ކޮންމެ ކުއްޖާކީވެސް އެކުއްޖެއްގެ ޒާތުގައި ރީތިކުއްޖެއް ކަމަށް މީހުން ކުއްޖާތުއްތު އިރު ބުނަމުންދެއެވެ. ނަމަވެސް ކުއްޖާ ބޮޑުވުމަށްފަހު ރީތިކަމަށް މަޝްހޫރު ވަނީ ޓީވީ ޗެނަލްތަކުން ފެންނަ ރޫފަރީތި މޭކަޕްކޮށްފައި ތިބޭމީހުންކަމަށް ބައެއް މީހުން ބުނެއެވެ. މިހުރިހާ ކުށްހީތައް ފަސްޖައްސާލާފައި ޑައުންސިންޑްރޯމް ހުންނަ ކެލިފޯނިއާއަށް އުފަން ރީތި، ޗެލްސީވާނާ މިވަނީ ދުނިޔޭގެ މަޝްހޫރު މޮޑެލުންނާ އެއްފެންވަރެއްގައި މޮޑެލް ކުރުމުގެ ރޮނގުން ކުރިއަށްދާން ނިކުމެފައެވެ.
ޗެލްސީ އަކީ އުފަންވިއިރު ޑައުންސިންޑްރޯމް ހުންނަ ކުއްޖެކެވެ. އޭނައަށް ހިނގުނީވެސް އުމުރުން 2 އަހަރު ފުރުނުފަހުން ކަމަށާއި ކުޑައިރު އަބަދުވެސް ގައިގެ މަސްތަކުގަިއ ވަރުނުހުންނަކަމަށް ޗެލްސީބުންޏެވެ.
ޗެލްސީއަކީ ކުޑައިރުއްސުރެ ޖިމްނާސްޓިކް ހަދަމުން އަންނަ ޖިމްނާސްޓެއް ވެސްމެއެވެ. އޭނާ ޖިމްނާސްޓިކް ގެ ރޮނގުން މަޝްހޫރު މީހަކަށްވީނަމަވެސް މިހާރު ދަނީ މޮޑެލްކުރުމުގެ ދާއިރާގައިވެސް ފިޔަޖަހަމުންނެވެ. ޗެލްސީވަނީ މިހާތަނަށް ސްޕެޝަލް ޔުނައިޓޭޑް ނޭޝަންސްގެ ޗެމްޕިއަންޝިޕްކަން 4 ފަހަރު ހޯދާފައެވެ. އޭނަގެ އުމުރުން ހަތަރު އަހަރުގައި ޖިމްނާސްޓިކް ތަމްރީންތައް ހަދަންފެށިއެވެ. އަދި މާގިނަ ދުވަހެއްނުވެ އޭނަގެ ގައިގެ މަޒްލްސްތަކުގައި ވަރުޖައްސައި މިދާއިރާއިން ކުރިއަށް ދިޔުމަށް ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ.
ޗެލްސީއަށް ޖިމްނާސްޓިކް ގެ ދާއިރާއިންނާއި މޮޑެލް ކުރުމުގެ ރޮނގުން ކުރިއަށް ދިޔުމަށް އޭނަގެ އާއިލާ މީހުންގެ އެހީތެރިކަން ވަރަށް ބޮޑަށްލިބޭކަމަށް އޭނަވަނީ އިންޓަވިއުއެއްގައި ބުނެފައެވެ. އަދި ކުރުމުއްދަތެއްގައި މޮޑެލް ކުރުމުގެ ރޮނގުން ޗެލްސީ ފިޔަޖަހަން ފެށުމާއެކު އޭނަފަދަ އެހެން ކުދިންނަށް ދިރިއުޅުމުގައި ބޮޑު ހިއްވަރެއް ލިބިގެންދާނެކަމަށް އޭނަގެ އާއިލާ މީހުން އިންމީދުކުރެއެވެ.
ހިތްވަރުގަދަ ޗެލްސީ ބުނީ، އޭނައަކީ ވަރަށް ގޮތްދޫނުކުރާ މީހެއްކަމަށާއި އޭނަގެ ދިރިއުޅުމުގައި މިހާހަމައަށް އަންނަން އެތައް ގޮންޖެހުމަކާއި ކުރިމަތީ ލާންޖެހުނު ނަމަވެސް މިއަދު އޭނަގެ ހުވަފެންތައް ހަގީގަތަކަށް ވެފައިމިވަނީ ގޮތުގައި ހުރުމުން ކަމަށެވެ.