English Edition
Dhivehi Edition

 

ހޮރައިޒަން އެކަޑަމީ ޓީޗާސް ޓޯނަމެންޓް 2020 ގެ ނަމުގައި އައްޑޫސިޓީގެ ސްކޫލްތަކުގެ މެދުގައި ބާއްވާ ބެޑްމިންޓަން މުބާރާތް މާދަމާ ފަށާނެއެވެ. ޖުމްލަ 5 ސްކޫލަކުން ވާދަ ކުރާ މިމުބާރާތުގައި ބައިވެރިވެފައިވަނީ ފޭދޫ ސްކޫލް ، ޝަރަފުއްދީން ސްކޫލް،ނޫރާނީ ސްކޫލް،ހިތަދޫ ސްކޫލް އަދި އައްޑޫ ހައި ސްކޫލެވެ.

މީގެ އަހަރެއްހާ ދުވަސްކުރިން ސާކްގެ 21 އަހަރުން ދަށުގެ ބެޑްމިންޓަން މުބާރާތް ބޭއްވުމަށް އައްޑޫސިޓީ ހިތަދޫގައި 6.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ޤާއިމް ކުރި ބެޑްމިންޓަން އެރީނާގައި މިމުބާރާތް މާދަމާ ފަށާއިރު މިޢިމާރާތް ހަމަޖެހިގެން ދިޔައީ ހޮރައިޒަން އެކަޑަމީގެ ވައިސް ޕްރެޒިޑެންޓުން ކަމަށްވާ އައިމިނަތު ޒާހިރާއާއި ރިޔާޒް ޢަލީގެ ވަރަށް ބުރަ މަސައްކަތާއެކު ކަން ފާހަގަ ކުރައްވަމުން ހޮރައިޒަން އެކަޑަމީން ވަނީ މިދެބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ޢިމާރާތް ހަމަޖައްސަވައި ދެއްވިކަމަށްޓަކައި ޔޫތް މިނިސްޓަރ އަޙްމަދު މަޙްލޫފާއި ޔޫތް މިނިސްޓްރީއާއި ހިތަދޫ ޔޫތް ސެންޓަރާއި އައްޑޫސިޓީ ކައުންސިލަށް ވެސް ޝުކުރު އަދާކޮށްފައިވެއެވެ.

އިންޑޯ 4 ކޯޓާއި އެކު 2 ބުރިއަށް ޢިމާރާތްކޮށްފައިވާ މި އެރީނާ ގައި ކުޅުނު ބައިނަލް އަޤްވާމީ މުބާރާތަށް ފަހު ޓީޗާސް ޓޯނަމެންޓް ވެގެންދާނީ މި ޢިމާރާތުގައި ކުޅެވޭ ފުރަތަމަ މުބާރާތަށެވެ. މާދަމާ ފަށާ މުބާރާތަށް ތަން ސާފުކޮށް ތައްޔާރު ކުރުމަށްޓަކައި ހޮރައިޒަން އެކަޑަމީގެ ހީވާގި މެންބަރުންނާއި ކުޅުންތެރިން އަދި ވޮލަންޓިއަރުން ދަނީ ބުރަކޮށް މަސައްކަތް ކުރަމުންނެވެ.

 

2000 ވަނަ އަހަރުން ފެށިގެން އައްޑޫސިޓީގައި ބެޑްމިންޓަން ކުރިއަރުވައި އާލާކޮށް މިކުޅިވަރު ކުޅުމަށް ޝައުޤު ވެރިވާ ފަރާތްތަކަށް އެކަމުގެ ފުރުސަތު ފަހިކޮށްދީ މިރޮނގުން ކުޅުންތެރިން ބިނާކުރުމުގެ މަޤްޞަދުގައި ގިނަ ޙަރަކާތްތަކެއް ހިންގަމުން އަންނަ ހޮރައިޒަން އެކަޑަމީން އައްޑޫސިޓީގެ ސްކޫލްތަކަށް އަމާޒްކޮށްގެން މިފަދަ މުބާރާތެއް ބާއްވަނީ ސްކޫލްތަކުގެ މުވައްޒަފުން މިކުޅިވަރަށް ދެއްވާ ތާއީދާއެކު ސްކޫލް މާޙައުލުގައިވެސް ބެޑްމިންޓަން ގެ ރޫޙު އާލާކުރުމަށްކަމަށް ހޮރައިޒަން އެކަޑަމީން މަޢުލޫމާތު ދެއްވައެވެ.

މުބާރާތުގެ ޓީމްތަކުގެ ގުރު ނެގުން ކުރިއަށް ދަނީ/ފޮޓޯ ހޮރައިޒަން އެކަޑަމީ

މާދަމާރޭ 8.30 ގައި ބާއްވާ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ކުޅޭ ފުރަތަމަ 2 މެޗްގައި ބައްދަލުކުރާނީ ހިތަދޫ ސްކޫލާއި ފޭދޫ ސްކޫލްއަދި ޝަރަފުއްދީން ސްކޫލާއި އައްޑޫ ހައި ސްކޫލްގެ ޓީމެވެ. 1 ހަފްތާއަށް ކުރިއަށްދާ މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 7 ވާ ހޮނިހިރު ދުވަހުއެވެ.

މުބާރާތުގެ ޖާޒީ ޙަވާލުކުރުމުގެ ތެރެއިން/ފޮޓޯ ހޮރައިޒަން އެކަޑަމީ

މިމުބާރާތް ރާވާ ހިންގުމުގައި ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާއިރު މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ތްރީއެސް،އަސްކަނި ސްޕޯރޓްސް، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް، މަލްޓި ސުޕަރމާޓް، ޓޫ ސްޓާ ޓޭކްއަވޭ، ވަންޑިގްރީ، ކޮންޓްރޯލް ޕީ،އެމް ޕީ ނާޒިލް، ބީޓެކް، ލުއިގޭސް ،އަދި ޑިލައިޓް ހިމެނެއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އޭއޯނިއުސްއެވެ.