English Edition
Dhivehi Edition

ދުވަހު ނޫސްތައް ހުޅުވާލުމާއެކު ފެނުނު ހަބަރުތަކުގައި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ‘އައްޑޫގައި ޒުވާނަކު ކޮށާލައިފި’ ‘އައްޑޫގައި ހިންގި މާރާމާރީއެއްގައި ޒުވާނަކަށް ސީރިއަސް ޒަހަމްތަކެއްވެއްޖެ‘ މި ސުރީހީތަކާއެކު އަވަހަށް ހަބަރުތަކުގެ ތަފްސީލް ކިޔާލީމެވެ. ވައިބާ ގުރޫޕްތައް ޗެކްކޮށްލީމެވެ. ހުރިހާ ގުރޫޕެއްގައި އެބުރެމުން ދިޔައީ ޒަހަމްވެފައިވާ ޒުވާނާގެ ފޮޓޯއެވެ. އެވަގުތު ހިތަށް އެރިއެވެ. ހަމަ ޔަގީނުންވެސް އެ ޒުވާނާއަށް ހަމަލާދިނީ ދިވެހި މަންމައަކާއި ބައްޕައެއްގެ ދަރިންނެވެ. ކުޑައިރުއްސުރެ ބަލާބޮޑުކޮށް އެދަރިންނާއި މެދު މައިންބަފައިން އެތައް ހުވަފެންތަކެއް ދެމެކުން އައި ދަރިންނެވެ. މުސްކުޅިވެ ގައިބާރު ދެރަވޭ ދުވަހު މައިންބަފައިންގެ ޒިންމާ ނަގަންންތިބި ދަރިންނެވެ. މާދަމާ ގައުމުގެ ކަންކަމާ ހަވާލުވާން ތިބި ޒުވާނުންނެވެ. ހިތާމައިގެ ކޮޅެއް ނެތެވެ.

މާރާމާރީ އެންމެ ގިނަ މާލޭގައިވެސް ފުރަތަމަ އުފެދިންގެ ދިޔައީ ކުޅިވަރު ޓީމްތަކާއި، މިއުޒިކް ގުރޫޕްތަކެވެ. އެ ގުރޫޕްތައް ބޮޑުވެ އެންމެ ފަހުން މުޅި މުޖްތަމައުއަށް ނުރައްކަލަކަށްވެގެން ދިޔައީ ދިވެހިންގެ ކުރިމަތީގައެވެ. އެ ގުރޫޕްތަކުންވެސް އެންމެ ފުރަތަމަ ކުރަން ފެށީ ޒުވާބެވެ، އެއަށްފަހު ލަނކުޑި ބުރި އާއި ވަޅިއެވެ. މަރެއްގެ ބަދަލު ހިފުމަށް މަރެކެވެ. ބިރު ފަހަނަޅާގޮސް އެ ޒުވާނުން ބޭނުންކަމެއް ކުރަން ފެށީ ފާޅުގައެވެ. މުޅި މާލޭގެ ހަމަޖެހުން ގެއްލި ރޯމާ ދުވާލު މީހުން ކަތިލަމުން ދިޔައިރު، މީހަކު މެރުމަކީ ފެންފޮދެއް ބޯލުންހާ ފަސޭހަކަމަކަށްވަނީ ވެފައެވެ. އެކި ފާޑުފާޑުގެ މަސްތުވާތަކެތި ‘ޕާޓީ’ކުރުމުގެ ނަމުގައި ބޭނުންކުރަމުން ދިޔައިރު މިކަން އޮތީ އެންމެންނަށް އެގޭ ބޮޑު ސިއްރަކަށްވެފައެވެ.

މި ހާލަތަކަށް މި ކުޑަ މުޖްތަމައު ދަންދެން ހަމަ ބަލަންތިބެންވީ ހެއްޔެވެ؟ ސޯޝަލް މީޑިއާގައި އެއްބަޔަކު އަނެއް ބަޔަކަށް ދެމުންދާ އިންޒާރު ހުއްޓުވާނެ މީހެއް ހަމަ ނެތީ ހެއްޔެވެ؟ މަރަކަށް މަރެއް ވަންދެން ބަަލަންތިބެންވީ ހެއްޔެވެ؟ ސިޓީގެ ހުރިހާ ރައްޔަތުން ސިޔާސީވެފަ ތިއްބާ މި މުޖުތަމައުގެ ޒުވާން ޖީލެއް ހަލާކުގެ ތެރެއަށް ވެއްޓެން ދެން ބަލަން ތިބުމުގެ ބަދަލުގައި ފަރުދީ ޒިންމާ އަދިވެސް އަދާކުރަންނުވަނީ ހެއްޔެވެ؟

