English Edition
Dhivehi Edition

މައިންބަފައިންނަކީ އަގު ނުކުރެވޭނެ ފަދަ އަގު ބޮޑު ރަން މުތެކޭ ބުނާތީ ވަރަށް ގިނައިން އަޑު އަހަމެވެ. މައިންބަފައިން ކޮށްދެއްވާ މާތް، ބުރަ ހިދުމަތުގެ ވާހަކަވެސް ވަރަށް ގިނަ މީހުން ދައްކާތީ އަޑު އަހަމެވެ. އެހެން ނަމަވެސް ދަރިންނަށްޓަކައި ދެމުން އަންނަ ލޯތްބާއި އަޅާލުމަށް މައިންބަފައިންގެ ހިތުގައި ބަދަލެއް ނާންނައިރު އިރު އަޅުގަނޑުމެންގެ ތެރެއިން ބައެއް ދަރީންގެ ހިތުގައި މައިންބަފައިންނަށް އޮންނަ ގަދަރާއި އިހުތިރާމަށް ބަދަލު އަންނަ ކަމީ ދެރަވާންޖެހޭ ހަގީގަތެކެވެ. އުމުރު ދޮށީވެ ގައި ބާރު ދެރަވާއިރު އަޅާލާނެ މީހެއް ނެތި ގިސްލުމުގެ އާފާތެއްގައި ނިމިގޮސްފައިވާ މައިންބަފައިންވެސް މި ދިވެހިރާއްޖޭގެ އެކި ކަންކޮޅުން ވަނީ ފެނިފައެވެ. މަދަދާއި ކުލުނު އަދި ލޯތްބަށް އެންމެ ބޭނުންވީ ދުވަހު އެހުރިހާ އިހުސާސްތަކަކުން އުނިކޮށްލެވިފައި ތިބި މީހުން މިއަދުގެ މުޖުތަމައުން މިހާރުވެސް ފެންނަން އެބަތިއްބެވެ.

ގދ. ތިނަދޫ، ސީސައިޑް، އަބްދުﷲ ހަސަން އަކީ މިފަދައިން މިއަދު އެންމެންގެ ވެސް މަދަދާއި އެހީތެރިކަމަށް ބޭނުންވެފައިވާ މީހެކެވެ. ދާދި ފަހުން މީސްމީޑިއާގައި ވަނީ އަބްދުﷲ އާއި ގުޅޭ ތަފާތު ވާހަކަތަކެއް ދެކެވިފައެވެ. ދިރިއުޅެމުން އަންނަ ގޭގެ ފެންވަރާއި މެދު އެއްބަޔަކު ހަމްދަރުދީގެ ޝުއޫރުތަށް ފާޅު ކުރިއިރު އަނެއް ބަޔަކު ސުވާލު އުފެއްދީ އަބްދުﷲ ގެ އެއްވެސް ވާރުތަ ވެރިއެއް ނުވަތަ ދަރިއެއް ހުރިތޯއެވެ.

އޭއޯ ނިއުސްގެ ނޫސްވެރިން އަބްދުﷲ ދިރިއުޅޭ ގެއަށް ގޮސް އޭނާ އާއި ބައްދަލު ކޮށްލުމުން އޭނާ ޖިސްމާނީ ގޮތުން އުމުރާއި ބަލާފައި ދުޅަހެޔޮ ކަމަށް ފާހަގަކުރެވުނު ކަމުގައިވިއަސް ކުރާ ސުވާލުތަކަށް އެންމެ އެކަށީގެންވާ ޖަވާބު ދިނުމުގައި ދަތިކަމެއް ހުރިކަން ފާހަގަކުރެވުނެވެ. ކުރެވޭ ސުވާލުތަކާއި ގުޅޭ ގޮތުން ދޭ ޖަވާބު ސުވާލާއި ގުޅުމެއް ނެތް ކަމާއި އަމިއްލަ މީހާއާއި ގުޅޭ ގިނަ މައުލޫމާތު ތަކެއް އޭނާ އަށް ނޭނގޭ ކަން ފާހަގަކުރެވުނެވެ. ތިރީގައި މިވާ އަބްދުﷲ އާއި ގުޅޭ ގިނަ މައުލޫމާތުތައް ދީފައިވަނީ ނަން ހާމަނުކުރުމަށް ޝަރުތުކޮށްފައިވާ އޭނާއަށް ހެޔޮއެދޭ ފަރާތަކުން ކަން ފާހަގަކޮށްލަމެވެ.

