މިފްކޯއަށް ގެންނަން ބޭނުންވަނީ ދެމެހެއްޓެނިވި ތަރައްގީއެއް ކަމަށް އެކުންފުނީގެ އައު ސީއީއޯ ޑރ. ވިތާލީ ލުބިމޮފް ވިދާޅުވެއްޖެއެވެ.
ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ދަށުން ކުންފުންޏަށް އައު ޖެނެރަލް މެނޭޖަރެއް އައްޔަންކުރުމަށްފަހު ނެރުނު ނޫސް ބަޔާނެއްގައި ވިތާލީ އާއި ހަވާލާދީ މިފްކޯ އިން ބުނީ ވަކި ބަޔަކަށް ފައިދާވާގޮތަށް ކަންތައްތައް ކުރިއަށް ގެންދިޔުމަށް ޖާގަ ނުދެއްވާނެ ކަމަށެވެ.
މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ކުރެވޭނެކަންކަން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މިމަސައްކަތަށް ފަހު މިފްކޯ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެ ގޮތުގެ ތަފްސީލުތައް ސަރުކާރުގެ ކަމާއިބެެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެ ކަމަށެވެ. ވިތާލީ ވިދާޅުވީ އޭނާ އެ މަގާމާއި ހަވާލުވެވަޑައިގެންނެވީ މިފްކޯއާ މެދު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު އިތުރުކުރުމަށްކަމަށެވެ. އެގޮތުން ސިޔާސީގޮތުންވެސް އަދި އެނޫން ގޮތަކުންވެސް އެއްވެސް ނޫފުޒެއް ބަލައިނުގަންނާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެ ބަޔާނުގައި ވަނީ ކުންފުނި ހަރުދަނާކުރުމަށް ގެންނަމުންދާ ބަދަލުތަކުގެ ދަށުން މިފްކޯގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް އައު ޖެނެރަލް މެނޭޖަރެއް އައްޔަންކޮށްފައި ކަމަށާއި، މިހާރު ކުރަމުންދާ މަސައްކަތަކީ ކުންފުނީގެ މުވައްޒަފުންގެ ގާބިލިއްޔަތުކަން ވަޒަން ކުރުމުގެ މަސައްކަތް ކަމަށެވެ.