English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫގައި މާރާމާރީ އެއް ހިންގައި ޒުވާނަކަށް ބޮޑެތި ޒަހަމްތަކެއްވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޒުވާނާއަށް ހަމަލާދީފައިވަނީ ކަތިވަޅި އެއް ބޭނުންކޮށްގެނެވެ.

މާރާމާރީގައި ޒަހަމްވި ޒުވާނާ – ފޮޓޯ: އެމްވީ ކްރައިސިސް

މާރާމާރީގައި ޒަހަމްވި ޒުވާނާ އަށް މިހާރު އަންނަނީ އައްޑޫ ސިޓީ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. މި މާރާމާރީ ހިންގައިފައިވަނީ ހިތަދޫ ފްލެޓް ސަރަހައްދުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ޒުވާނާ ވެއްޓިފައި

އޭއޯ ނިއުސް އަށް ލިބިފައިވާ ފޮޓޯ ތަކުގައި ޒަހަމްވި މީހާ ބިންމައްޗަށް ވެއްޓިފައި އޮންނަ ތަން ފެންނަ އިރު ބުރަކަށްޓަށް ބޮޑެތި ޒަހަމްތަކެއް ލިބިފައި ހުރިކަން ފެންނަން ހުރެއެވެ. އަދި އެމީހާގެ ކޮނޑުން ބޮޑު ތަނެއް ޒަހަމްވެފައިވާއިރު މޫނުމަތިވެސް އޮތީ ލެއިން ތަތްތެޅިފައެވެ.

މީގެ އިތުރުން އޭނާގެ ވާތު އަތުގެ ބޮޑުވައި އިނގިލި އަދި ޝަހާދަތް އިނގިލި ބުރިކޮށްލައިފައިވާއިރު އެ އަތުގެ އަތްތިލައަށް ބޮޑެތި ޒަހަމްތަކެއް ލިބިފައި ހުރިކަން ފާހަގަކުރެވެއެވެ. އަދި އެމީހާ އެ އަތުގައި ހިފައިން އޮންނަތަންވެސް އެއް ފޮޓޯ އިން ފެނެއެވެ.

ޒަހަމްވި ޒުވާނާގެ 2 އިނގިލި ބުރިކޮށްލާފައި

މީގެ އިތުރުން އެ ޒުވާނާގެ ފަޔަށްވެސް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

މާރާމާރީ އާއި ބެހޭގޮތުން ފުލުހުން ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫގައި މާރާމާރީ އެއް ހިންގި މައްސަލަ އެ އިދާރާއަށް ހުށައަޅައިފައިވަނީ މިރޭ 12:30 ހާއިރުއެވެ. އަދި މި މާރާމާރީ ހިންގައިފައިވަނީ ދެ ގްރޫޕެއްގެ ދެމެދުގައި ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ޒަހަމްވި ޒުވާނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި މިހާރު އެ ޒުވާނާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ގެންދަނީ މިހާރު މި މައްސަލަ ތަހުގީގުކުރަމުންނެވެ.