English Edition
Dhivehi Edition
ފޮޓޯ: އެމްޕީއެލް

ލ. ގާދޫގައި ތަރައްގީކުރާ “އިންޓަގްރޭޓަޑް މެރިޓައިމް ހަބް”ގެ ކޮންސެޕްޓާ ގުޅޭ ސާވޭގެ މަސައްކަތްތައް ފަށައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމެޓެޑުން ގާދޫގައި ތަރައްގީކުރާ “އިންޓަގްރޭޓަޑް މެރިޓައިމް ހަބް”ގެ މަސައްކަތް ޗައިނާގެ ސީއޭއެމްސީ އިންޖިނިއަރިން ކޮމްޕެނީ ލިމިޓަޑް، ސީއޭއެމްސީއީއާ ހަވާލުކޮށްފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ކޮންސެޕްޓްއާ ގުޅޭ ފުރަތަމަ ސަވޭގައި ސީއޭއެމްސީއީ ކުންފުނީގެ 7 ތަޖުރިބާކާރުން ބައިވެރިވާއިރު އެމްޕީއެލް ޓެކްނިކަލް ޓީމެއްވެސް މި ސާވޭގައި ބައިވެރިވާނެއެވެ. މި މަޝްރޫއަށް ބޭނުންވާ ސާވޭގެ މަސައްކަތައް ދެ ކުންފުނީގެ ޓީމުންވެސް ގާދޫއަށްގޮސް ބޭނުންވާ މައުލޫމާތުތައް އެއްކޮށްފައިވާއިރު މި މަޝްރޫއުގެ ކޮންސެޕްޓްގެ މަސައްކަތްތައް ނިންމާލާނީ އިންވަޔަރަމަންޓް މިނިސްޓްރީ އާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ފަންނީ ލަފަޔާ އިރުޝާދު ހޯދުމަށްފަހުކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެމްޕީއެލް އިން ބުނީ ގާދޫއަކީ ވެލާ ކަހަނބު ބިސްއަޅާ އަލާވާކަމަށް ފާހަގަކުރެވޭ ސަރަހައްދަކަށްވުމާއެކު މި މަޝްރޫއު ކުރިއަށް ގެންދާނީ ތިމާވެއްޓާ ރައްޓެހި، އަދި ގާދޫގެ ގުދުރަތީ މުއްސަނދިކަން ހިމާޔަތްކުރެވޭ ކޮންސެޕްޓަކަށްކަމަށެވެ. އިތުރަށް އެ ކުންފުނިން ބުނީ ލ. އަތޮޅަށް އަންނަ މެރިޓައިމް ހަބްގެ ހިދުމަތާއެކު އެ އަތޮޅުގެ ރައްޔިތުންނަށް އާމްދަނީގެ ފަހި ފުރުސަތުތަކެއް ލިބިގެންދާނެކަމަށެވެ.

މި މަޝްރޫއުގެ ތެރޭގައި ގާދޫގައި ވެލާ ކަހަނބު އަރާ ސަރަހައްދު ހިމާޔަތްކޮށް، ކޮންސަވޭޝަން އަދި ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ލ. އަތޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރާ ކްރޫޒް ޓާމިނަލެއް ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަރައްގީކުރާ އީކޯ ރިސޯޓު ތަރައްގީކުރުމަށްވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން ސުޕާ ޔޮޓް މެރީނާއެއް އަދި “އޮފް ޝޯ ބަންކަރިން” އަދި ޓްރާންޝިޕްމަންޓް ބަނދަރެއްގެ ހިދުމަތްވެސް ފޯރުކޮށްދޭނިމަށްވެސް ވަނީ ނިންމާފައެވެ.

ޓެގު