English Edition
Dhivehi Edition

ލިޔުނީ: މުޙައްމަދު ހިޒްޔަމް

ދިވެހީންގެ ތެރެއިން ގިނަ ޒުވާނުން މިހާރު އެންމެ އިސްކަމެއްދެނީ ފުޓްސަލްގެ މައިދާނަށެވެ. ޒުވާން ހުނަރުވެރި ޖީލެއްގެ ބައިވެރިވުމާއެކު، ދިވެހިރާއްޖޭގައި ފުޓްސަލްގެ ފޯރީ ދަނީ އަހަރުން އަހަރަށް އިތުރު ވަމުންނެވެ. ރާއްޖޭގެ ގިނަ ރަށްތަކުގައި ފުޓްސަލް ދަނޑެއް އޮތުމަކީ މި ކުޅިވަރު ކުރިއަރައިގެންދާކަމުގެ އަލިގަދަ ހެއްކެކެވެ.

ލ.ގަން، ތުނޑި، ޙަސަން ސާމިދު، (17) އަކީވެސް ފުޓްސަލްގެ މައިދާނުން ފެންނަ ހުނަރުވެރި ޒުވާނެކެވެ. އުމުރުން އެންމެ 15 އަހަރުގައި ގޯޅި ސްޕޯރޓްސް ކްލަބް ޖޫނިއަރސްއަށް ކުޅެން ފަށައި، ސާމިދުވަނީ އޭނަގެ ހުނަރު ޢާންމުންނަށް ދައްކަން ފަށާފައެވެ. ލ.ގަމު ޙަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލުގައި ތަޢުލީމު ޙާޞިލުކުރުމަށްފަހު، ވިލާ ކޮލެޖުގެ ގަމު ކެމްޕަހުގައި ފައުންޑޭޝަން އިން ލޯ ހަދަމުން އަންނަ ސާމިދުއަކީ ވިޒިޓް ލާމު ފުޓްސަލް ޗެލެންޖް 2019ގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ މަޤާމުވެސް ހޯދާފައިވާ ޒުވާނެކެވެ.

އެންމެ ފުރަތަމަ ފުޓްސަލްއަށް ޝައުޤުވެރިކަން އުފެދުނީ ކިހިނެއްތޯ ސުވާލު ދެންނެވުމުން ސާމިދު ބުނީ ވަރަށް ކުޑައިރުއްސުރެން ފެށިގެން ފުޓްބޯޅަ ކުޅެމުން އަންނަ ކަމަށާއި، ރަށުގެ އެހެން އަވަށްތަކާއެކީ ކުޅެވެސް ހެދިކަމަށެވެ. އަދި ހަމައެހެންމެ، ފުޓްސަލްގެ ތެރެއަށް ވަދެވުނީ އޭނަގެ ބޭބެ ފުޓްސަލް ކުޅޭތަން ފެނިގެން އޭގެއިން ހިތްވަރު ލިބިގެންކަމަށެވެ.

ސާއިދު އޭނަގެ ބޭބެއާއެކު

“ކުޑައިރުވެސް ފުޓްބޯޅަ ކުޅުނިން. ފުޓްސަލްއަށް ވަދެވުނީ ބޭބެ ކުޅޭތަން ފެނިފައި. އެއީ އުމުރުން އެންމެ 15 އަހަރުގައި.”

ސާމިދު ކުޅޭ ކޮންމެ މެޗެއްގައިވެސް ޕިޗުން ސާމިދުގެ މޮޅު ހުނަރު ފެނިގެން ދާއިރު، އޭނާވަނީ ގިނަ ކާމިޔާބީތަކެއް ޙާޞިލުކޮށްފައެވެ. މިގޮތުން ސާމިދުގެ ނަޒަރުގައި ވިޒިޓް ލާމު ފުޓްސަލް ޗެލެންޖެ 2019ގެ ޗެމްޕިއަންކަން ލިބުމަކީ އޭނައަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

ސާމިދު ބުނިގޮތުގައި ފުޓްސަލް ކުޅުމަށް އޭނައަށް އެންމެ ބޮޑަށް ހިތްވަރު ދެނީ އޭނަގެ މަންމައާއި ބޭބެއެވެ. “އަހަރެންނަށް އެންމެ ބޮޑަށް ހިތްވަރު ދެނީ އެންމެ ލޯބިވާ މަންމަ. ދެން އަހަރެންގެ ބޭބެ. ބޭބެއަކީ އަހަރެންގެ އެދުރު.” ގޯޅި ސްޕޯރޓްސް ކްލަބަށް ކުޅެމުން އަންނަ އޭނަގެ ބޭބެއަށް ތަޢުރީފުކުރަމުން ސާމިދު ބުންޏެވެ.

“އަހަރެންގެ އުންމީދަކީ ގޯލްޑެން ފުޓްސަލް ޗެލެންޖްގައި އަހަރެންގެ ރަށް ތަމްސީލުކޮށް ކާމިޔާބީ ހޯދައި، ރަށަށް ތަށި ގެނައުން. މިއީ ކާފައަށްޓަކާ އަހަރެން ކޮށްދޭން ބޭނުންކަމެއް. ކާފަ އަހަރެންނާއެކީ މިއަދު ނެތަސް، ކާފައަށްޓަކައި މިކަން ކުރާނަން.”

ކޮންމެ ކަމެއްގައިވެސް އޮންނާނީ އެމީހެއްގެ ހަރުދަނާކަމާއި ބުރަކޮށް މަސައްކަތްކުރުން ކަމުގައި ސާމިދު ޤަބޫލުކުރެއެވެ. އަދި މުސްތަޤްބަލުގައި މަޝްހޫރު އަލީ ހާފިޒުއާ އެއް ޓީމަކަށް ކުޅުމަކީ އޭނާގެ ހުވަފެނެއްކަމަށް ސާމިދު ބުންޏެވެ.

އޭއޯ ނިއުސްގެ ދުޢާއަކީ ފުޓްސަލްގެ މައިދާނުގައި ހުނަރުވެރި ޒުވާނުންނަށް ފާގަތި މުސްތަޤްބަލެއް ދެއްވުމެވެ. އަދި ލ.ގަމުގައި ފުޓްސަލް ކުރިއަރައި، ސާމިދުގެ ހުވަފެން ހަޤީޤަތަކަށްވުމެވެ.