ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) އާއި ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) ގެ ގދ. ޗެޕްޓަރ އިން ގދ. ތިނަދޫގައި ކުރިއަށް ގެންދިޔަ ޗައިނާ ބަސް ކިޔަވައިދިނުމުގެ ބޭސިކް ކޯހުން އެއްވަނަ ހޯދި ގދ. ތިނަދޫ ޝައިހާ، ޝައިރަފް ޝަރީފަށް ސީއެމްސީއޭއިން ޗައިނާގައި ކިޔެވުމުގެ ސްކޮލަޝިޕް ފުރުސަތު ހޯދައިދީފިއެވެ.
އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން އެއްހަފްތާގެ މުއްދަތަށް ތިނަދޫގައި ކުރިއަށް ގެންދިޔަ މި ކޯހުން އެންމެ މޮޅު ދަރިވަރަކަށް ޝައިރަފް ހޮވިފައިވާއިރު ދެވަނަ ދަރިވަރަކަށް ހޮވިފައިވަނީ އެރަށު ނޫކޮކާގެ އާމިނަތު އަމްނާ ޙުސެއިން އާއި ސޯސަން ޕާކް އައިޝަތު މާނާ މުޙައްމަދެވެ. އަދި 3 ވަނަ ހޯދާފައިވަނީ ތިނަދޫ ޔެލޯފިޝް އަޙްމަދު ސާޖިދެވެ.
ގދ. އަތޮޅު ކައުންސިލް އިދާރާގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 42 ދަރިވަރުން ވަނީ ބައިވެރިވެ ޕްރޮގްރާމު ކާމިޔާބު ކަމާއެކު ފުރިހަމަ ކޮށްފައެވެ.
އައްޑޫސިޓީ، ފުވައްމުލައްސިޓީ އަދި ގދ. އަތޮޅުގައި ސީއެމްސީ އާއި ސްކީމް ގުޅިގެން ކުރިއަށް ގެންދިޔަ މި ކުލާސްތަކަކީ، ރިސޯޓުތަކުގައި މަސައްކަތް ކުރާ ޒުވާނުންނަށް މިދުވަސްވަރު ޗުއްޓީގައި ތިބޭއިރު ޗައިނާ ބަސް ދަސްކުރުމަށް ފުރުސަތު ހޯދައި ދިނުމާއި އަދި ރާއްޖެއިން ތަފާތު އެކި ބޭނުންތަކަށް ޗައިނާއަށް ދާ ފަރާތްތަކަށް އެތަނުގައި އަމިއްލަ އަށް އުޅެވޭ ވަރަށް ބަސް ދަސްކޮށްދިނުމުގެ މަގްޞަދުގައި ކުރިއަށް ގެންދިޔަ ކުލާސްތަކެކެވެ. އެގޮތުން ސީއެމްސީއޭއިން އައްޑޫގައި ހިންގި ކުލާސް ކާމިޔާބު ކަމާއެކު ނިންމައި ކުލާހުން 1 ވަނަ އަށް އައި ދަރިވަރާއި ފުވައްމުލަކުން ވަނަ ހޯދި ދަރިވަރަށް ވެސް ވަނީ ސްކޮލަރޝިޕް އެވޯޑް ދީފައެވެ.
އައްޑޫއިން 1ވަނަ ހާސިލް ކުރި ޔުމްނާ ޝިހާބާއި އަދި ފުވައްމުލައް ސިޓީން 3 ވަނަ ހާސިލް ކުރި އަންޖުމް އަށް މިހާރުވަނީ ޗައިނާގެ ޔައާން ޔުނިވަރސިޓީން 1 އަހަރު ދުވަހުގެ ޗައިނީޒް ލެންގުއޭޖް ޕްރޮގްރާމަށް ފުރުސަތު ލިބިފައެވެ. އަދި ޗައިނާގެ ބޯޑަރ ހުޅުވުނުހާ އަވަހަކަށް އެ ދެކުދިން ޗައިނާއަށް ދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ސީއެމްސީއޭ އަކީ ރާއްޖެއާއި ޗައިނާއާއި ދެގައުމުގެ ސަގާފަތާއި ބަސް ދަސްކޮށް ކުރިއެރުވުމާއި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް ވަރުގަދަ ކުރުމުގެ މަގުޞަދުގައި އަމިއްލަ ފަރާތްތަކަކުން އިސްނަންގަވައިގެން ހިންގަވާ ޖަމިއްޔާއެކެވެ. 2015 ވަނަ އަހަރު ވުޖޫދަށް އައި މިޖަމިއްޔާގެ ފައުންޑަރ އަދި ޗެއަރމަން އަކީ މީގެ ކުރިން ރާއްޖޭއިން ޗައިނާއަށް ކަނޑައަޅުއްވަވާފައިވާ ސަފީރެއްގެ މަގާމު އަދާކުރެއްވެވި ބޭފުޅެއް ކަމުގައިވާ މުހައްމަދު ރަޝީދެވެ.