English Edition
Dhivehi Edition

ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިޔަށްދާގޮތް ފުވައްމުލައް ސިޓީގެ މަޖިލިސް މެމްބަރުން ބައްލަވާލައްވައިފިއެވެ.

ފުވައްމުލަކު މެދު ދާއިރާގެ މަޖިލިސް މެންބަރު ހުސެއިން މުހަޢްމަދު ދީދީ އަދި ދެކުނު ދާއިރާގެ އިއްޒައްތެރި މަޖިލިސް މެންބަރު މުހަޢްމަދު މުމްތާޡް ވަނީ މި މަސައްކަތް މިހާރު ގޮސްފައިވާ ހިސާބު ބައްލަވާ، މި މަސައްކަތާއި ގުޅޭ ގޮތުން މަޝްވަރާތައް ކުރައްވާފައެވެ.

އެންމެ ފުރަތަމަ، ފުވައްމުލައް ސިޓީގައި ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތް ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ފެށީ 2016ވަނަ އަހަރުގައެވެ.އަދި 2018ވަނަ އަހަރު ބައެއް ގެތަކަށް ވަނީ ނަރުދަމާގެ ޚިދުމަތް ދޭން ފަށާފައެވެ. އެހެންނަމަވެސް މި ނިޒާމް ފޯރުކޮށް ދިނުމުގައި ދިމާވި ބައެއްކަހަލަ މައްސަލަތަކުގެ ސަބަބުން ރައްޔިތުންނަށްވަނީ ގިނަ އުދަގޫތަކާއި ކުރިމަތިލާންޖެހިފައެވެ،

އެމްޑީޕީގެ ރަށްވެހި ފަތިސް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ހަރަކާތުގެ ތެރެއިން ފުވައްމުލަކު ކެންޑިޑޭޓުން ވަނީ މި ކަންބޮޑުވުންތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ހިއްސާކުރައްވާފައެވެ. އަދި މި މައްސަލަ އަށް ދާއިމީ ހައްލެއް ހޯއްދަވައި ދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމުގެ މައްސަލަތައް ޙައްލުކޮށް މަރާމާތު ކުރުމަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައިވަނީ 22 ފެބްރުއަރީ 2021 ގައެވެ. މި މަސައްކަތް ކުރުމަށް އެ ކުންފުންޏާ ޙަވާލުކޮށްފައިވަނީ 6 މަސްދުވަހުން މަސައްކަތް ނިންމުމަށެވެ. އަދި މިމަސައްކަތަށް ސާޅީސް ތިން މިލިޔަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ.