English Edition
Dhivehi Edition

ފެނާއި ނަރުދަމާގެ ދާއިރާއިން ކޯސްތައް ފަރުމާކުރުމަށް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި މޯލްޑިވްސް އިންސްޓިޓިޔުޓް އޮފް ޓެކްނޮލޮޖީ، (އެމް.އައި.ޓީ) އާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ޑރ. ހުސައިން ރަޝީދު ހަސަނެވެ. އަދި އެމް.އައި.ޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް، އާދަމް ހަލީމް އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީ އިން ހާމަ ކުރެއްވި ގޮތުގައި މި އެއްބަސްވުމަކީ ފެނާއި ނަރުދަމާގެ ދާއިރާއިން ލެވެލް 3 އަދި ލެވެލް 4ގެ ސެޓްފިކެޓް ކޯހަށް ބޭނުންވާ ސްޓެންޑާޑް އަދި ކޯސް މެޓީރިއަލް ތައްޔާރުކުރުމަށް ވެވުނު އެއްބަސްވުމެކެވެ.

އެގޮތުން މި އެއްބަސްވުމުގެ ދަށުން ތައްޔާރުކުރުމަށް ރޭވިފައިވާ ފެނާއި ނަރުދަމާގެ ކޯސްތަކުގެ ތެރޭގައި ޕްލަމިންގް، ސްވަރޭޖް ސިސްޓަމް އޮޕަރޭޝަންސް އެންޑް މެއިންޓެނެންސް، ވޯޓާ ސިސްޓަމް އޮޕަރޭޝަންސް އެންޑް މެއިންޓެނެންސް އަދި ފެން ތަހުލީލު ކުރާ ލެބޯޓްރީ ޓެކްނީޝަންސް އެވެ. މި މަސައްކަތް ކުރިއަަށްދާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގް އޮތޯރިޓީ (ޓިވެޓް) ގުޅިގެން ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިނިސްޓްރީއިން އިތުރަށް ހާމަކުރެއްވި ގޮތުގައި މި ކޯސްތައް ފަރުމާ ކުރެވިގެންދާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަނޑުތަކާއި އެއްގޮތަށް ކަމަށާއި މި ކޯސްތައް ވެގެންދާނީ މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ހުނަރާއި ފަންނީ ގާބިލުކަން އިތުރު ކުރުމަށް ލިބޭ ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ.

މި ކޯސްތައް އެކުލަވާލުމަށްފަހު، ފެނާއި ނަރުދަމާގެ ޔޫޓިލިޓީ ހިދުމަތްދޭ ރަށްތަކުގައި މި އެއްބަސްވުމުގެ ދަށުން ފަރުމާކުރެވޭ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް މިނިސްޓްރީންވަނީ ހާމަކޮށްފައެވެ.