English Edition
Dhivehi Edition
ފާތިމަތު ދިޔާނާ

މޯލްޑިވްސްގެ ކަސްޓަމްސް ސާވިސްގެ 133 އަހަރުވީ ދިގު ތާރީހުގައި އެ އިދާރާގެ ޑެޕިއުޓީ ކޮމިޝަނަރަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ހަމަޖައްސައިފިކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފިއެވެ.

ކަސްޓަމްސް ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަގާމަށް ހަމަޖެއްސި ޅ. ހިންނަވަރު/ ސަންދުރަ، ފާތިމަތު ދިޔާނާއަށް މަގާމުގެ ލިޔުމާއި މަގާމުގެ ފޮތްކޮޅު ހަވާލުކޮށްދެއްވީ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދުކަމަށް ކަސްޓަމްސް އިން މިއަދު ބުންޏެވެ.

ކަސްޓަމްސްއަށް މިދިޔަ 23 އަހަރު ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ ދިޔާނާ ކުރިން ހުންނެވީ ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިޑެންޓެންޓްގެ މަގާމުގައެވެ.

“މިއީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ރާއްޖޭގެ ތަރައްގީގައި އަންހެނުންގެ ހިއްސާ އިތުރުކުރުމާއި އަންހެނުން ބާރުވެރިކޮށް، އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް،” ކަސްޓަމްސްއިން ބުންޏެވެ.

ދިޔާނާގެ އިތުރުން ކަސްޓަމްސްގައި މިހާރު ދެ ޑެޕިއުޓީ ކޮމިޝަނަރުން ތިއްބަވަ އެވެ. އެއީ އަބްދުﷲ ވަހީދާއި މަހުމޫދު ރިޔާޒެވެ.