ދުނިޔޭގެ އެކި ޤައުމުތަކުގެ ކަސްޓަމްސްގެ އިޖުރާއަތުތައް ފަސޭހަކޮށް އެއްގޮތް ކުރުމާއި ގުޅެ މުއާހަދާ، އިންޓަނޭޝަނަލް ކޮންވެންޝަން އޮން ދަ ސިމްޕްލިފިކޭޝަން އެންޑް ހާމަނައިޒޭޝަން އޮފް ކަސްޓަމްސް ޕްރޮސީޖަރސް ނުވަތަ ރިވައިޒްޑް ކިޔޯޓީ ކޮންވެންޝަން (އާރުކޭސީ)ގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.
ބެލްޖިއަމްގެ ބްރަސަލްސްގައި ހުންނަ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާ (ޑަބްލިއުސީއޯ)ގެ މައި އިދާރާގައި އިއްޔެ އޮތް ބައްދަލުވުމެއްގައި ރާއްޖޭގެ ފަރާތުން ކޮންވެންޝަންގައި ބައިވެރިވުމުގެ ލިޔުން ޑަބްލިއުސީއޯގެ ސެކްރެޓަރީ ޖެނެރަލް ކުނިއޯ މިކްރިއާގެ އަތްޕުޅަށް އެރުވީ ރާއްޖެއިން ބެލްޖިއަމް އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޙަސަން ޞާބިރެވެ.
އާރުކޭސީ އަކީ ކަސްޓަމުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައިގަނޑު އަސާސްތަކާއި ސްޓޭންޑާޑްތައް ބަޔާންކުރާ ދުނިޔޭގެ ކަސްޓަމްސް ޖަމިއްޔާ (ޑަބްލިއުސޯއީ)ގެ މުޢާހަދާއެވެ. އާރުކޭސީގެ މަޤްޞަދަކީ ދޭދޭ ޤައުމުތަކުގެ ކަސްޓަމްސްތަކުގެ އުސޫލުތަކާއި މިންގަނޑުތައް ވީހާވެސް އެއްގޮތްކޮށް، ލުއިފަސޭހަކަޮށް ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާ ކުރެވޭނެ ގޮތުގެ މަތިން ވިޔަފާރިއަށް ވީހާވެސް ބޮޑަށް ލުއިފަސޭހަ ކޮށްދިނުމެވެ. ޑަބްލިއުސީއޯއިން އަންދާޒާ ކުރާ ގޮތުގައި ދުނިޔޭގެ ވިޔަފާރީ 70% ހިނގަނީ އާރުކޭސީ ކޮންޓްރެކްޓިންގ ޤައުމުތަކުގެ މެދުގައެވެ. ރާއްޖެ އަކީ އެ ކޮންވެންޝަންގެ 124 ވަނަ ކޮންޓްރެކްޓިންގ ޕާޓީއެވެ.
ކަސްޓަމްސް އިން ހާމަކުރާ ގޮތުގައި އާރުކޭސީ ގައި ބައިވެރިވުމުން އެ ޤައުމަކީ ބައިނަލްއަޤްވާމީ ކަސްޓަމްސްގެ މިންގަނޑުތައް ބޭނުންކުރާ ޤައުމެއްގެ ގޮތުގައި ބަލައިގަނެއެވެ. އެ މުއާހަދާ އަކީ ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްގެ ގޮތުގައި ނަގާކިޔޭ މިންގަނޑެއް ކަމުގައި ވާއިރު، އެ މުޢާހަދާގައި ސޮއިކުރުމުގެ ސަބަބުން ރާއްޖޭގެ ކަސްޓަމްސްގެ އުސޫލުތައްވެސް ބިނާވެފައި ވާނީ އެހެން ޤައުމުތަކުގައިވެސް ބޭނުންކުރާ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ވެގެންދާނެއެވެ. އަދި އާރުކޭސީގެ މިންގަނޑުތަކުގެ ތެރޭގައި އައިޓީ ނިޒާމްތައް ފުޅާ ދާއިރާއެއްގައި ބޭނުންކުރުމާއި، ރިސްކް މެނޭޖްމަންޓް ޤާއުމްކުރުމާއި، ޕްރީ-އެރައިވަލް އިންފޮމޭޝަން ފަދަ ނިޒާމްތަކުން ކަސްޓަމުން މުދާ ކްލިއަރ ކުރުމުގެ ވަގުތު ކުޑަވެގެންދާނެ ކަމަށާއި، އަވަހަށް މުދާ ކްލިއަރ ކުރެވުމަކީ ކަސްޓަމްސް އަށާއި ވިޔަފާރިވެރިންނަށްވެސް ފައިދާކުރާނެ ކަމެއް ކަމުގައިވެސް ކަސްޓަމްސް އިން ބުނެފައި ވެއެވެ.
