English Edition
Dhivehi Edition

ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ.

ހުޅުމާލޭގައި ހަރަކާތްތެރިވާ ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ، މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނެއްކަމަށެވެ. އަދި އެމީހުން ހައްޔަރުކޮށްފައިވަނީ ނޮވެމްބަރު 2 ވަނަ ދުވަހުގެރޭ ހުޅުމާލެ ރަބަރުގަސް މަގު 6 ނަންބަރު ގޯޅިންކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

މި މައްސަލައާއި ގުޅިގެން އިތުރަށް ފުލުހުން ވިދާޅުވީ އެދެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެއަށް ސަފާރީއަކުން ބިޔަރު ބާލާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި އެ ދެމީހުން ސައިކަލެއްގައި ދަނިކޮށް ފުލުހުން ފެނުމާއެކު ވަނީ އެމީހުން ގެންގުޅުނު ބިޔަރު ދަޅުތައް ހުރި ދެ ކޮތަޅު އެއްލާލާފައިކަމަށާއި އެމީހުން ހުއްޓުވައި އެއްލާލި ދެ ކޮތަޅު ނަގައި، ބަލައި ފާސްކުރިއިރު އެ ދެކޮތަޅު ތެރެއިން 96 ދަޅު ބިޔަރު ފެނިފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިމައްސަލަ ހުޅުމާލެ ޕޮލިސް އިން ދަނީ ތަހުގީގު ކުރަމުންނެވެ.