 

ކުރީގައި ކައިވެންޏެއް ކޮށް ދަރިއަކު ދުނިޔޭގައި އެބަހުރި

އުމުރުން 72 އަހަރުގެ އަބްދުﷲ ވަނީ ކުރިން ކައިވެންޏެއް ކޮށްފައެވެ. އެ ކައިވެންޏަށް އޭނާއަށް 3 ދަރިން ލިބިފައިވާ އިރު މިވަގުތު ދުނިޔޭގައި ހުރީ އެންމެ ދަރިއެކެވެ. އެއީ އަންހެން ދަރިއެކެވެ. އަބްދުﷲ އަށް ހެޔޮއެދޭ ފަރާތުން ފާހަގަކުރި ގޮތުގައި އަބްދުﷲ އާއި އޭނާގެ ދަރިއާއި އެއްވެސް ގުޅުމެއް ނޯވެއެވެ. އަދި އެ ދަރި މިވަގުތު އުޅެމުން އަންނަނީ މާލޭގައި ކަމާއި އޭނާ އާއި އެ ދަރި އާއި ދިމާ ނުވާތާ ވަރަށް ގިނަ ދުވަސްވެފައިވާއިރު ދަރިފުޅު އޭނާގެ އެއްވެސް ކަމެއް ނުބަލާ ކަމަށްވެސް އެ ފަރާތުން ވަނީ ބުނެފައެވެ. އެ ދަރީގެ މަންމަ (އަބްދުﷲ ގެ ކުރީގެ އަނބިމީހާ) ވެސް ދިރިއުޅެމުން އަންނަނީ ގދ. ތިނަދޫގައެވެ.

ކެއުން ބުއިމުގެ ކަންތައް ހަމަޖައްސަނީ އަވައްޓެރިންނާއި ސައި ހޮޓާ ތަކުން

އަބްދުﷲ ދިރިއުޅޭ ގޭގައި ކެއްކޭނެ ފަދަ އިންތިޒާމުތަކެއް ހަމަޖެހިފައެއް ނުހުރެއެވެ. އޭނާގެ ކެއުން ބުއިމުގެ ކަންތައް ބަލަހައްޓަމުން އަންނަނީ ހެޔޮއެދޭ އަވައްޓެރިންނާއި ރަށުގެ ސައި ހޮޓާ ތަކުންނެވެ. އަބްދުﷲ ނިދާ އެނދުގެ ކުރިމަތީގައި އިންނަ މޭޒެމް މަތީގައި ކާން ބޭނުން ކުރާ ތައްޓާއި އަދި ގިނަ ކޮތަޅު ތަކެއް ހުއްޓެވެ. އޭގެ ތެރެއިން ކޮތަޅެއްގައި ބަނަސް ހުރި އިރު މޭޒުމަތީގައި ރޯ ފިޔާ އަދި އަލުވި ހުރިކަންވެސް ފާހަގަކުރެވުނެވެ. އަދި ކޮޓަރި ތެރޭގައި ފެން ހުސްކުރި ގިނަ ފުޅި ތަކެއްވެސް ހުއްޓެވެ.

