English Edition
Dhivehi Edition

އެމެރިކާގެ އެކްޓަރ އަދި ލަވަކިޔުންތެރިޔާ ޖެރެމީ ޖެކްސަންގެ ކުރީގެ އަނބިމީހާ ލޮނީ ވިލްސަން ލޮސްއެންޖަލިސް މަގުމަތީގައި ސަލާންޖަހަން އުޅެނިކޮށްލޮނީގެ ރައްޓެއްސަކަށް ފެނިއްޖެކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ލޮނީ ވިލްސަން32އ އަކީ މޮޑެލެއްގެ އިތުރުން މެގަޒިންތަކުގެ ކަވާ ތަކަށް އަރާފައި ވާ މަޝްހޫރު ބޮޑީ ބިލްޑަރެކެވެ. ލޮނީ މަގުމަތީގައި ވަރަށް ގޮނޑުކޮށް ވަރަށް ހާލުގައި އުޅެނިކޮށް ފެނިފައިވަނީ އޭނައާއެކު މަސައްކަތް ކުރި މޮޑެލެއްކަމަށްވާ ކްރިސްޓިންއަށެވެ. ކްރިސްޓިން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މަގުމަތިން ހާލުގައި ޖެހިފައިވާ އަންހެނަކު ފެނިގެން މޫނަށް ބަލާލި އިރު ދަންނަ މީހަކާ ވައްތަރުވެގެން ކައިރިއަށް ދިޔައިރު އެއީ ލޮނީ ކަން އެނގުމުން ބުނަންވެސް ނޭނގޭ ހާ ހިތްދަތިކަމެއް ލިބުނުކަމަށާއި އޭނަ ހުރިލެއް ގޮނޑުކަމުން ރޮވުނުކަމަށެވެ.

ކްރިސްޓިން އަށް ލޮނީ މަގުމަތިންފެނިގެން ވާހަކަދައްކަނީ

ކްރިސްޓިން ބުނީ، ލޮނީއާ މަގުމަތީގައި ހުރެގެން ވަރަށް ވާހަކަ ދެއްކިކަމަށެވެ. އޭނަގެ އަތުގައި ކޮންމެވެސް ވަރަކަށް ހެދުންތަކާއި ބައެއްގެންގުޅޭ ސާމާން ހުރިކަމަށެވެ. އަދި އަތުގައި ފޮތިގަނޑެއް އޮޅާފައި ވާކަމަށާއި ލޮނީ ބުނިގޮތުގައި އެއީ މީހަކު އޭނަ ކޮށްޕާ ވައްޓާލުމުން އެއްޗެއްގައި ޖެހިފައި އަތަށް ލިބިފައިވާ ޒަހަމެއް ހުރި ތަނެއްކަމަށް ބުނެފައިވާ ކަމަށެވެ. އެހެންކަމުން އަތުގައި ހުރި ޒަހަމަށް ވަރަށް އަވަހަށް ފަރުވާދޭން ޖެހިފައި ވާތީ އާއި ހުރިހައި އެއްޗެއް ހިފައިގެން އޭނަކައިރިއަށް އެގެއަށް ދިއުމަށް ކްރިސްޓިން ލޮނީ ކައިިރިން އެދުނުކަމަށެވެ.

ކްރިސްޓިން ބުނެފައިވަނީ ލޮނީ ގޮވައިގެން އެގެއަށް ގެންގޮޮސް ކާންދީ ހެދުމެއްދީފައި ފެންވެރައި ތާޒާވެލުމަށް ބުނިކަމަށެވެ. އަދި މަގުމަތީގައި ސަލާންޖަހަނީ ކިހިނެއްވީތޯ ސުވާލުކުރުމުން ލޮނީ ބުނިކަމަށްވަނީ ކުރީގެ ފިރިމީހާ ކައިރިން ވަރިވީ އޭނަ އަނިޔާކުރާތީ ކެތްނުވެގެން ކަމަށާއި އެއަށްފަހު ދެއަހަރު ފަހުން އޭނައެކަނި ދިރިއުޅެމުން ދަނިކޮށް ވަޒީފާގެއްލުނުކަމަށެވެ. އޭގެފަހުން ވެސް ދެތަނެއްގައި މަސައްކަތް ކުރިކަމަށާއި ނަމަވެސް އޭގެ އެއްވެސްތަނަކުން މުސާރަ ގަވައިދުން ނުލިބޭތީ ކުއްޔަށް ހިފައިގެން އުޅުނު ގެއާއި ކާރުގެ ކުލި ނުދެއްކިގެން އެހުރިހައި އެއްޗެއް ވެރިފަރާތުން ނެގުމުން ހާލުގައި ޖެހުނީކަމަށެވެ.

