ލ. ގަމުގައި ކެންސަރު ހޮސްޕިޓަލެއް ތަރައްގީ ކުރުމަށްޓަކައި ސާވޭ ކުރުމާއި އިތުރު މަޝްވަރާތަކަށް އިންޑިއާގެ މުމްބާއީގެ ޓާޓާ މެމޯރިއަލް ސެންޓަރު (ޓީއެމްސީ) ގެ މަންދޫބުން ހިމެނޭ ވަފްދެއް ލ. ގަމަށް ޒިޔާރަތްކޮށްފިއެވެ،
އެ މަޝްރޫއާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މިއަދާ ހަމަޔަށް ގަމަށް ޒިޔާރަތް ކުރި ޓާޓާގެ ދެ އޮންކޮލޮޖިސްޓުން (ކެންސަރަށް ހާއްސަ ޑޮކްޓަރުން)ވަނީ އެ ރަށުގައި ޕްރިލިމިނަރީ ސާވޭއެއް ހަދާ، ރަށުން ލިބެން ހުރި ވަސީލަތްތަކާއި ހިދުމަތްތައް ބަލާފައެވެ.
2019 ވަނަ އަހަރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި އިންޑިއާގެ ބޮޑު ވަޒީރު ކުރެއްވި ވީޑިއޯ ކޯލެއްގައި އިއުލާންކުރެއްވި މި މަޝްރޫއުގެ ދަށުން ލ. ގަމުގައި ދުނިޔޭގެ ފެންވަރުގެ ކެންސަރު ހޮސްޕިޓަލެއް އަޅާނެއެވެ އަދި ކެންސަރު ބަލީގެ ތަހުލީލުތައްކޮށް، ބަލި ދެނެގަނެ، ފަރުވާ ދީ އަދި ކެންސަރު ބަލި މީހުންނަށް ބޭނުންވާ ރިހެބިލިޓޭޝަން ވެސް ފޯރުކޮށްދޭނެއެވެ.
މި މަޝްރޫއުގެ ސާވޭކުރުމަށް އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ޓީއެމްސީ އަކީ އިންޑިއާގެ ގައުމީ ފެންވަރުގައި ކެންސަރު ބަލި ހުއްޓުވަން މަސައްކަތް ކޮށް، އެ ބައްޔަށް ފަރުވާދީ، ތަމްރީނު ޕްރޮގްރާމް ހިންގާ އަދި ކެންސަރު ރިސާޗް ހަދާ އިންޑިއާގެ މައި ކެންސަރު ސެންޓަރެވެ.