ނިދަނީ މޭޒެއް މަތީގައި ކުނަލެއް އަޅައިގެން

އަބްދުﷲ ނޫސްވެރިންނާއި އެއްކޮށް ވާހަކަ ދައްކަން އިށީނދެގެން އިނީ އޭނާ ނިދަން ބޭނުން ކުރާ އެނދުގައެވެ. އެނދެއްގެ ގޮތުގައި އަބްދުﷲ ބޭނުން ކުރަމުން އަންނަނީ ލަކުޑިން ހަދާފައިވާ މޭޒެއް ކަހަލަ އެއްޗެކެވެ. އޭގެ މަތީގައި ލަކުޑި ތުނި ފިލައެއް އަޅާފައި އޮތް އިރު އެވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެ ފިލާގެ މަތިން ކުނަލެއް އަޅާފައިވާ އިރު ވަރަށް ބޮޑަށް ހަޑިވެ ހަލާކުވެފައިވާ ދެ ބާލީސް އޮތެވެ. އަދި އެ އެނދުގައި އިން ރަތްކުލައިގެ ފޮއްޓެއް މަތީގައިވެސް އިތުރު 3 ބާލީހެއް އޮތެވެ.

މުސްކުޅި ގެއެއް، މަރާމާތަށް މަސައްކަތްތަކެއް ކޮށްފައިވޭ

އަބްދުﷲ ދިރިއުޅެނީ އެންމެ ކުރީގެ ގޮތަށް ރާނާފައިވާ ގެއެއްގައެވެ. ގޭގެ ފާރުން ދުވަސްވުމުގެ ސަބަބުން ތަންތަން ހަލާކުވެފައިވާއިރު ގޭގައި ކޮންމެވެސް ވަރެއްގެ މަރާމާތްތަކެއް ކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން ގޭގެ ފުރާޅުގެ ބައެއް އާކޮށްފައިވާއިރު ގޭގެ އެތެރޭގައި ސިމިންތި އެޅި ގަލުން ރާނާފައިވާ ފާރެއްވެސް ހުއްޓެވެ. ގޭގެ ކުޑަ ދޮރުތައް ޓިނުން އަދި ލަކުޑި ޖައްސައިގެން ބަންދު ކޮށްފައިވާއިރު ބައެއް ތަންތަނުގެ ފުރާޅު ވަރަށް ބޮޑަށް ވީރާނާވެފައިވާކަން ފާހަގަކުރެވުނެވެ. މީގެ އިތުރުން ގޭގެ އެތެރޭގައި ތަޅުން ނާޅާ ބައެއް ތަންތަން ހުރިކަން ވެސް ފާހަގަކުރެވުނެވެ.

ގޭގެ އެތެރޭގައި އެއްވެސް ސާފުތާހިރުކަމެއް ނެތް

ގޭގެ އެތެރޭގައި ގިނަ އަދަދަކަށް ކުނި ޖަމާކޮށްފައި ހުރިކަން ފާހަގަކުރެވުނެވެ. އެގޮތުން ހުސް ފުޅި ތަކާއި އެކި ކަހަލަ ކޮތަޅު އަދި ފޮށިގަނޑުތައް ހުއްޓެވެ. އަދި ފާރެއް ފަދަ ތަނެއް ތަޅާލުމަށް ފަހުން އެ ތަނުގައި ވެލި އަދި ގާ ގިނަ އަދަދަކަށް ހުރިކަން ވެސް ފާހަގަ ކުރެވުނެވެ. މީގެ އިތުރުުން ނިދަން ގެންގުޅޭ ބާލީހުގެ ބޮޑު ސަރަހައްދަކުން ކުލަ ބަދަލު ވެފައިވާ އިރު ގޭގެ އެތެރެ ފޮޅާ ސާފުކޮށްފައި ނުވާ ކަން ވެސް ފާހަގަކުރެވުނެވެ.

