English Edition
Dhivehi Edition

އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ރޭ ފެށި ހޮރައިޒަން އެކަޑަމީ ޓީޗާސް ޓޯނަމެންޓް 2020 ގައި ބައްދަލުކުރި ދެ މެޗުން ހިތަދޫ ސްކޫލް ބީ ޓީމާއި އައްޑޫ ހައި ސްކޫލް ކާމިޔާބު ކޮށްފިއެވެ.

ރޭގެ އެއް މެޗްގައި ޝަރަފުއްދީން ސްކޫލްގެ ޓީމް އޭ އާއި އައްޑޫ ހައި ސްކޫލް ބައްދަލުކޮށް ކުޅުނު 7 ޓައިވެސް ހޯދީ އައްޑޫ ހައި ސްކޫލުންނެވެ. އެ މެޗް ހައި ސްކޫލުން ކާމިޔާބު ކުރީ 26 ޕޮއިންޓާއި އެކުގައެވެ.

ރޭ ކުޅުނު އަނެއް މެޗްގައި ހިތަދޫ ސްކޫލް ބީ ޓީމާއި ފޭދޫ ސްކޫލް އޭ ޓީމް ބައްދަލު ކުރި މެޗުން 5 ޓައި ހޯދައިގެން އެ މެޗް ކާމިޔާބު ކުރީ ހިތަދޫ ސްކޫލް ޓީމް ބީ އެވެ. އެޓީމް ކުރިހޯދީ 11 ޕޮއިންޓުގެ ތަފާތަކުންނެވެ.

މިރޭވެސް މި މުބާރާތުގެ 2 މެޗް ކުޅޭނެއެވެ. މިރޭ އިރު އޮއްސި 7 ޖަހާއިރު ފަށާ މި ދެމެޗްގައި ބައްދަލުކުރާނީ ނޫރާނީ ސްކޫލާއި ހިތަދޫ ސްކޫލް ޓީމް އޭ އަދި ޝަރަފުއްދީން ސްކޫލާއި ފޭދޫ ސްކޫލް ޓީމް ބީ އެވެ.

މިމުބާރާތުގެ މެޗްތައް ހަމަޖެހިފައިވާ ގޮތުން ކޮންމެ މެޗެއްގައިވެސް 7 ޓައި ކުޅޭނެއެވެ. އެއީ މެންސް ސިންގަލްގެ 1 ޓައި، ވިމެންސް ޑަބަލްގެ 3 ޓައި ، މެންސް ޑަބަލްގެ 2 ޓައި،އަދި ވިމެންސް ސިންގަލްގެ 1 ޓައި އެވެ.

މޮޅުވާ ކޮންމެ ޓައީ އަކުން ޓީމަށް 3 ޕޮއިންޓް ލިބޭއިރު ޓައި އިން ބަލިވެއްޖެނަމަ ލިބެނީ 1 ޕޮއިންޓެވެ. މުޅި މެޗުން އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ކާމިޔާބު ކުރާ ޓީމަށް އިތުރު 5 ޕޮއިންޓް ލިބެއެވެ.

އައްޑޫސިޓީ ހިތަދޫގެ ބެޑްމިންޓަން އެރީނާގައި ކުރިއަށްދާ މިމުބާރާތުގެ ކުޅުން ރޭ ފެށިގެން ކުރިއަށްދިޔައިރު ކުޅުންތެރިންނަށް ހިތްވަރު ދިނުމަށް ގިނަ ޢަދަދެއްގެ ސަޕޯޓަރުން ގޮސްފައިވެއެވެ. ސްކޫލްތަކުގެ ޓީޗަރުންނާއި މުވައްޒަފުން ވާދަކުރާ މުބާރާތަކަށް ވުމުން ޢާއްމުންގެ އިތުރުން ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިންގެ ބޮޑު ތަރުޙީބެއް މިމުބާރާތަށް ލިބިފައިވެއެވެ.

ހިތަދޫ ހޮރައިޒަން އެކަޑަމީން އިންތިޒާމް ކުރާ މިމުބާރާތުގެ ފައިނަލް މެޗް ކުޅޭނީ އަންނަ ހޮނިހިރު ދުވަހުއެވެ.