English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫ

އައްޑޫ ސިޓީ އަށް ދާއިމީ ގޮތެއްގައި ޕެރިޝަބަލް ކާގޯ ގެންދެވޭނެ އިންތިޒާމުތައް މިހާރު ހަމަޖެހިފައި ވާކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.

ވަޖީހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އައްޑޫ ސިޓީ ގެ ރައްޔިތުންނަށް ބޭނުންވާ ޕެރިޝަބަލް ކާގޯ ދާއިމީ ގޮތެއްގައި ގެންދެވޭނެ ގޮތް ހަމަޖެއްސުމަށް، އެމްޕީއެލް އާއި ހިތަދޫ ރީޖަނަލް ޕޯޓުން ކުރި މަސައްކަތް ކާމިޔާބުވެފައި ވާކަމަށެވެ. އެގޮތުން ރާއްޖެ އަށް އެންމެ ގިނައިން ޕެރިޝަބަލް ކާގޯ ގެންނަ އިންޑިޔާގެ ފައިނޭސް ގުރޫޕް މެދުވެރިކޮށް އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ހިދުމަތް ފެށިގެން ދާނެކަމަށް ވަޖީހު ވިދާޅުވިއެވެ.

މީގެ ކުރިން މި ހިދުމަތް ދެމުން ގޮސްފައި ވަނީ ލަކުޑި ބޯޓު ފަހަރުގައިކަން ފާހަގަކުރައްވަމުން ވަޖީހު ވިދާޅުވީ އޭރު މި ހިދުމަތް ދެވެނީ، އަހަރު ތެރޭގައި ވަކި ދުވަސް ތަކެއްގައި ކަމަށެވެ. އަދި އަހަރުތެރޭ ގިނަ ދުވަސްތަކުގައި އައްޑޫ ސިޓީ އަށް ބޭނުންވާ، މި މުދާ ގެންދަން ޖެހެނީ މާލެއިންކަން ވަޖީހު ފާހަގަ ކުރެއްވިއެވެ. އަދި އައްޑުއަށް މި ހިދުމަތް ދެވޭނީ ދަގަނޑު ބޯޓު ފަހަރުން ކަމަށްވާތީ، މުޅި އަހަރު ތެރޭ ހުރިހާ ދުވަސް ތަކެއްގައިވެސް މެދުކެޑުމެއްނެތި، މި ހިދުމަތް ލިބެމުން ދާނެކަމަށެވެ.

މީގެ އިތުރުން ވަޖީހު ވިދާޅުވީ އާއްމު ގޮތެއްގައި މި ބޯޓު ފަހަރުން ގެންދާނީ، ބިސް، ފިޔާ، އަލުވި، ތަރުކާރީ ގެ އެހެން ބާވަތް ތަކާއި، މޭވާގެ ބާވަތްތައް ކަމަށެވެ. އިތުރަށް ވަޖީހު ވިދާޅުވީ ޕެރިޝަބަލްގެ އިތުރުން، އައްޑޫ ސިޓީ ގެ ރައްޔިތުން އިންޑިއާ އިން ގެންނަން ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތަކާ، ޖެނެރަލް ކާގޯ ގެ ބާވަތްތައްވެސް ގެނެވޭނެ އިންތިޒާމުތައް ހަމަޖެހިފައި ވާކަމަށެވެ. އަދި މި ދަތުރުތައް ރާވަމުން ދަނީ ކޮންމެ 10 ދުވަހަކާ، 15 ދުވަހާ ދޭތެރޭ ކާގޯ ބޯޓެއް އައްޑޫ ސިޓީ އަށް ދާ ގޮތަށް ކަމަށް ވަޖީހު ވިދާޅުވިއެވެ.

ޓެގު