English Edition
Dhivehi Edition

ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) ގެ ގދ. ޗެޕްޓަރ އާއި އޭއޯ ނިއުސް ގުޅިގެން ގދ. ތިނަދޫގައި ކުރިއަށް ގެންދިޔަ ބޭސިކް ޖާނަލިޒަމް ކޯހުން ހޯދި އެއްވަނަ އާއެކު ނޫސްވެރިކަމުގެ ދާއިރާއިން ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ތިނަދޫ ފައިވްރޯޒް ހަމްދޫނާ ހަސަން އަށް ދީފިއެވެ.

ހަމްދޫނާއަށް ވަނީ މި ކޯހުން ލިބުނު ވަނަ އާއެކު އިންޑިއާގެ ދިއްލީގައި ޖާނަލިޒަމް އިން ޑިޕްލޮމާ ކޯހެއްގައި ބައިވެރިވުމަށް ފުރުސަތު ހޯދާދީފައެވެ. މީގެ އިތުރުން ގދ. ގެ ތިނަދޫ ބިއުރޯގައި މަސައްކަތް ކުރުމުގެ ފުރުސަތުވެސް އޭއޯ އިން ވަނީ ހަމްދޫނާއަށް ދީފައެވެ.

އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރ 23 ގެ ނިޔަލަަށް ތިނަދޫގައި ކުރިއަށް ގެންދިޔަ ޖާނަލިޒަމް ކޯހުގައި 22 ފަރާތަކުން ވަނީ ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައެވެ. މި ދަރިވަރުންގެ ތެރެއިން ނޫސްވެރިކަމުގެ ދާއިރާގައި އަމަލީ މަސައްކަތް ކޮށް ކުރިއަށް ދިއުމަށް ބޭނުންވާ ހުރިހާ ދަރިވަރުންނަށް އޭއޯ އިން ވަނީ އެ ފުރުސަތު ހޯދާދީފައެވެ. އަދި އެ ދަރިވަރުންނާއެކު ގދ.ގައި އޭއޯ ޗެނަލްގެ މަސައްކަތް ފަށައި ހުވަދޫ ބަހުރުވައި ޚަބަރު ކިޔުމާއި ޕްރޮގްރާމު ހުށަހެޅުމުގެ މަސައްކަތް ވަނީ ރަސްމީކޮށް ފަށާފައެވެ.

އޭއޯ ނިއުސް އިން މީގެ ކުރިންވެސް އައްޑޫގައި ނޫސްވެރިން ތަމްރީނު ކުރުމުގެ ގިނަ ޕްރޮގްރާމު ތަކެއް ހިންގާ ގިނަ ޒުވާނުންތަކެއް މިދާއިރާއަށް ނެރެދީފައިވާއިރު މިދިޔަ ސެޕްޓެމްބަރު މަހުގައި ވަނީ ފުވައްމުލަކުގައި މިފަދަ ކާމިޔާބު ޕްރޮގްރާމެއް ހިންގާފައެވެ. އަދި މިއީ އޭއޯއިން ގދ. ގައި ހިންގި މިފަދަ ފުރަތަމަ ޕްރޮގްރާމެވެ.