English Edition
Dhivehi Edition
ފޮޓޯ: އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އާ އިމާރާތުގައި ސްޓޭޓް އޮފް ދި އާޓް ޓްރެއިނިންގ ފެސިލިޓީއެއް ގާއިމްކުރަން ސަރުކާރުން ނިންމައިފިއެވެ. މިއީ މި ސަރުކާރުން އަލަށް އިމާރާތްކުރާ ހޮސްޕިޓަލްތައް ޓްރެއިނިންގ ފެސިލިޓީތަކާއެކު ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ސިއްޙީ ދާއިރާގެ އެންމެ އިސް ބޭފުޅުންގެ ތެރޭގައި ހިމެނޭ ނަރުހުންނަކީ ޔުނިވާސިޓީން ކިޔެވުން ނިންމާލުމާއެކު ތަޢުލީމް ފުރިހަމަވާ ބައެއް ނޫންކަމަށާއި، އެ ބޭފުޅުން ޖެހޭނީ ލާމެހިފައި ނުހުއްޓާ ނަރުހުންގެ ދާއިރާއިން ދުނިޔޭގައި ކުރެވޭ ފަހުގެ ދިރާސާތައް ބަލައި، އާ ކަންކަން ދަސްކުރަމުން ދާންކަމަށް ހެލްތް މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް މިއަދު ވަނީ ވިދަޅުވެފައެވެ. އެހެންކަމުން ނަރުހުން ހުންނަންޖެހޭނެ ދަސްވެ ތަމްރީނުވަމުންދާ ބަޔަކަށްކަމަށް ހެލްތް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ފާހަގަ ކުރަމުން އަންނަ ނަރުހުންގެ ދުވަހާއި ގުޅުވައިގެން އޭނާ ފާހަގަކުރެއްވި ގޮތުން ނަރުހުންނަށް ލިބެންޖެހޭ އިތުރު ތަމްރީނާއި ތަޢުލީމް ހޯދުމަށްޓަކައި މިވަގުތު ރާއްޖެއިން ބޭރަށް ދާންޖެހެއެވެ. އެގޮތުން، ގައުމުގައި މި ފުރުސަތު ފަހިވާނޭ ގޮތަށް ސަރުކާރުން އިސްކަންދީގެން މިފަދަ ޚާއްސަ ޓްރެއިނިންގ ފެސިލިޓީތައް ގާއިމްކުރުމަށް މަސައްކަތްކުރައްވާކަމަށް ވިދާޅުވިއެވެ.

ނަރުސްކަމަކީ މުޖުތަމަޢުގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށާއި، އިންސާނީ ސިއްހަތަށް ކުރިމަތިވަމުންދާ އެކި ގޮންޖެހުންތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އަދި ވަރަށް ގިނަ ދާއިރާތަކަކަށް ތަރައްޤީވެ ފުޅާވަމުންދާ ދާއިރާއެއްކަމާއި ނަރުހުންނަށް މިދާއިރާތަކުން ކުރިއެރުމުގެ ގިނަ ފުރުސަތުތަކެއް އޮތްކަމަށް ހެލްތް މިނިސްޓަރު ފާހަގަކުރައްވައިފިއެވެ.

ޚާއްޞަކޮށް އާބާދީ މުސްކުޅިވަމުންދާއިރު ދުވަސްވީ މީހުންނަށް ޚިދުމަތްދިނުމުގެ ދާއިރާ ފުޅާކުރަންޖެހިފައިވާ ކަމަށާއި، ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން މި ދާއިރާއިން ޚާއްސަ ކޯސްތަކެއް ރާވައި ހިންގުމަށްވެސް މަސައްކަތްކުރައްވަމުންގެންދަވާކަމަށް ވިދާޅުވިއެވެ.

މިވަގުތު ރާއްޖޭގައި ނަރުހުންނަށް ތަޢުލީމާއި ތަމްރީނު ދެވެނީ ޤައުމީ ޔުނިވަރސިޓީ އަދި އިންޓާންޝިޕްތައް އައިޖީއެމްއެޗްއާއި ބައެއް އަމިއްލަ ހޮސްޕިޓަލްތަކުގައެވެ. ޤައުމީ ޔުނިވަރސިޓީން ނަރުސް ކަމުގެ ދަރިވަރުންނަށް ދިމާވަމުންއަންނަ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ހުޅުމާލޭގައި ސްކޫލް އޮފް ނަރސިންގެ އައު އިމާރާތެއް އެޅުމަށް ވަނީ ނިންމާފައެވެ.

ޓެގު