English Edition
Dhivehi Edition

ޒަމާނުއްސުރެ އަޑު އިވެނީ އުމުރުން 35އަހަރު ވުމަށްފަހު ދަރިން ހޯދުމަކީ ރައްކާތެރި ކަމެއްނޫނޭ ބުނެއުޅޭ އަޑެވެ. ނަމަވެސް ޒަމާނަށް އައި ބަދަލާއި އެކު މިހާރު އުމުރުން 40 އަހަރުން މަތިވެފައިވާ އަންހެންވެރިން ބަލިވެއިނދެ ވިހެއުން އާންމު ވެއްޖެއެވެ. މަޝްހޫރު ސެލެބްރިޓީންނަށް ބަލައިލާއިރު އެމީހުންވެސް އުމުރުން 40 އަހަރު ނުވަތަ އެއަށްވުރެ އުމުރު މަތިވެފައިތިބޭ އިރުވެސް ދަރިން ހޯދަމުން އަންނަ ކަން އަހަރެމެންނަށް ހަބަރުފަތުރާ ވަސީލަތް ތަކުން އެނގި ފެނިގެން ދެއެވެ. ކަން މިހެން އޮތް ނަމަވެސް އެހަބަރު ލިބުމާއެކު އަހަރެމެން ހިތަށް ކުރިމަތިވާ ސުވާލަކީ އެހާ އުމުރު މަތިވެފައި ތިބޭމީހުން ދަރިން ހޯދުމަކީ ކިހާރައްކާތެރި ކަމެއްތޯއެވެ.

ދަރިން ހޯދުމަށް އެންމެ ރަނގަޅު އުމުރު:

ސިއްޚީ މާހިރުން ބުނާގޮތުގައި ދަރިން ހޯދުމަށް އެންމެ ރަނގަޅު އުމުރަކީ 20-35 އަހަރާ ދެމެދެވެ. މި އުމުރަކީ ދަރިފުޅަށާއި މައިމީހާއަށް އެންމެ ރަނަގޅު އުމުރުކަމަށް ސިއްޚީ މާހިރުން ބުނެއެވެ. ފުރަތަމަ ދަރިއަށް އުމުރުން 20 އަހަރާއި 30 އަހަރާއި ދެމެދު ބަލިވެ އިނުމަށްފަހު ދެވަނަ ދަރިއަށް 30 އަހަރާއި 35 އަހަރާއި ދެމެދު ބަލިވެއިނުމަކީ އެންމެ ރަނގަޅުގޮތްކަމަށްވެސް އެމީހުން ބުނެއެވެ. އަދި ދަރިން ހޯދާނަމަ އެއް ކުއްޖަކު ވިހާފައި ދެމެދަށް 18-23 މަސް ދޫކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭނެކަމެއް ކަމަށް ވެސް ސިއްޚީމާހިރުން ބުނެއެވެ.

އުމުރު މަތިވުމުން ދަރިމައިނުވުގެ މައްސަލަތައް ދިމާވޭ:

އަންހެނުން އަލަށް މައްސަރުކަންތައް ފެށުމާއެކު ބިސްރަވައިގައި (އޯވަރީގައި) 300،000 ބިސް އުފައްދައެވެ. ކޮންމެ ފަހަރަކު ބަލިވެ އިނުމާއި އަދި އުމުރު މަތިވަމުން އަންނަ ވަރަކަށް ބިސްތައް މަދުވަމުން ދާނެކަމަށް ސައިންސްވެރިން ބުނެފައިވެއެވެ. އެހެން ކަމުން 35 އަހަރުން މަތިވުމާއެކު އޯވަރީގައި އުފައްދާ ބިހުގެ އަދަދު މަދުވުމުން ބަލިވެ އިނުމަށް އުނދަގޫތަކާ ދިމާވެއެވެ. މިފަދަ ހާލަތްތަކުގައި ފާޓިލިތީ ޓްރީޓްމެންޓް، އަދި އައި.ވީ.އެފް ހެއްދުން ފަދަ ފަރުވާ ހޯދަން ޖެހެއެވެ.

އުމުރު މަތިވާފަހުން މާބަނޑު ވުމުން ދިމާވާ ނުރައްކާތައް:

ސިއްޚީ މާހިރުން ބުނާގޮތުގައި އުމުރުން 35 އަހަރުން މައްޗަށް ދާފަހުން ދަރިން ހޯދުމުން ވަކި ހިސާބަކުން ބައިގެން ދިޔުމާއި ކުއްޖާ ބަނޑަށް މަރުވުން އަދި ވިހެއުމަށްފަހު ކުއްޖާ މަރުވުން ފަދަ މައްސަލަތައް ދިމާވެއެވެ. މީގެ އިތުރުން މައިމީހާ އަށް ދިމާވާ ކަންތައް ތަކުގެ ތެރޭގަައި ހަކުރު ބައްޔަށް މަގުފައިވުމާއި މާބަނޑު އިރު ލޭ މައްޗަށް ދިއުން އަދި ރަހިމުން ބޭރުގައި ދަރިފުޅު އުފެދުން ފަދަ ކަންތައްތަކާ ކުރިމަތިވެއެވެ.

40 އަހަރުން މަތިވުމަށްފަހު މާބަނޑުވެ އިނުމުން ރައްކާތެރި ކަން ހޯދާނެގޮތް:

40 އަހަރުން މަތިވުމަށްފަހު ބަލިވެއިނުމުން ސިއްޚީ ވަރަށް ގިނަ މައްސަލަތަކާ ދިމާވެއެވެ. އެހެން ނަމަވެސް ރައްކާތެރިކަން ހޯދުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ވަރަށް ރަނގަޅަށް ސިއްޚަތައް ބަލައިގެން އުޅުމާއި ޑޮކްޓަރެއްގެ އެހީ ގަވާއިދުން ހޯދުން ވަރަށް މުހިންމެވެ. އަދި 40 އަހަރުން މަތިވުމުން ދަރިމައި ވުމަށް އުނދަގޫތަކާ ކުރިމަތިވާނަމަ ދަރިމައިވުމާއި ގުޅޭ ޑޮކްޓަރުންގެ އެހީ ހޯދަންވާނެއެވެ. އެމެރިކަން ކޮލެޖް އޮފް އޮބްސްޓެޓްރިޝިއަންސް އެންޑް ގައިނޮކޮލޮޖިސްޓްސް އިން ހަދާފައިވާ ސާރވޭއެއްގައި ބުނެފައިވަނީ އަންހެނުންގެ އުމުރުން 45 އަހަރަށް ފަހު ގުދުރަތީގޮތުން މާބަނޑު ވުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ.

އާދައިގެ ޕްރެގްނެންސީ އާއިި ހުރިތަފާތަކީ ކޮބާ؟

އުމުރުން 40 އަހަރު ވުމަށްފަހު މާބަނޑު ވުމުން ދިމާވާ އުނދަގޫ ތަކަށް ބަލާއިރު ގައިގައި ރިއްސުމާއި، ހުޅު ހުޅުގައި ރިއްސުން ފަދަ ކަންތައް ތަކުގެ އިތުރުން ލޭގެ ޕްރެޝަރ އަދި ހަކުރު މަތިވުން ފަދަ ކަންތައް ދިމާވެއެވެ. އަދި މިއުމުރުގައި ގުދުތަރީގޮތުން ވިހެއުމުގެ ފުރުސަތުވެސް ކުޑަވެއެވެ.

ޒަމާނަށް އައި ބަދަލާއެކު އަހަރެމެންގެ ސިއްޚީ ހިދުމަތްތަކަށް އައިސްފައިވާ ކުރި އެރުމާއެކު މިހާރު ކޮންމެ އުމުރެއްގައި ވެސް ދަރިން ހޯދުމަކީ މާބޮޑު ކަމަކަށް ނުވެއެވެ. ސިއްހަތަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާނެކަން ޔަގީންވާއިރު ވެސް މިހާރު ގިނަ މީހުން ބޭސްފަރުވާގެ އެހީގައި ދަރިން ހޯދަން ޖެހިލުން ނުވާކަން މިއީ ފާހަގަ ކޮށްލެވޭ ހަގީގަތެކެވެ. ހަމައެކަނި ބަލަންޖެހޭ ކަމަކީ އިތުރަށް ސިއްޚަތަށް ފަރުވާ ތެރިވުމާއި ގަވާއިދުން ޑޮކްޓަރެއްގެ ލަފާހޯދުމެވެ.