English Edition
Dhivehi Edition
ހުޅުމާލެއިން އަތުލައިގަތް ބަނގުރަލާއި މަސްތުވާތަކެތި - ފޮޓޯ: ޕޮލިސް

ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ބަނގުރަލާއި މަސްތުވާތަކެތި ރައްކާކޮށް ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމާލެ ޕޮލިސް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދެ ފިރިހެނުން ކަމަށާއި، އެ ދެމީހުންނަކީވެސް ދިވެހިންނެ ކަމަށެވެ.

މީގެ އިތުރުން އެ އޮޕަރޭޝަނުގައި ހުޅުމާލޭގެ ދެ ފްލެޓެއް ބަލައިފާސްކޮށްފައިވާއިރު އެތަނުން އެއް ފްލެޓަކުން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންކަމަށް ބެލެވޭ އެއްޗެއް ހޭކިފަައިހުރި 8 ރަބަރު ޕެކެޓާއި ހުސް ރަބަރު ޕެކެޓްތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އެ އޮޕަރޭޝަނުގައި ފަސް ކާރެއް ބަލައިފާސްކޮށްފައިވާ ކަމަށާއި، ބަލައިފާސްކުރި ފަސް ކާރުގެ ތެރެއިން އެއްކާރު ތެރެއިން ގިނަ އަދަދެއްގެ ބަނގުރާލާއި މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.

އެގޮތުން ފުލުހުން ބުނީ އެކާރުން 34 ދަޅު ބިޔަރާއި ބޮގަރުކަމަށް ބެލެވޭ އެއްޗެއްހުރި 33 ފުޅިއާއި 58 ފުޅި ބަނގުރަލާއި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްކަމަށް ބެލެވޭ އެއްޗެއްހުރި 51 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށެވެ.