English Edition
Dhivehi Edition
މިނިސްޓަރ އޮފް ހެލްތު ޑރ. އަބްދުﷲ ހަލީލް ފޮޓޯ: ހެލްތް މިނިސްޓްޜި

ރާއްޖެއަށް ތައާރަފް ކުރި މެޑިސިން ޕޮލިސީގެ ގެ ސަބަބުން ފެންވަރު ރަނގަޅު، އަވަހަށް ފަރުވާ ލިބޭ، ރައްކާތެރި އަދި ރަނގަޅު ބޭސް ރައްޔިތުންނަށް ފޯރުކޮށްދެވިގެން ދާނެކަމަށް މިނިސްޓަރ އޮފް ހެލްތު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ނެޝެނަލް މެޑިސިން ޕޮލިސީ އާއްމު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހަލީލް ވިދާޅުވީ މި ޕޮލިސީގެ ސަބަބުން ރާއްޖެއަށް ރައްކާތެރި ބޭސް އެތެރެ ކުރުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ލިބިގެން ދާނެކަމަށެވެ.

ބޭސް އުފައްދާ ކުންފުނިތަކުން ރާއްޖެ ފަދަ ގައުމުތަކަށް ބޭސް ފޯރު ކޮށްދިނުމުގައި މާބޮޑު ޝައުގުވެރިކަމެއް ނުގެންގުޅޭކަން ފާހަގަކުރައްވަމުން ހަލީލް ވިދާޅުވީ ކަންމަތީގައި ހުންނަ ފިހާރަތަކުން ބޭސް ގަނެ ރާއްޖެ އެތެރެ ކުރުމުގެ ނަތީޖާއަކަށް ވެގެންދަނީ ބޭހުގެ އަގު ބޮޑުވުންކަމަށެވެ. އަދި މި ބޭސް ރާއްޖޭގައި ރަޖިސްޓްރީ ކުރުމަށްޓަކައި ބޭނުންވާ ލިޔެކިއުންތައް ރާއްޖޭގެ ކަމާބެހޭ އިދާރާތަކަށް ނުލިބުންކަމުގައި ހަލީލު ވިދާޅުވިއެވެ.

“ގައިން ގައިން އަރާ ބައްޔާ ނާރާ ބަލި ހިމެނޭ އިރު އެ ބަލި ތަކަށް ފަރުވާ ހޯދަނީ މާކެޓުގައި ލިބެންހުންނަ އެކި ފެންވަރުގެ ބޭސް ބޭނުންކޮށްގެން. ބައްޔަކީ ހީނުކުރާ ވަގުތު ހީނުކުރާ ހާލަތުގައި ބައްދަލު ކުރާ ކަމެއް” ހަލީލު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ މެޑިސިން ޕޮލިސީއަކީ 2006 ވަނަ އަހަރު ވުޖޫކުރި ޕޮލިސީއެއްކަން ފާހަގަކުރައްވަމުން ހަލީލު ވިދާޅުވީ ޕިލޮސީއެއްކަމުގައި ވިޔަސް އަދި ގާނޫނެއް ނުވަތަ ގަވައިދެއް ކަމުގަވިއަސް، އެފަދަ ކޮންމެ އެއްޗަކީ ދުނިޔެއަށް އަންނަ ބަދަލުތަކާއި ނުވަތަ އެ ހަލަތަކާއި ގުޅިގެން ބަދަލުވާން ޖެހޭ އެއްޗެއްކަަށެވެ.

މީގެ އިތުރުން ހަލީލު ވިދާޅުވީ ރާއްޖެއަށް މިއަދު ތައާރަފް ކުރި މެޑިސިން ޕޮލިސީއިން ގިނަ ކަންކަން ހާސިލް ކުރެވޭނެކަމަށެވެ. އަދި އަލަށް ތައާރަފް ކުރި މެޑިސިން ޕޮލިސީ ފެންވަރު ރަނގަޅު ބޭސް ލިބޭނެ ކަމުގެ ނުވަތަ ހޯދޭނެ މަގުތަށް ކަށަވަރު ކޮށްދޭކަމަށެވެ