކީ ކޮންމެ މީހެއްގެވެސް އަޒުމަކަށް ހަދަންޖެހޭކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

“ދުނިޔެ މަގޭ” މި ނަމުގައި ހުޅުމާލޭ ސާފުކުރުމަށް އެޗް.ޑީ.ސީން ހިންގާ ހަރަކާތް ފަށްޓަވައިދެއްވަމުން ނައިބު ރައީސް ވިދާޅުވީ ދިވެހިންނަށް ލިބިފައިވާ ޤުދުރަތީ ހިތްގައިމުކަމާއި ރީތިކަމަކީ ބޮޑު ނަސީބެއް ކަމަށެވެ. ދިވެހިންނަށް ލިބޭ ޤުދުރަތުގެ އެންމެ ބޮޑު ހަދިޔާއަކީ ރީތި ގޮނޑޮދޮށްތަކާއި، ފަޅުތަކާއި، މޫދުތައްކަން ފާހަގަކޮށް ނައިބު ރައީސް ވިދާޅުވީ ރާއްޖެއަށް ތަރައްޤީ އާއި ކުރިއެރުންތައް ހޯދެނީ މިކަންކަން ބޭރުން އަންނަ ފަރާތްތަކަށް ވިއްކާ، ޕްރޮމޯޓްކޮށްގެންކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ގޮތެއްގައި ހިފަހައްޓަންޖެހޭ ކަންތައްތަކެއްކަން ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ ސިޓީއެއްގެ ޗާލުކަން ހަމައެކަނި ގެނެވޭނީ ރީތި ޢިމާރާތްތަކަކުން އެކަނި ނޫންކަމަށާއި، ތަޙުޒީބު ކޮންމެ މުޖުތަމަޢުއެއްގައި އެންމެ ބޮޑު ސަމާލުކަމެއްދެނީ ސާފުތާހިރުކަން ކަށަވަރުކުރުމަށް ކަމަށެވެ. އަދި މަގުމަތީގެ ސާފުތާހިރުކަމަކީ އެންމެންގެ މޫނުމައްޗަށް އެންމެންގެ ލޮލަށް ރީތިކުރުމަށްޓަކާ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ތިމާވެއްޓަށް އަންނަ ބަދަލުތަކާއެކު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކޮށް ނައިބު ރައީސް ވިދާޅުވީ ތިމާވެއްޓަށް ގެއްލުން ލިބިދާނެ ކުޑަނަމަވެސް ކަމެއްކުރުމުން ދުރުހެލިވާންޖެހޭކަމަށެވެ. އަދި މިކަން ކުރެވޭނީ މުޅި މުޖުތަމަޢުގެ ބައިވެރިވުމާއި އެއްބާރުލުން ލިބިގެންކަން ނައިބު ރައީސް ވިދާޅުވިއެވެ.