ފާހާނާ ކުރަނީ ހާމަ، ގަސް ބޯ ގިފިއްޔައް

އަބްދުﷲ ދިރިއުޅޭ ގޭގައި ހުންނަނީ ހާމަ ގިފިއްޔެކެވެ. އެ ގިފިލީގައި ފެންވަރަން ވަޅުދޮށުގައި ހުންނަ އިރު މަގުން ހިނގާ މީހުންނަށް ގިފިލި ފެންނަހާ ފާރުތިރިއެވެ. އަދި ފާހާނާކޮށް ހަދަނީ އޭނާ އަމިއްލަ އަށް ގިފިލި ތެރޭގައި ކޮނެފައި އިންނަ ވަޅެއް ތެރެއަށެވެ. ފެންވަރަން ބޭނުންކުރާ ވަޅުގެ ކައިރީގައި ގިނަ އަދަދަކަށް ގަސް ހެދިފައި ހުއްޓެވެ. އެގޮތުން ގިފިލި ތެރޭގައި ވިނަ އަދި ދޮންކެޔޮ ގަސް ފަދަ ގަސްތައް ހެދިފައިވެއެވެ.

މިދިޔަ މަހުގެ ކަރަންޓު ބިލަށް އެރީ 21 ރުފިޔާ

އަބްދުﷲ ދިރިއުޅޭ ގެއަށް ކަރަންޓުގެ ހިދުމަތް ލިބުނު ކަމުގައި ވިއަސް އޭނާ ގިނަ ވަގުތު ކަރަންޓުގެ ހިދުމަތް ބޭނުން ނުކުރާކަން ފާހަގަކުރެވުނެވެ. އެގޮތުން މިދިޔަ މަހުގެ ކަރަންޓު ބިލަށް 21 ރުފިޔާ އަރާފައިވާ އިރު އޭގެ ކުރީ މަހުގެ ބިލުގެ ޖުމްލައަކީ 91 ރުފިޔާއެވެ. ގޭގައި ކަރަންޓު ބޭނުންކުރާ އެއްޗަކަށް ހުންނަނީ ހަމައެކަނި ގޭގައި އޮންނަ ނިދާ ބޮއްކެވެ. އިތުރު އަލިކަމެއް ގެއިން ލިބެން ނެތް އިރު އެނދު ކުރިމަތީގައި ހުންނަ މޭޒުމަތީގައި ޓޯޗެއް އޮތްކަން ފާހަގަކުރެވުނެވެ.

އުމުރުން ދުވަސްވީ މީހުންގެ އެލެވެންސް ލިބޭ، އަބްދުﷲ އެ ބޭނުމެއް ނުކުރޭ

އޭއޯ ނިއުސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުﷲ އަށް ވެސް ސަރުކާރުން އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ ހާއްސަ އެލެވެންސް އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ އެލެވެންސް ލިބެއެވެ. ޖުމްލަ ހަތް ހާސް ރުފިޔާ އަބްދުﷲ އަށް ލިބުނު ނަމަވެސް އެ ފައިސާ އޭނާ ބޭނުމެއް ނުކުރެއެވެ. އަބްދުﷲ އާއި ނޫސްވެރިން އެކަމާއި ގުޅޭގޮތުން ކުރި ސުވާލަށް އެންމެ އެދެވޭ ޖަވާބެއް ލިބިފައެއް ނުވެއެވެ. އޭނާގެ ހުރިހާ ހަރަދެއް ބަލަހައްޓައި އުޅެނީ އަވައްޓެރިންނާއި ހެޔޮއެދޭ އެހެން ފަރާތްތަކުން ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