ވެރިރަށް މާލޭގައި ދިރިއުޅޭ ޒުވާން ގުރޫޕްތައް ނަމޫނާއަކަށް ބަލައިގެން ވަރުގަދަ ޒުވާން ގުރޫޕްތައް އައްޑޫގައިވެސް ވަނީ އުފެދިފައެވެ. ނުވަތަ އުފައްދާފައެވެ. އެ ޒުވާނުންގެ ‘ބާރާއެކު’ އައްޑޫގައި އެކި ނަން ނަމުގައި ހަދާފައިވާ ގިނަ ގުރޫޕްތަކަކީ މާލޭގެ ކޮންމެވެސް ވަރުގަދަ ގުރޫޕެއްގެ ‘ގޮއްޕެކެވެ”. އައްޑޫގައި ހިނގާ ހުރިހާ ކަމެއްގެ ‘ރިޕޯޓް’ އެ ގުރޫޕްތަކައް ވަގުތުން ފޯރުކޮށްދެމުންދާއިރު، މި ގުރޫޕްތައް ކުރިއަށް ގެންދިއުމަށް ހިތްވަރުދީ ހަރަދުކުރާމީހުންވެސް ތިބިކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ.

ސްކޫލް ދުވަސްވަރު އެކުގައި އުޅުނު ރައްޓެހިންނާއެކު އުފެދިގެން ދިޔަ މި ކުޑަ ގުރޫޕްތަށް އުފެދިގެން ދިޔައިރު ގިނަ ރަށްރަށުގެ ރައްޔަތުންވެސް ތިބީ އެ ގުރޫޕްތަކާއެކުގައެވެ. ކޮންމެ ރަށެއްގެ ގުރޫޕަކަށް ވަކި ނަމެއް ދީފައިވާއިރު އެ ގުރޫޕްތަކަކީ ރަށުގެ ރައްޔަތުންގެ މެދުގައި ނަން ހިނގާ މަޝްހޫރު ގުރޫޕްތަކަށްވަނީ ވެފައެވެ. އެ ގުރޫޕްތަކުން މުޅި ރަށަށް އަތްގަދަ ކުރަމުން ދިޔައިރު، އެ ޒުވާނުންނާއި މެދު ފަހުރުވެރިވާ ބަޔަކުވެސް ތިއްބެވެ. އެއްވެސް ވަޒީފާއެއް އަދާނުކޮށް ޒުވާނުން ‘މަހުޖަނުންހެން’ އުޅެމުން ދިޔައިރު ހުދު އެ ޒުވާނުންގެ އާއިލާއިންވެސް އެކަމާއި ބެހޭ ގޮތުން ސުވާލުކުރަން ބޭނުމެއް ނުވެއެވެ.

ޒިންމާދާރުކަމާއެކު ވަޒީފާ އަދާކުރަންވީ އުމުރުގައި އުފެދިގެން ދިޔަ ‘އެކުވެރިންގެ ގުރޫޕް’ ތަކުގެ ނޭދޭވޭ އަސަރު މުޅި މުޖްތަމައުގެ ކުދި ބޮޑު އެންމެންނަށްވެސް ދިޔައީ ކުރަމުންނެވެ. ރަށުގެ ހަރު މީހުންނާއި، މި ޒުވާނުންނަށްވުރެ ބޮޑެތި މީހުންނަށް އެއްވެސް އިހްތިރާމްކުރުމެއް ނެތި، މި ގުރޫޕްތަކުން މުޅި ރަށަށް އަތްގަދަ ކުރަމުން ދިއުމުގެ ނަތީޖާއަކަށްވެގެން ދިޔައީ މި ގުރޫޕްތަކާއި ދެކޮޅު އެއްވެސް މީހަކަށް ފާޅުގައި އެއްޗެއް ބުނަން ނުކެރުމެވެ. އެހާ ހިސާބުން ރައްޔަތުންވެސް ޒުވާނުން ކުރާނެ ކަމެއް ކުރަން ދޫކޮށްލީއެވެ. އެމީހުން ގުރޫޕްތައް ހުއްޓުވާ ނަސޭހަތްތެރިވާނެ މީހެއް ނެތުމުން އެމީހުން ދިޔައީ އެމީހުން ބޭނުން ގޮތަކަށް ބޭނުންކަމެއް ކުރަމުންނެވެ.އެކަމުގެ ނަތީޖާ މިއަދު ފެނިގެން މި ދިޔައީ ވަރަށްވެސް ހިތި ގޮތަކަށެވެ.

