English Edition
Dhivehi Edition
ޖުލައި 15 ވަނަ ދުވަހު ރާއްޖެ އައި ފަތުރުވެރިންތަކެއް ބޯޓުން ފައިބަނީ - ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ

ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ދަތުރުކުރާ މީހުން އެގައުމަށް ގޮސް ކަރަންޓީން ވާން ނުޖެހޭ ގޮތަށް އެގައުމުން ނިންމައިފިއެވެ.

އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ޓްރާންސްޕޯޓް ގްރާންޓް ޝެޕްސް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެންމެ ފަހުން އެއްކުރެވިފައިވާ މައުލޫމާތުތަކަށް ބަލާ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެގައުމުގެ “ޓްރެވެލް ކޮރިޑޯ” ލިސްޓަށް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއިން ދަތުރުކުރާ މީހުން އެނބުރި އެގައުމަށް ގޮސް 14 ދުވަސް ވަންދެން ކަރަންޓީން ވާން ނުޖެހޭނެ ކަމަށްވެސް އޭނާ ކުރެއްވި ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.

މިއަދު އާންމު ކުރި މި ލިސްޓުގައި ރާއްޖޭގެ އިތުރުުން ހިމެނެނީ ޑެންމާކާއި، މައިކޮނޮސް އަދި ކެނެރީސްއެވެ.

އެގައުމަށް އެނބުރި ދާ މީހުން 14 ދުވަސް ވަންދެން ކަރަންޓީން ވާން ނުޖެހޭ ގޮތަށް އެގައުމުން ލުއިތަށް ދޭން މިދިޔަ ޖުލައި މަހު ފައްޓާފައިވާއިރު އިނގިރޭސިވިލާތުގެ މަޝްހޫރު ނޫހެއް ކަމަށްވާ “ޓެލެގްރާފް” އިން މިދިޔަ ހަފްތާ ތެރޭގައި އާންމުކުރި ރިޕޯޓެއްގައިވެސް ދިވެހިރާއްޖެ އޮތީ ލުއިތަށް ނުދޭ ގައުމުތަށް ހިމެނޭ ލިސްޓުގައެވެ.

ގައުމުތަކުގައި ކޮވިޑް19 ފެތުރެމުންދާ މިންވަރާއި ބަލި ކޮންޓްރޯލް ކުރެވިފައިވާ މިންވަރު އަދި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ބެލުމަށް ފަހު އިނގިރޭސިވިލާތުން ގައުމުތަކަށް ލުއިތަށް ދެމުން އަންނަ އިރު ދިވެހިރާއްޖެ އަށް ލުއި ލިބުނު ސަބަބެއް ކަމުގައި ފަހަކަށް އައިސް ރާއްޖެއިން ކޮވިޑް19ގެ ބަލިމީހުން ފެންނަ މިންވަރު މަދުވުން ވެދާނެ ކަމަށް ލަފާކުރެވެއެވެ.

އިނގިރޭސިވިލާތުން ލުއި ދިނުމާއި ގުޅިގެން ދިވެހިރާއްޖޭގެ ފޮރެއިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި އެބޭފުޅާ ވަނީ އެގައުމުގެ ސަރުކާރުގެ މި ނިންމެވުމަށް މަރުހަބާ ދަންނަވާފައެވެ.

މީގެ އިތުރުން މިނިސްޓަރ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ގުދުރަތީ ގޮތުން ވަކި ވަކިން އެކަހެރި ކޮށް ދިވެހިރާއްޖެ އުފެދިފައިވުމުން ދިވެހިރާއްޖެއަކީ ބަލި ފެތުރުމުގެ ފުރުސަތު ކުޑަ ތަނެއް ކަމުގައެވެ. އަދި އިނގިރޭސިވިލާތުން ގިނަ ފަތުރުވެރިންތަކަކަށް މަރުހަބާ ކިޔަން ރާއްޖެ ތައްޔާރަށް އޮތް ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމަށް ވާއިރު މިދިޔަ އަހަރު އެގައުމުން ރާއްޖެއަށް 126،199 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ރާއްޖެ ފުރަބަންދު ކުރުމާއި ހަމައަށް އިނގިރޭސިވިލާތުން މިއަހަރު ވަނީ 7288 ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކޮށްފައެވެ.