English Edition
Dhivehi Edition

އަރަމުން އަންނަ ކުޅަދާނަ ލަވަކިއުންތެރިޔާ އޮލީވިއާ ޑީން ރާއްޖޭގެ ކަނިފުށި ރިސޯޓުގައި އޭނާގެ ހިތްގައިމު އަޑުން ޝޯވ ހުށަހަޅައިދޭން ފަށައިފިއެވެ. އިނގިރޭސި ވިލާތުގެ މެންޗެސްޓަރ އަށް އުފަން އޮލީވިއާ އޭނާގެ އިންސްޓަގްރާމްގައި ފާހަގަ ކުރިގޮތުގައި 2020 ނިމެންދެން އޭނާ ރާއްޖޭގައި ހުންނާނެއެވެ.

މިހާރުވެސް ގިނަ ހުށަހެޅުންތަކެއް ލިބެމުން އަންނަ ޢުމުރުން 21 އަހަރުގެ މި ޒުވާނާއަކީ 2017 އިން ފެށިގެން ގިޓާ ކުޅެ ، ލަވަ ހަދަމުން އަދި ލަވަކިއުމުގެ ތެރެއަށް ވަން ހުނަރުވެރިއެކެވެ.

އޭނާގެ ރީތި ހިމަ އަޑުން ވިރުވާ އަޅާލާ ކޮންމެ ލަވައެއް އެތައް ބައެއްގެ މަޤްބޫލު ކަން ހޯދާއިރު އޮލީވިއާ ވެފައިވަނީ މޮޑެލް ކުރުމަށްވެސް އަރާހުރި ރީތި ތަރިއަކަށެވެ.

” މީ ވަރަށް ހިތްގައިމު ތަނެއް. އަދިވެސް އަހަންނަކަށް މިތަނުގެ ރީތިކަން އެއްކޮށް ބަލައެއް ނުލެވޭ. އަހަރު ނިމެންދެން ލަވަކިޔާލަ ކިޔާލާ މިތާ ހުންނާނަން. އަހަރެން ހާދަ ނަސީބު ރަނގަޅޭ ހިތަށް އަރަނީ. ރާއްޖެއައުމަށް ބޭނުންވަނީ ހަމައެކަނި ކޮވިޑް ޓެސްޓުގެ ނަތީޖާއިން ނެގެޓިވް ވުން. މިއީ ވަރަށް ރައްކާތެރި އަމާން ތަނެއް.”

ކަނިފުށި ރިސޯޓުގެ ހިތްގައިމު މާޙައުލުން އޮލީވިއާ އުފާ ހޯދަމުންދާއިރު މިދުވަސްކޮޅަކީ ރާއްޖެއަށް ހޫނު ގަދަ ދުވަސްވަރެއްކަމުން އޭނާވަނީ 30 ޑިގްރީގެ މި ގަދަ ހޫނަށް ހޭނެން އޭނާއަށް އަދި އުނދަގޫކަން ހާމަކޮށްފައެވެ.

ނޮވެމްބަރ 13 ގައި އޮލީވިއާ ރިލީޒްކުރާ ‘ކްރިސްމަސް ވިތައުޓް ޔޫ’ އަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަކުރަމުން އޭނާ ބުނީ އެލަވަ ވެގެންދާނީ 2020އާއެކު ވޭތިކުރަމުންމިދާ ދަތި ދުވަސްވަރު ހިތްތަކަށް ތަސައްލީއެއް ލިބޭނެ ފަދަ ހިތްގައިމު ލަވައަކަށްކަމަށެވެ.

އޭނާދަނީ ރާއްޖޭގައި އޭނާ ހޭދަކުރަމުންދާ ދުވަސްތަކާއި އޭނާގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތުތައް ފޭސްބުކާއި އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާއި ޙިއްސާ ކުރަމުންނެވެ.