ގުރޫޕްތަކުގެ މެދުގައި މާރާމާރީ އާއި މަސްތުވާތަކެތި އާންމުވެގެން ދިޔައިރު އެ ގުރޫޕްތަކުގައި ކުޑަކުދިން ޝާމިލްކުރުމަކީ އެންމެ ބާރަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މުޅި މުޖްތަމައު އެ ގުރޫޕްތަކުގެ ކޮންޓްރޯލް ދަށަށް ގެންދިއުމަށް ހުރިހާ އުމުރެއްގެ ޒުވާނުން އެ ގުރޫޕްތަކުގެ ތެރެއަށް ވެއްދުމަށް، މަސައްކަތް ކުރަމުން ދިޔައިރު އެ މީހުން ބުނަމުން ދިޔައީ ގަދަ ބަހެވެ. އެމީހުންނަށް ސިޔާސީ ގޮތުން ލިބިފައިވާ ބާރާއި ފައިސާގެ ނުފޫޒު ބޭނުންކޮށްގެން މީހުންނަށް ‘ބިރުދައްކަމުން’ ދިޔައިރު މިހާ ހިސާބަށް ކަންތައް ދިޔަ ހަގީގީ ސަބަބާ މެދު އެއްވެސް މީހަކު ވިސްނާލިނަމައެވެ. ޒިންމާދާރު ޒުވާނުންނަށްވެ، މި ޒުވާނުންގެ ބޭނުން މުޖްތަމައުއަށްޖެހުނު ވަގުތު މި ޒުވާނުން މި ހަލާތަށް ވެއްޓުނީ ކިހިނެތް ހެއްޔެވެ؟

.ދަރިންނަކީ މައިންބަފައިންނާއި ހަވާލުކުރެވިފައިވާ ބޮޑު އަމާނާތެކެވެ. މި އަމާނާތާ މެދު ސުވާލުކުރެވޭނެ ދުވަސް އަންނާނެކަން ކަށަވަރެވެ. އެހެން ކަމުން ދަރިން ކިތެންމެ ބޮޑުވި ނަމަވެސް މައިންބަފައިންނަށް ވުރެ ބޮޑު ނުވާނެކަން ދަންނަން އެބަޖެހެއެވެ. އެ ދަރިން ބޮޑެތި ކުށްވެރިންނަށް ވުމުގެ ކުރިން ހުއްޓުވުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. ދީން އުގަންނައިދީ އިސްލާމްދީނަށް ދަރިން ތަރުބިއްޔަތު ކުރުމަކީ މައިންބަފައިން ކޮންމެހެން ކުރަންޖެހޭކަމެކެވެ.އެކަކު އަނެކަކަށް އަޅާލާ މުޖްތަމައުއެއް ބިނާ ކުރުމަކީ ކޮންމެ މީހެއްގެ ޒިންމާއެކެވެ.

މި ފަދަ ގުރޫޕްތަކަށް ވާގިވެރިވަމުން އަންނަ މީހުން މި ކަން ވަގުތުން ވަގުތަށް ހުއްޓާލަން ޖެހެއެވެ.ނުވަތަ އެންމެން ނިކުމެ ހުއްޓުވާލަންޖެހެއެވެ. މުޖްތަމައުގައި އުފެދެމުން އަންނަ މިކަހަލަ ޒުވާން ގުރޫޕްތައް ހުއްޓުވުމަކީ މުޅި މުޖްތަމައުގެ ޒިންމާއެއްކަން ދަންނަޖެހެއެވެ. ސަރުކާރުގެ އެންމެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން ފެށިގެން އާންމު ރައްޔަތުމީހާވެސް މިކަން ހުއްޓުވުމަށް އަޑު އުފުލަން އެބަޖެހެއެވެ. ބިރު ފަހަނަޅާ ގޮސް މި ޒުވާނުން ހުއްޓުވައިގެން ނޫނީ ސަލާމަތެއްނެތް ކަން ޔަގީނެވެ. ޖީލަކަށްފަހު ޖީލެއް ހަލާކުވާން ދޫކޮށް ނުލާށެވެ. މިހުރިހާ ކަމެއް ބޮއްސުން ނުލަނީސް މި މުޖްތަމައު ސަލާމަތްކުރަން އެންމެން އެކައްޗެއް ކިޔަންވީ ވަގުތު މި އޮތީ އައިސްޖެހިފައެވެ.