އަބްދުﷲގެ ދިރިއުޅުމުގެ ހާލަތާއި މެދު ވިސްނާލުމުން ހިތައް ފުންއަސަރުތަކެއް ކުރުވައެވެ. އެއީވެސް އަޅުގަނޑުމެންގެ ތެރެއިން ކޮންމެވެސް މީހެއްގެ ބައްޕައެއް ނުވަތަ ބޭބެއެއް ނުވަތަ އާއިލީ މީހެކެވެ. އަޅުގަނޑުމެންގެ މި ކުޑަ ގައުމުގައި ވެސް ފުރިހަމަ ވިސްނުމުން މަހުރޫމުވެފައިވާ އެތައް ބަޔަކަށް އިހުމާލުވެވިފައިވެއެވެ. އިންސާނީ އަމިއްލަ އަސާސީ ކަންތައް ފުއްދައި ނުގަނެވޭ ހާލުގައި ބިކަ ކޮށްލެވިފައިވާ އެތައް ބައެއްވެސް އަޅުގަނޑުމެންގެ މި މުޖުތަމައު ތެރޭގައި އެބަވެއެވެ. މިފަދައިން މި މުޖުތަމައު ތެރޭގައި އިހުމާލުވެވިފައިވާ ކޮންމެ ފަރުދަކީ ވެސް އެއް އިރެއްގައި ޖާނާއި މާލުން އަޅުގަނޑުމެންގެ ދުޅަހެޔޮ ކަމާއި ލާބައާއި މަންފާއަށްޓަކައި ގުރުބާނީތަކެއްވީ ބައެކެވެ. ހިތުގައި ފުން ލޯތްބާއި ޖަޒުބާތު އަޅުގަނޑުމެންނަށްޓަކައި އޮތް ބައެކެވެ. އުމުރުގެ ނުކުޅެދުމާއި ނަސީބުގެ އިހާނާތްތެރި ކަމުން އަބްދުﷲ ފަދަ އެތައް ބަޔަކާއި ކުރިމަތި ކުރުވި މިފަދަ ކަންތައްތަކުގައި އަޅުގަނޑުމެން ސަލާމަތް ހާލުގައި ތިބި މީހުންގެ ހިތުގައި ހަމްދަރުދީ އޮތީ ކިހާ މިންވަރަކަށްތޯ ތިބާ އަމިއްލަ ނަފުސާއި ސުވާލުކޮށްލާށެވެ.

ނޯޓު: އޭއޯ ނިއުސް އާއި އެކު ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން (ސްކީމް) އަދި ގދ. ތިނަދޫ ކައުންސިލް ގުޅިގެން އުފެއްދި އިސްރަށްވެހިންގެ ކުލަބުން އަބްދުﷲ ކުރި މި ޒިޔާރަތުގައި އެ ޖަމިއްޔާ އިން ވަނީ އޭނާ އަށް އެކި ކަހަލަ އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފައެވެ.

3 ކޮމެންޓް
ރަދީފް
އޮކްޓޯބަރު 29, 2020
އާޓިކަލް ކިޔާ ނިމުނުއިރު ހަމަ އަސްލަށް ވެސް ރޮވިއްޖެ.ހާދަ ދެރައޭ.މިބޭބެގެ ދަރިންތިބެފަ މިބޭބެއާ އަޅާނުލާނަމަ އެއީ ވަރަށް ބޮޑު ހިތާމައެއް.ދަރިންނަށް ތެދުމަގު ދައްކަވާށި.ގދ.ތިނަދޫގެ ރައްޔަތުން މިބޭބެއަށް އެހީތެރިވުން އެއީ ވަރަށް ރަނގަޅުކަމެއް.
ާިއައިޝް
އޮކްޓޯބަރު 27, 2020
އެ ބޭބެގެ އަންހެން ދަރިޔެތް ހުންނާނެ ފާތުން ކިޔާ ބައްޕަ ގެ ހާލުނުބެލުނަސް ޖަމާވާ 7000 ނެގޭ ކޮންމެ. މަހަކު އެ އެކައުންޓަ ކޭޝް ކާޑު ހައްދާލައިގެން އެބޭނުން ކުރެވޭ އެކުއްޖާއަ?
ވިޢާމް
އޮކްޓޯބަރު 27, 2020
މިހާރު އެމީހާ ކޮންމެވެސް ނަފްސާނީ ބަލިމަޑުކަމެއް ހުންނާތީ ކަންނޭގެ ލިބޭ ފައިސާވެސް އެބޭނުންނުކުރަނީ. އެމީހާއަށް ކައުންސިލިން ދިނުމާއި އެކު އެމީހާ ގެ ގެ މަރާމާތުކޮށް ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުދޭނެގޮތް ޤާއިމް ކުރަން ޖެހޭ