English Edition
Dhivehi Edition
ޕްރޮސެކިއުޓަރު ޖެނެރަލް އައްބާސް ޝަރީފް

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް ޕްރޮސިކިއުޓާ ޖެނެރަލް އަމުރުކުރައްވައިފިއެވެ.

މިއަދު ޕީޖީ އިން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުން އިއުލާނުކޮށްފައިވާ “ބިންވެރިޔާ” އަދި ”ގެދޮރުވެރިޔާ” ސްކީމަށް އެދި ފޯމު ބަލައިގަތުމުގައާއި ގޯއްޗާއި، ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި، ކަނޑައެޅިފައިވާ އުސުލުތަކާއި ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފައިވުމުގެ ކަންބޮޑުވުންތައް ޕީޖީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި މި ކަމަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ ކަމަކަށްވާތީ މިކަމަކީ ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަމެއްކަމަށް ޕީޖީން ވަނީ ބުނެފައެވެ.

ގާނޫނުއަސާސީން ޕްރޮސިކިއުޓާ ޖެނެރަލްއަށް ލިބޭ ބާރުގެ ދަށުން، ފްލެޓާއި ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމާއި، ގޯއްޗާއި ފްލެޓް ދޫކުރުމުގައި ޢަމަލުކޮށްފައިވާ ގޮތުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ޕީޖީން ވަނީ އެދިފައެވެ. އަދި މިކަމުގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނެމަ، އެކަން ތަހުގީގުކުރުމަށްފަހު ދައުވާކުރުމަށްޓަކައި އެއޮފީހަށް ހުށަހެޅުމަށް، ދިވެހި ފުލުހުންގެ ހިދުމަތަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ޕީޖީން ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން މި މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތް، ކޮންމެ ހަފްތާއަކު 1 ފަހަރު ޕްރޮސިކިއުޓާ ޖެނެރަލްއާ ހިއްސާކުރަމުން ގެންދިއުމަށް ވަނީ އެދިފައެވެ. އަދި މި މައްސަލައިގެ އަވަސް ތަހުގީގެއް ހިންގުމަށްވެސް ޕްރޮސިކިއުޓާ ޖެނެރަލް ވަނީ އަމުރުކުރައްވާފައެވެ.