އާރުކޭސީގައި ބައިވެރިވުމަށް ނިންމާފައިވާ ޑބްލިއުސީއޯގެ މެންބަރުންނަށް އެ ޤައުމެއްގެ ޤާބިލްކަން އިތުރުކުރުމަށް ޑަބްލިއުސީއޯ އާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުންނާއި އެހީތެރިވެދޭ އެހެން ޤައުމުތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އެގޮތުން ވަސީލަތްތައް ޤާއިމްކުރުމާއި، މުވައްޒަފުން ތަމްރީނު ކުރުމާއި، ފަންނީ ގޮތުން ލިބޭ އެހީތެރިކަން އިތުރުވެގެންދާނެއެވެ.
މީގެ އިތުރުން ކަސްޓަމްސް އިން ހާމަކުރާ ގޮތުގައި އާރުކޭސީގެ މިންގަނޑެއް ކަމަށްވާ ކަސްޓަމްސް-ބިޒްނަސް ޕާޓްނާޝިޕް، ޓްރާންސްޕޭރެންސީ، އެޕީލް ޕްރޮސީޖާގެ ސަބަބުން ރާއްޖެއަށް އަންނަ ފޮރިން އިންވެސްޓްމަންޓް އިތުރުކުރެވި، ވާދަވެރި އިޤްތިޞާދަކަށް ވެގެންދާނެއެވެ. ވާލްޑް ބޭންކުން ހަދާފައިވާ ސާވޭތަކުން ދައްކާ ގޮތުގައި ޤައުމެއްގައި އިންވެސްޓް ކުރުމުގެ ކުރިން އިންވެސްޓަރުން ރިޢާޔަތްކުރާ މުހިންމު ކަންތައްތަކުގެ ތެރެއިން އެއް ކަމަކީ އެ ޤައުމެއްގައި ހަރުދަނާ އަދި ފަސޭހަ ބޯޑަރުގެ އުސޫލުތަކެއް ވޭތޯޢެވެ. ކަސްޓަމްސްގެ އުސޫލުތަކާއި މިންގަނޑުތަކަކީ ދުނިޔޭގެ އެހެން ޤައުމުތަކާ އެއްގޮތަށް އެކަށައެޅިފައިވާ އުސޫލުތަކަށް ވާނަމަ، އިންވެސްޓަރުންގެ އިތުބާރު އިތުރުވެ، އިތުރު އިންވެސްޓްމަންޓްތައް އައުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.
އަދި ދެފުއް ފެންނަ، ފަސޭހައިން ދޭހަވާ ކަސްޓަމްސް އުސޫލުތަކުގެ ސަބަބުން މުވައްޒަފުންގެ ނަޒާހަތްތެރިކަން ހިފެހެއްޓި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށާޢި، ކަސްޓަމްސްގެ ތަންފީޒީ މަސައްކަތްތައްވެސް އެކަމުގެ ސަބަބުން ހަރުދަނާވެ، ދޮރޯށި ބެލެހެއްޓުމާއި ދައުލަތުގެ އާމްދަނީ ހިމާޔަތް ކުރުމުގައި އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.