“ލޮނީ މަގުމަތީގައި ހާލުގައި ޖެހިފައި ވާތާ މިހާރު ދެއަހަރު، އަދި މަގުމަތިން މީހަކު އެއްޗެއްދިނިއްޔާ ކައިގެން ޑަސްބިންތައް ހާވާލައިގެން އޭނަ އުޅުނީ އަދި ފެންނުވަރާތާ ވެސް ދެއަހަރު ވެފައިވާ ކަމަށްބުނި، އަބަދުވެސް ބަލަނީ ވީހާވެސް ހަޑިކޮށް އުޅެވޭތޯ ކަމަށާއި އެއީ ރޭޕް އަދި ޖިންސީ ގޯނާތަކުން ސަލާމަތް ވުމަށް ކަމަށް ލޮނީ ބުނި، ކްރިސްޓިން މީޑިއާ އަށް ކިޔައިދީފައި ވެއެވެ.

ކްރިސްޓިން ބުނެފައިވަނީ ލޮނީ ފަދަ ރީތީ މަޝްހޫރު މީހަކު އެހާލުގައި އުޅެންޖެހެންވީ އެއްވެސް ސަބަބެއް އޮވެގެން ނުވާނެކަމަށް ގަބޫލުކުރަން ދަތި ނަމަވެސް އޭނައަށް ފާހަގަކުރެވުނީ ލޮނީ އަށް ވަރަށް ބޮޑަށް ޑިޕްރެޝަން އަދި މެންޓަލް މައްސަލަތަކާ ކުރިމަތި ވެފައިވާކަމަށެވެ. އެހެން ކަމުން ލޮނީ އަށް ހުރިހައި ގޮތަކުން އެހީވާނެކަމަށް ބުނިނަމަވެސް ލޮނީ ގެހާލަތު ހުރިގޮތުން އޭނަ ކްރިސްޓިން ކައިރީ އުޅެންދެކޮޅުހަދާ އަނެއްކާ ވަނީ ކުރީގެ ހާލަތަށް މަގުމައްޗަށް ނިކުމެފައެވެ.

” އަހަރެން ލޮނީ އަށް ވަރަށް އެހީވާން ބޭނުން . އޭނަ އަހަރެންގޭގައި އުޅުނީ އަހަރެންގެ ދަރިފުޅަށް ބޭބީ ސިޓް ކޮށްދީގެން، ނަމަވެސް ދެދުވަސް ފަހުން އޭނަ އަހަރެން ކައިރީ ބުނީ ދެން ބޭނުންވަނީ މިގެއިން ދާންކަމަށް. މީހަކު ކިތަންމެ އެހީވާން އުޅުނަސް އަނެކާ އެކަމާ ދެކޮޅު ހަދަންޏާ ދެން ނުހިފެހެއްޓޭނެ ދޯ” ކްރިސްޓިން މީޑިއާ ކަށް ކިޔައިދިނެވެ.

މީޑިއާތަކުގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ލޮނީ ހިފާގެންގުޅޭސާމާން ހުރީ ޝޮޕިންގް ކާޓެއްގެ ތެރޭގައެވެ. އަދި ލޮނީ ނިދާފައި އޮންނަނީ ލޮސްއެންޖަލިސްގެ އެކި ސަރަހައްދުތަކުގެ މަގުތައްމަތީގައެވެ. ލޮނީ އާއި އެމެރިކަން އެކްޓަރ ޖެރެމީ ކައިވެނިކޮށްފައިވަނީ 2012 ވަނަ އަހަރު އެވެ. ނަމަވެސް އެދެމީހުން ވަނީ އޭގެ ދެއަހަރުފަހުން ވަކިވެފައެވެ. ލޮނީ އާ ޖެރެމީ ވަކިވި ސަބަބަކަށް ވަނީ މަސްތުގެހާލަތުގައި ހުރެ ޖެރެމީ ލޮނީ އަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާދިނުމުންނެވެ.

ލޮނީ މަގުމަތީގައި ހާލުގައި ޖެހިފައި ވަނިކޮށް ފެނުމުން ކްރިސްޓިން ވަނީ މީޑިއާގައި އޭނަގެ ހާލަތު ހިއްސާކޮށް އޭނަ ދިޔަތަނެއް ހޯދުމަށާއި އޭނައަށް އެހީވުމަށް އެކިފަރާތް ތަކަށް ގޮވާލާފައެވެ.