English Edition
Dhivehi Edition

މިއީ ދުނިޔޭގެ ފެޝަން ބާޒާރުގައި މުސްލިމް ފެޝަންތައް އިޝްތިހާރު ކުރުމުގައި ހުރި ގޮން ޖެހުންތައް ނައްތާލަދިން ޢުމުރުން 21 އަހަރުގެ ބިލީ މާސަލްއެވެ. އިންސްޓަގްރާމްގައި ރީތި ގޮތްގޮތަށް ޙިޖާބާއެކު ފޮޓޯ ޕޯސްޓް ކުރަމުންދިޔަ މުސްލިމް މިއަންހެން ކުއްޖާ ދުނިޔޭގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ” ޕްރިޓީ ލިޓްލް ތިންގް ” ގެ ލޮލުގައި އަޅައިގެންފާނެ ކަމަށް އޭނާ ހީވެސް ނުކުރެއެވެ.

މަޝްހޫރު ސެލެބްރިޓީ ކައިލީ ޖެނަރ އާއި ހެއިލީ ބޯލްމިން ފަދަ ކުޅަދާނަ މޮޑެލުން ތަމްސީލުކުރާ ޕްރިޓީ ލިޓްލް ތިންގް އިން އޭނާއަށް މިލިބުނު ފުރުސަތާއެކު މާސަލް ގެ ފުރަތަމަ ފެނިލުމުންވެސް އޭނާ އުއްމީދު ނުކުރާފަދަ ބޮޑު ތަރްޙީބެއް ވަނީ ލިބިގެންގޮސްފައެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. އޭނާއަކީ ދުނިޔޭގެ އެތައް ބަޔަކު ނަފްރަތުކުރާ ކަޅު ނަސްލުގެ އަންހެނެކެވެ. އެހެންމޮޑެލުންހެން ލޫޅާފަތި ހަށިގަނޑެއްގެ ބަދަލުގައި ޕްލަސް ސައިޒްގެ ރޫފަ ހެޔޮ ބައްޓަމެއް ގެ ވެރިއެކެވެ. މިހުރިހާ ކަމަކާއެކު އޭނާއަކީ ޢައުރަ ނިވާކޮށްގެން ހުރި މުސްލިމެކެވެ.

 

މުސްލިމުންނަކީ މިފަދަ މަޝްހޫރު ވިޔަފާރިތަކުން ފުރުސަތު ލިބޭ ބައެއް ނޫނެވެ. އެހެން ނަމަވެސް ޕްރިޓީ ލިޓްލް ތިންގް އިން މާސަލް ބަލައިގަތީ މިއަދު ޙިޖާބުގެ ފެޝަންތަކަށް ދުނިޔޭގައި އޮތް ޑިމާންޑް ގަބޫލު ކުރެވި މާސަލްފަދަ މުސްލިމް މޮޑެލް އެއްގެ އެހީއާއެކު އެއިންޑަސްޓްރީއަށް ހެޔޮ ބަދަލެއް ގެނެވިދާނެ ކަމުގެ ޔަޤީން ކަމާއެކުގައެވެ.

އޭނާގެ ފުރަތަމަ ޕޯސްޓަށްވެސް 500000 ލައިކްސް ލިބި 60000 ރީޓުވީޓު ކޮށްފައިވުމުން ޢާއްމުން މާސަލް ބަލައިގަތްކަން އެއޮތީ ހާމަވެފައެވެ. އެކުންފުނިން ދޭން ބޭނުންވާ އިތުރު މެސެޖެއްވެސް އެބައޮތެވެ. އެއީ ނަސްލުގެ ތަފާތެއްނެތި ހަމަހަމަކަން އިސްކުރުމަށާއި ހަށިގަނޑުގެ ބައްޓަމާމެދު ހިތްހަމަ ޖެހުން ގެނައުމަށެވެ.

މާސަލް ބުނީ މުސްލިމުންނަށް ހަމަހަމަ ފުރުސަތެއް ލިބުން އެއީ އޭނާ އުފާ ކުރާ ކަމެއް ކަމަށާއި އޭނާގެ އުއްމީދަކީ މޮޑެލުން ޙިޖާބާއެކު ފެނުމުން ޙައިރާން ނުވާނެ ދުވަހެއް ފެނިގެން ދިއުން ކަމަށެވެ.