ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނުއިރު, ސިއްހީ ދާއިރާއަށް ވަރަށް ބޮޑަށް އިހުމާލުވެފައިކަމަށާއި, ސިއްހީ ހިދުމަތްދޭ އިމާރާތްތަކުގެ އާބާތުރަ ނުފިލުވުމުގެ ސަބަބުން ބައެއް ތަންތަނުގެ ފުރާޅު ފޫގޮސް ސީލިންގު ބޮލަށް ވެއްޓޭވަރު ވެފައިވާކަމަށް, ހެލްތް މިނިސްޓަރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ސިއްހާތާއިބެހޭ ވަޒީރު ޑރ.އަބްދުﷲ ޚަލީލް މިހެން ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް، ބައެއް ފަރާތްތަކުގެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ.
“ނިމިދިޔަ ސަރުކާރުގެ 5 އަހަރުގެ ވެރިކަން ނިމުނުއިރު ރާއްޖޭގެ ސިއްޙީ ނިޒާމު ކުރިއެރުމުގެ ބަދަލުގައި، ސިއްހީ ނިޒާމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ. ސިއްހީ ޚިދުމަތްދޭ ޢިމާރާތްތައް މަރާމާތު ނުކޮށް ދޫކޮށްލާފައިވާ ހުރުމުން، ގިނަ ތަންތަން ހުރީ ފުރާޅު ފޫވެއްޓި ނުވަތަ ސީލިންގ ވެއްޓޭ ހިސާބުގަ,” – ހެލްތް މިނިސްޓަރު-
ސިއްހީ ހިދުމަތްދޭ ތަންތަނުގެ އިތުރުން ކުރީ ސަރުކާރުގެ ދައުރު ނިމުނުއިރު ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތަކުގައި ހުރި މެޝިނަރީތައްވެސް ހުރީ ވީރާނާވާން ދޫކޮށްލާފައިކަން ޑރ. ޚަލީލް ވިދާޅުވިއެވެ.
މީގެ އިތުރުން ސިއްހީ ޚިދުމަތްދޭ ބައެއް ތަންތަނުން އަސާސީ ބައެއް ބޭސްތައް ހުސްވެފައި ހުރުމުގެ އިތުރުން ބައެއް ޚިދުމަތްވެސް ހުރީ ހުއްޓިފައިކަމަށް ވަޒީރު ވިދާޅުވިއެވެ.
“ދަރުމަވަންތަ ހޮސްޕިޓަލުން ފެށިގެންގޮސް އެންމެ ކުޑަ އާބާދީ އޮތް ރައްރަށުގެ ސިއްހީ ހާލަތުވެސް ކުރީ ސަރުކާރުގެ ދައުރު ނިމިގެން ދިޔައިރު އޮތީ ވަރަށް ދަށް ފެންވަރެއްގަ,”
އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު މިގޮތަށް ކަން ހިނގާގޮތްކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ރައްޔިތުންނަށް ހެޔޮއެދޭ ވެރިޔަކު މިހާ ބޮޑު އަނދަވަޅަކަށް ސިއްހީ ނިޒާމު ވައްޓާނުލާނެކަމަށެވެ.