English Edition
Dhivehi Edition

ފުވައްމުލައް ހޮސްޕިޓަލުން ކާމިޔާބުކަމާއި އެކު މާބަނޑު އަންހެނެއްގެ ބަނޑުން އޯވާރިއަން ސިސްޓެއް ނެގުމުގެ އޮޕަރޭޝަނެއްކޮށްފިއެވެ.

ފުވައްމުލައް ހޮސްޕިޓަލުގެ މެޑިކަލް ޓީމުން ހާމަކުރިގޮތުގައި މިއީ ހަ ހަފުތާގެ މާބަނޑު އަންހެނެއްގެ އެމަޖެންސީ އޮޕްރޭޝެނެކެވެ. ، ހޮސްޕިޓަލުން ހާމަ ކުރި ގޮތުގައި މި އޮޕަރޭޝަނުގައި އެ އަންހެން މީހާގެ އޯވަރީ އިން ނަގާފައިވަނީ ދިގުމިނުގައި 17 ސެންޓިމީޓަރ، ފުޅާމިނުގައި 12 ސެންޓިމީޓަރ އަދި ބަރުދަނުގައި 885 ގުރާމު ހުރި އޯވާރިއަން ސިސްޓެކެވެ.

ފުވައްމުލައް ހޮސްޕިޓަލުން ހާމަ ކުރީ ބަލިމީހާ ހޮސްޕިޓަލަށް އައިސްފައިވަނީ ބަނޑުގައި ރިއްސާތީ ކަމަށާއި އޯވާރިއަން ސިސްޓެއް އިން ކަން ކަށަވަރުކޮށް އޮޕެރޭޝަން ކުރަން ނިންމީ ސްކޭން ކުރުމަށް ފަހުގައި ކަމަށެވެ. އެގޮތުން ސްކޭނުން ދެއްކި ސައިޒަށް ވުރެން އޮޕަރޭޝަން ކުރުމަށްފަހު ނެގި ސިސްޓުގެ ސައިޒު ބޮޑުކަން ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ. ހޮސްޕިޓަލުން އިތުރަށް ހާމަކޮށްފައިވަނީ އޯވާރިއަން ސިސްޓު ނެގުމުގެ އޮޕަރޭޝަނަކީ އެ ހޮސްޕިޓަލުން ކޮށް އުޅޭ އޮޕަރޭޝަނެއް ކަމުގައި ވިއަސް މިއީ މިހާތަނަށް އެ ހޮސްޕިޓަލުގައި ނެގި އެންމެ ބޮޑު ސިސްޓެވެ.

ބަލި މީހާގެ ހާލަތު މިހާރު ރަނގަޅު ވަމުން އަންނަ އިރު މާބަނޑު މީހެއްކަމުން ވަރަށް ކައިރިން ބަލިމީހާގެ ހާލު ބަލަމުން އަންނަ ކަމަށްވެސް ހޮސްޕިޓަލުން ވަނީ މައުލޫމާތުދީފައެވެ. ބަލި މީހާގެ އޯވަރީއިން ނެގި ސިސްޓު މިހާރު އިތުރު ތަހުލީލު ކުރުމަށް އައިޖީއެމްއެޗް ހޮސްޕިޓަލުގެ ލެބޯޓަރީއަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ހާމަ ކޮށްފައެވެ.

ފުވައްމުލައް ހޮސްޕިޓަލުން ދެވޭ ހިދުމަތްތައް ކުރިއަށް ވުރެން ބޮޑު ތަން މިހާރު އިތުރު ވެފައިވާ އިރު ހޮސްޕިޓަލުން ހާމަ ކުރި ގޮތުގައި ހޮސްޕިޓަލުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ރަށުން ބޭރަށް ނުގޮސް ރަނގަޅު ލުއިފަސޭހަ ސިއްހީ ނިޒާމެއް ގާއިމުކޮށްދިނުމެވެ.